Roadha Mihaaru
އާލިއާގެ ފިލްމުގައި ރަންބީރާއި ދީޕިކާގެ ފެނިލުންތަކެއް

އާލިއާ ބަޓްގެ "ގަންގްބާއީ" ގައި ރަންބީރާއި ދީޕިކާގެ ފެނިލުންތަކެއް

24 ޑިސެމްބަރ 2019

އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ހާއްސަ ފެނިލުންތަކުން ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި ދީޕިކާ ފަދްކޯން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ހާއްސަ ފެނިލުންތަކުން ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި ދީޕިކާ ފަދްކޯން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އާލިއާއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރާއި ދީޕިކާ ފިލްމުގެ ހާއްސަ ފެނިލުންތަކުން ފެނިގެންދާ އިރު، އެ މީހުންގެ ރޯލްތަކަކީ ފިލްމުގެ ވަރަށް ހާއްސަ ކެރެކްޓާތަކަކަށް ވާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ތަރިން ބަންސާލީއާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުންޏެވެ.

"ގަންގްބާއީ" ވެގެންދާނީ ބަންސާލީގެ ފިލްމަކުން ރަންބީރު ފެންނާނެ ދެވަނަ ފަހަރަށެވެ. އޭނާ ބޮލީވުޑަށް 2007 ގައި ތައާރަފުވީ ބަންސާލީ ގެނެސްދިން "ސާވަރިޔާ" އިންނެވެ. އެކަމަކު އެ ފިލްމަކީ މިހާތަނަށް ރީތި އަދި ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފީކަޅާ އަދި ބެލުންތެރިންނަށް ކަމުނުދިޔަ ފިލްމެވެ.

ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ވެސް ބަތަލާ އެވެ. އެއީ މިދިޔަ އަހަރުގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ. އެ ފިލްމުތަކުގެ ބަތަލަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގެވެ.

އިންޑިއާގެ ކުރީގެ ވަރަށް ނުފޫޒު ގަދަ އަންހެން ގޭންގްސްޓާރެއް ކަމަށްވާ ގަންގްބާއީ ކަތިޔަވާޅީގެ ވާހަކަ ކިޔައިދޭ ފިލްމު ސްކްރީނަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގަ އެވެ.

މި ފިލްމުގެ މަންޒަރުތައް ނެގުމަށް މުމްބާއީގެ ފިލްމު ސިޓީގައި މިހާރު އަންނަނީ އަގުބޮޑު ބިޔަ ސެޓްތަކެއް ހަދަމުންނެވެ. "ގަންގްބާއީ" އަކީ އާލިއާ މަސައްކަތްކުރާ ބަންސާލީގެ ފުރަތަމަ ފިލްމެވެ.

މި ފިލްމުން އޭނާ އަށް ފުރުސަތު ލިބުނީ ސަލްމާން ޚާނާއި އާލިއާއާ އެކު ބަންސާލީ ގެނެސްދޭން އުޅުނު "އިންޝާﷲ" އިން ފަހު ވަގުތު ސަލްމާން ވަކިވުމާ ގުޅިގެން، އެ ފިލްމުގެ މަސައްކަތް އެއްކޮށް ހުއްޓައިލުމާ ގުޅިގެންނެވެ.