19 ޑިސެމްބަރ 2019
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި އާންމުންގެ މެދުގައި އެއް މައުލޫއެއްގައި އެންމެ ހޫނު ބަހުސެއް ދިޔައީ ކުންފުނިތަކުގެ ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑުން ޓެކްސް ނެގުމާ މެދުގަ އެވެ. އެއް ބަޔަކު، ޑިވިޑެންޑުން ޓެކްސް ނެގުމަކީ އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ނެގުން ކަމަށް ބުނެ އެވެ. އަނެއް ބައެއްގެ ނަޒަރުގައި ޑިވިޑެންޑުން ޓެކްސް ނެގުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫން ނަމަ، ބޮޑެތި ވިޔަފާރިވެރިންނަށް ލިބޭ ހަގީގީ ފައިދާ ނުވަތަ އާމްދަނީން ޓެކްސް ނުކުރެވި ހުރިހާ ބުރައެއް އާދައިގެ ރައްޔިތު މީހާ އުފުލަން ޖެހެނީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި އާންމުންގެ މެދުގައި އެއް މައުލޫއެއްގައި އެންމެ ހޫނު ބަހުސެއް ދިޔައީ ކުންފުނިތަކުގެ ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑުން ޓެކްސް ނެގުމާ މެދުގަ އެވެ. އެއް ބަޔަކު، ޑިވިޑެންޑުން ޓެކްސް ނެގުމަކީ އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ނެގުން ކަމަށް ބުނެ އެވެ. އަނެއް ބައެއްގެ ނަޒަރުގައި ޑިވިޑެންޑުން ޓެކްސް ނެގުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫން ނަމަ، ބޮޑެތި ވިޔަފާރިވެރިންނަށް ލިބޭ ހަގީގީ ފައިދާ ނުވަތަ އާމްދަނީން ޓެކްސް ނުކުރެވި ހުރިހާ ބުރައެއް އާދައިގެ ރައްޔިތު މީހާ އުފުލަން ޖެހެނީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގައި ޑިވިޑެންޑް މާނަކޮށްދީފައިވަނީ، ހިއްސާގެ އާމްދަނީގެ ގޮތުގައި ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް ފައިދާގެ ބައިވެރިއަކަށް ލިބޭ އެއްޗެކެވެ. އާދައިގެ ބަހުރުވައިން ނަމަ، މިއީ ކުންފުންޏެއްގެ ހިއްސާދާރުންނަށް އެ ކުންފުނީގެ ފައިދާއިން، އެ ހިއްސާދާރުން ހިއްސާކުރާ ރައުސްމާލުގެ ނިސްބަތުން ބަހާ ފައިދާ އެވެ. މި ދެންނެވި ފައިދާއަކީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީން ހަރަދުތައް، އޭގެ ތެރޭގައި އެ ކުންފުންޏަކުން ދައްކަން ޖެހޭ ޓެކްސް ވެސް ހިމެނޭ ގޮތުން، އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. މީގެ ތެރޭގައި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުންޏެއްގައި އަމިއްލަ ފަރުދަކު އިންވެސްޓްކޮށް އެ ކުންފުންޏެއްގެ ހިއްސާއިން އެ މީހަކަށް ލިބޭ ފައިދާ އާއި ކުންފުނި ފަދަ ގާނޫނީ ޝަހުސަކުން އެހެން ކުންފުންޏެއްގައި އިންވެސްޓްކޮށްގެން ހޯދާ ޑިވިޑެންޑު ވެސް ހިމެނެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ މައިގަނޑު މަގުސަދަކީ ފަރުދުންނާއި ކުންފުނިތައް އަދި މި ނޫން ވެސް ގާނޫނީ ސަހުސުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމެވެ. އެހެންކަމުން، ޑިވިޑެންޑަކީ ވެސް އާމްދަނީއެއް ކަމަށް ވާތީ އެއިން ވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި، ޑިވިޑެންޑަކީ ކުންފުންޏެއްގެ ފައިދާއިން ޓެކްސް ދެއްކުމަށް ފަހު ހިއްސާދާރުންނަށް ބަހާ އަދަދަކަށް ވާއިރު، އެ އަދަދުން އިތުރަށް ޓެކުހެއް ދެއްކުމަކީ އެއް އާމްދަނީއަކުން ފަށްކޮށް ޓެކްސް ދެއްކުން ކަމަށް ބެލެވޭނެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ބައެއް ގައުމުތަކުގައި ޑިވިޑެންޑަކީ ޓެކްސް ނަގާ އާމްދަނީއެކެވެ. އަދި ބައެއް ގައުމުތަކުގައި ޑިވިޑެންޑުން އެއްވެސް މިންވަރަކަށް ޓެކްސް ދައްކަން ނުޖެހޭއިރު އަނެއް ބައި ގައުމުތަކުގައި ޑިވިޑެންޑުގެ ގޮތުގައި ލިބޭ އާމްދަނީއަށް ވަކި އުސޫލުތަކެއްގެ ތެރެއިން ލުއިތަކެއް ހަމަޖައްސައި ދީފައި ވެސް ހުރެ އެވެ. އާންމު ގޮތެއްގައި ޑިވިޑެންޑަށް ލުއިދޭ ގޮތަކީ އެހެން އާމްދަނީއަކާ އަޅާބަލާއިރު ދަށް ރޭޓެއްގައި ޑިވިޑެންޑުން ޓެކްސް ދައްކަން ޖެހޭ ގޮތަށް އިންތިޒާމުކުރުމެވެ. އަނެއް އުސޫލަކީ ޑިވިޑެންޑް އެކްސްކުލޫޝަން ނުވަތަ ކަނޑައެޅޭ ވަކި މިންވަރަކަށް ޑިވިޑެންޑަށް ޓެކްސްގެ ލުޔެއް ދިނުމެވެ. ނުވަތަ ކުންފުނިން ދައްކާފައިވާ ޓެކުހާ ގުޅިގެން ހިއްސާދާރުންނަށް ވަކި އުސޫލެއްގެ ތެރެއިން ޓެކްސް ކްރެޑިޓް ދިނުމެވެ. އަދި މަދު ގައުމެއްގައި ޑިވިޑެންޑުގެ އަދަދަކީ އެ ކުންފުންޏަކުން އުނިކުރެވޭ ހަރަދެއްގެ ގޮތުގައި ވެސް ހަމަޖައްސައިފައި ހުރެ އެވެ.
އެއްވެސް މިންވަރަކަށް ޑިވިޑެންޑުން އިންކަމް ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކަށް ބަލާއިރު، ސިންގަޕޫރު، މެލޭޝިއާ ހިމެނެ އެވެ. އަދި ޑަބަލް ޓެކްސް ނުވާނެ ގޮތަކަށް އިންތިޒާމުތައް ބައްޓަންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ފިންލޭންޑް، އިޓަލީ، މެކްސިކޯ، ނިއު ޒީލެންޑް އަދި ނޯވޭ ހިމެނެ އެވެ.
ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ބައެއް ގައުމުތަކުގައި، ޑިވިޑެންޑުގެ ގޮތުގައި ލިބޭ އާމްދަނީ، ހިމަނަން ނުޖެހުނު ނަމަވެސް، އެ ގައުމުތަކުގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ޑިވިޑެންޑުގެ ގޮތުގައި އަދަދެއް ދައްކާ ނަމަ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ވަކި މިންވަރެއް އުނިކުރަން ޖެހެ އެވެ. މި ގޮތުން، އެމެރިކާ ފަދަ ގައުމުތަކުގައި މިފަދަ ގޮތަކަށް ދޭ ޑިވިޑެންޑުން 30 ޕަސެންޓް އަދި ކައިރި ގައުމުތަކުގެ ތެރެއިން ނަމަ، ތައިލެންޑުގައި 10 ޕަސެންޓް ވިތުހޯލްޑިން ޓެކްސް ނަގަ އެވެ.
