14 ޑިސެމްބަރ 2019
ވޮޝިންޓަން (ޑިސެމްބަރު 14) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސްގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
ވޮޝިންޓަން (ޑިސެމްބަރު 14) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސްގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ ދެން ދާނީ ފުލް ހައުސްގެ ވޯޓަށެވެ. ޑިމޮކްރެޓިކުންގެ ކޮންޓްރޯލް އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އެ ވޯޓު، ފެށޭ ހަފުތާގައި ނަގާނެ ކަމަށް ބެލެވެ އެވެ. ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ފާސްކުރަން ޑިމޮކްރެޓިކުން ވޯޓު ދިން އިރު ރިޕަބްލިކަން މެންބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޖުޑިޝަރީ ކޮމިޓީން ހުކުރު ދުވަހު ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައީ 10 މިނިޓަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ ބަހުސް 14 ގަޑިއިރަށް ކުރިއަށް ދިޔަ އެވެ. އިމްޕީޗް ކުރާ ދެ މައްސަލަ ފާސްވީ ކޮމިޓީގެ 23-17 ވޯޓުންނެވެ.
ޓްރަމްޕް އިމްޕީޗް ކުރާ ލިޔުން ބިނާކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްޗަށެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރިކަމަށް ބަލާފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ސިޔާސީ ވާދަވެރިއެއް ކަމަށް ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ ކޮރަޕްޝަން މައްސަލައެއް ބެލުމަށް ޔޫކްރޭނަށް ނުފޫޒް ފޯރުވާފައިވާތީ އެވެ. ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބަލާފައި ވަނީ ހައުސްގެ ކޮމިޓީތަކުން ކުރިއަށް ގެންދިޔަ ތަހުގީގަށް ޓްރަމްޕް އެއްބާރުލުން ދެއްވާފައި ނުވާތީ އެވެ.
ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ. ބައިޑަންގެ މައްސަލަ ބަލަން ޕްރެޝަރު ކުރުމުގެ ގޮތުުން ޓްރަމްޕް ވަނީ ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ވެސް ހިފަހައްޓަވައިފަ އެވެ.
ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހު އެވެ.
ހައުސްގެ އިންޓަލިޖެންސް ކޮމިޓީގެ ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު ތައްޔާރުކުރި 300 ސަފުހާގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ މި މަހުކުރީކޮޅު އެވެ.
ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮންނަ ހައުސްގައި ވޯޓަށް އެހުމަށް ފަހު 51 ޕަސެންޓް ވޯޓުން ފާސްވެއްޖެ ނަމަ ދެން މައްސަލަ ބަލާނީ ރިޕަބްލިކުން ކޮންޓްރޯލް ކުރާ ސެނެޓުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ހައުސްގެ 431 މެންބަރުންގެ ތެރޭން 233 މެންބަރުންނަކީ ޑިމޮކްރެޓުންނެވެ. އެހެންވެ ރިޕަބްލިކަންގެ ސަޕޯޓް ނެތިވެސް ޓްރަމްޕް އިމްޕީޗްކުރަން ފާސްކުރެވިދާނެ އެވެ. ސެނެޓުގައި ތިބީ ރިޕަބްލިކަން 53 މެންބަރުންނާއި 45 ޑިމޮކްރެޓްސް މެންބަރުން އަދި އިންޑިޕެންޑެންޓް ދެ މެންބަރުންނެވެ. އެ ދެ މެންބަރުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.
ސެނެޓުން މައްސަލަ ބަލާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުންނެވެ. ޕްރޮސެކިއުޓަރުންނަކީ ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ޓީމެކެވެ. ރައީސް އަށް ވެސް ދިފާއީ ވަކީލުންގެ ޓީމެއް އޮންނާނެ އެވެ. ޖޫރީންގެ ގޮތުގައި ތިބޭނީ ސެނެޓަރުންނެވެ. ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި ވޯޓުން ނިންމައިފި ނަމަ މަގާމުން ވަކިވާން ޖެހޭނެ އެވެ. އަދި ޓްރަމްޕަކީ އިމްޕީޗްމަންޓުން މަގާމުން ދުރުކުރާ އެމެރިކާގެ ފުރަތަމަ ރައީސް އަށް ވާނެ އެވެ. ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި ސެނެޓުގެ 100 މެންބަރުން ވޯޓުލާ ނަމަ، ޑިމޮކްރެޓިކް ހުރިހާ މެންބަރުންނާއި އިންޑިޕެންޑެންޓް ދެ މެންބަރުންގެ އިތުރުން ރިޕަބްލިކަން 20 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.
މީގެ ކުރިން ވަނީ ދެ ރައީސަކު އިމްޕީޗްކޮށްފަ އެވެ. އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަން އަދި 17 ވަނަ ރައީސް އެންޑްރޫ ޖޯންސަންގެ މައްސަލަ ސެނެޓަށް ގެންދިޔަ ނަމަވެސް ކުށްވެރިވާ ކަމަށް ފާސްކޮށްފައެއް ނުވެ އެވެ. އެމެރިކާގެ 37 ވަނަ ރައީސް ރިޗަޑް ނިކްސަން ވަނީ އިމްޕީޗްމަންޓް ފެށުމާ އެކު 1974 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. މެއި 16 އަދި 26، 1868 ގައި ނެގި ވޯޓުން ޖޯންސަން ސަލާމަތްވެވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
ވައިޓް ހައުސްގެ ސްޓާފެއް ކަމަށްވާ މޮނިކާ ލެވިންސްކީ ކިޔާ 22 އަހަރުގެ އަންހެން ކުއްޖަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވި މައްސަލާގައި ކްލިންޓަން އިމްޕީޗް ކުރުމަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ޑިސެމްބަރު 19، 1988 ގައި ކްލިންޓަން އިމްޕީޗް ކުރުމަށް ހައުސްގައި ނެގި ވޯޓުގައި، ހުވަޔާ ޚިލާފުވެފައިވާ ކަމަށް ފާސްވީ 228-206 ވޯޓުންނެވެ. އަދުލް އިންސާފަށް ހުރަސް އެޅި ކަމަށް ފާސްވީ 221-212 ވޯޓުންނެވެ. ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، ހުވަޔާ ޚިލާފުވި މައްސަލާގައި، ސެނެޓުގައި ނެގި ވޯޓުގައި ކްލިންޓަން ސަލާމަތްވެވަޑައިގަތީ 55-45 ވޯޓުންނެވެ. އިންސާފަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ނެގި ވޯޓު ވަނީ 50-50 އިން ހަމަހަމަވެފަ އެވެ.
ތުހުމަތުތަކަށް ޓްރަމްޕް އިންކާރު، އެއްޗެއް ވިދާޅެއްނުވި
ޓްރަމްޕާ ދެކޮޅަށް ބާރު ލިބޭ އީމެއިލް އަކީ "ބޮމެއް"!
ޓްރަމްޕް އިމްޕީޗް ވެއްޖެތަ؟: ބޮޑު ބަހުސަކަށް!
ޓްރަމްޕް ބޭނުންވަނީ ޝަރީއަތް އަވަސްކުރަން
ސެނެޓުގެ ފުރަތަމަ މަސައްކަތަަކަށް ޓްރަމްޕުގެ މައްސަލަ
ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ އާއްމުކޮށްފި
އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން އުޅުނިން: ޓްރަމްޕު
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ޓްރަމްޕް ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން
ޓްރަމްޕް ކުށްވެރިކުރަން ސެނެޓުން ފާހެއް ނުވި