އޮކްޓޫބަރު 15، 2019 ގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ބިލަށް ބަލާއިރު، އެ ބިލުގެ ތިން ވަނަ މާއްދާގައި ޓެކްސް ނެގޭ އާމްދަނީގެ ގޮތުގައި ޑިވިޑެންޑު ހިމަނާފައިވެ އެވެ. އަދި ބިލުގެ 11 ވަނަ މާއްދާގައި ދިވެހިރާއްޖެއިން ލިބޭ އާމްދަނީގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް ވެސް ހިމެނެ އެވެ. މީގެ މާނައަކީ ޑިވިޑެންޑުގެ ގޮތުގައި ލިބޭ އާމްދަނީގެ އަދަދު އެ ބިލުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ފަރާތެއްގެ ޖުމުލަ އާމްދަނީގެ ތެރޭގައި ހިމަނަން ޖެހޭ ކަމެވެ. އެހެންކަމުން، ބިލުގައި އޮތް އާންމު އުސޫލަކީ ޑިވިޑެންޑުން ޓެކްސް ނެގުމެވެ.
ނަމަވެސް، ބިލުގެ 12 ވަނަ މާއްދާއަށް ނަޒަރުކުރާއިރު، އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް" ހިމަނައިފައި އޮތެވެ. މީގެ މާނައަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ ޑިވިޑެންޑުން ޓެކްސް ދައްކަން ނުޖެހުމެވެ. ސާދާކޮށް ބުނާ ނަމަ، ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ގަނެފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް (މިސާލަކަށް ރާއްޖޭގައި އާންމު ގޮތެއްގައި ދިރިއުޅޭ ދިވެއްސަކަށް) ބޭންކުން ލިބޭ ޑިވިޑެންޑުން އެ މީހާ ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
މި މާއްދާއަށް ބަލާއިރު، ފާހަގަކޮށްލަން ޖެހެނީ އެ މާއްދާގައި އޮތީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑުގެ ވާހަކަ ކަމެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ ޑިވިޑެންޑާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ ޑިވިޑެންޑުން ޓެކްސް ދެއްކުން އިސްތިސްނާކޮށްފައެއް ނެތެވެ. އެހެންކަމުން ބިލު ހުށައަޅައިފައި އޮތީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދައްކާ ޑިވިޑެންޑް ފިޔަވައި އެހެން ހުރިހާ ޑިވިޑެންޑަކުން ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ.
ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށައެޅި ބަހުސްކުރި އިރު އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ބިލުގެ 12 ވަނަ މާއްދާއަށް ހުށައެޅި އިސްލާހަކާ މެދުގަ އެވެ. މި އިސްލާހުގައި އޮތީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ ޑިވިޑެންޑުގެ އަދަދު އަހަރަކަށް ބަލާއިރު އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމަ އެ އިތުރުވާ މިންވަރަކުން ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ. މި އިސްލާހަށް ތާއީދުކުރި މެންބަރުން ވަކާލާތުކުރީ ރާއްޖޭގައި ވަޒަންވެރިފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑުން ވިއަސް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ނަމަ އެ އިތުރުވާ އަދަދަކުން ޓެކްސް ދެއްކުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. މި އިސްލާހާ ދެކޮޅު މެންބަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އެއް މިލިއަން ރުފިޔާއަށް އިތުރުވާ ހާލަތެއްގައި ވެސް ޑިވިޑެންޑުން ޓެކްސް ދައްކަން ޖެހޭ ގޮތަށް އޮތުމަކީ ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެވެ. އަދި އެ ކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ފަސްޖެހޭނެ ކަމަށް ވެސް ވަކާލާތުކުރި އެވެ. އެހެންކަމުން، އެންމެ ފަހު ވަގުތު މި އިސްލާހުގެ ބަދަލުގައި ކުރިން ސަރުކާރުން ބިލު ހުށައެޅި ގޮތަށް އެ މާއްދާ ވަނީ ބަދަލުކޮށްފަ އެވެ.
ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ ޑިވިޑެންޑުން ޓެކްސް ނެގުމަކީ ބޭރުގެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކުރަން އެޅިދާނެ ހުރަހެވެ. އެކަމަކު ބިލުގައި އޮތީ ޑިވިޑެންޑުން ޓެކްސް ދައްކަން ނުޖެހޭނީ ހަމައެކަނި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދައްކާ ޓެކުހުން އެކަނި ކަމެވެ. ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ހިއްސާދާރުންނަށް ޑިވިޑެންޑް ދިނުމުގެ ކުރިން ބިލުގެ 55 ވަނަ މާއްދާގެ (ހ) ގެ (4) މާއްދާގެ ދަށުން ވިތުހޯލްޑިން ޓެކްސް އުނިކުރަން ޖެހޭނެ އެވެ. އަދި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކަށް ނުވެ އެކަމަކު އެ ކުންފުނީގެ ހިއްސާދާރުންނަކީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނަމަ އެ ފަރާތަކަށް ލިބޭ ޑިވިޑެންޑުން ވެސް ޓެކްސް ދައްކަން ޖެހޭނެ އެވެ. އެހެންކަމުން، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ ހިއްސާދާރުންނަކީ އާންމު ގޮތެއްގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ބަޔަކަށް ނުވާތީ، ބޭރުގެ އިންވެސްޓަރުންގެ ހައްގުގައި "ޑިވިޑެންޑުން ޓެކްސް ނަގާ މާއްދާ" ބަދަލުކުރި ނަމަވެސް، މެމްބަރުންގެ މަގުސަދު ހާސިލުވި ކަމާ މެދު ސުވާލު އުފެދެ އެވެ. ހަމައެކަނި ޔަގީންކަމާ އެކު ލުއި ލިބިފައިވަނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ވިޔަފާރިވެރިންނަށެވެ. އެއީ އާންމު ގޮތެއްގައި ދިވެހި ވިޔަފާރިވެރިން ކަމަށް ބެލެވިދާނެ އެވެ.
އެހެންކަމުން، ޑިވިޑެންޑާ މެދު ކުރި ބަހުސާއި ފާސްކުރި ބިލާ އަޅާބަލާއިރު ހާސިލުކުރަން ބޭނުންވި މަގުސަދު އެންމެ ފުރިހަމައަށް ހާސިލުކުރެވިފައި އޮތް ކަމަކަށެއް ނުފެނެ އެވެ.
އަލީ ނައީމަކީ ފުޅާ ދާއިރާއެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް މާލީ، ކޮމާޝަލް އަދި ޓެކުހުގެ ގާނޫނުތަކާ ގުޅޭ ގޮތުން 2015 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ލޯ ފާމެއް ކަމަށް ވާ ސީޓީއެލް ސްޓްރެޓެޖީސް، އެލްއެލްޕީގެ ގާނޫނީ ވަކީލެކެވެ.
އިންކަމް ޓެކުހާ އެކު ކުލި ބޮޑުކުރާކަށް ނުޖެހޭ
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޓްރައިބިއުނަލަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރުހުން
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު
ޓެކްސް ބޮޑުކުރާ ނަމަ ގައުމު އިނދަޖެހިދާނެ: ސިޔާމް
ޓީޖީއެސްޓީ ބޮޑުކުރުމުގެ ބަހުސް ނިންމައި، ކޮމިޓީއަށް
ގްރީން ޓެކްސް 12 ޑޮލަރާ ހަމައަށް ބޮޑު ކުރަނީ
ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަނީ
ޑޮލަރުން ލިބޭ އާމްދަނީއަށް 120 މިލިއަން އިތުރުވާނެ