Roadha Mihaaru
ސެނެޓުގެ ފުރަތަމަ މަސައްކަތަަކަށް ޓްރަމްޕުގެ މައްސަލަ

ސެނެޓުގެ ފުރަތަމަ މަސައްކަތަަކަށް ޓްރަމްޕުގެ މައްސަލަ

12 ޑިސެމްބަރ 2019

ވޮޝިންޓަން (ޑިސެމްބަރު 12) - ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަންނަ ހަފުތާގައި ފާސްކޮށްފި ނަމަ ޖެނުއަރީ މަހު ސެނެޓުގެ ފުރަތަމަ މަސައްކަތަކަށް ވާނީ ޓްރަމްޕުގެ މައްސަލަ ބެލުން ކަމަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 12) - ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަންނަ ހަފުތާގައި ފާސްކޮށްފި ނަމަ ޖެނުއަރީ މަހު ސެނެޓުގެ ފުރަތަމަ މަސައްކަތަކަށް ވާނީ ޓްރަމްޕުގެ މައްސަލަ ބެލުން ކަމަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމާ ގުޅޭ ލިޔުން ތައްޔާރު ކުރުމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީ އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ. ޓްރަމްޕް އިމްޕީޗް ކުރަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި ކޮންގްރެސް އަށް ހުރަސް އެޅި މައްސަލައިގަ އެވެ. އިމްޕީޗް ކުރަން ހައުސް އިން ފާސްކޮށްފި ނަމަ އެ މައްސަލަ ދެން ފޮނުވާނީ ސެނެޓަށެވެ. ހައުސްގެ ވޯޓު ކްރިސްމަސްގެ ކުރިން ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ޖެނުއަރީ މަހު ސެނެޓުގެ އެންމެ އިސް މަސައްކަތަކަށް ވާނީ ޓްރަމްޕުގެ މައްސަލަ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްކޯނެލް ވިދާޅުވި އެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން އަންނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ. ބައިޑަންގެ މައްސަލަ ބަލަން ޕްރެޝަރު ކުރުމުގެ ގޮތުުން ޓްރަމްޕް ވަނީ ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ވެސް ހިފަހައްޓަވައިފަ އެވެ.

ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮންނަ ހައުސްގައި ވޯޓަށް އެހުމަށް ފަހު 51 ޕަސެންޓް ވޯޓުން ފާސްވެއްޖެ ނަމަ ދެން މައްސަލަ ބަލާނީ ރިޕަބްލިކުން ކޮންޓްރޯލް ކުރާ ސެނެޓުންނެވެ.

އެމެރިކާގެ ހައުސްގެ 431 މެންބަރުންގެ ތެރޭން 233 މެންބަރުންނަކީ ޑިމޮކްރެޓުންނެވެ. އެހެންވެ ރިޕަބްލިކަންގެ ސަޕޯޓް ނެތިވެސް ޓްރަމްޕް އިމްޕީޗްކުރަން ފާސްކުރެވިދާނެ އެވެ. ސެނެޓުގައި ތިބީ ރިޕަބްލިކަން 53 މެންބަރުންނާއި 45 ޑިމޮކްރެޓްސް މެންބަރުން އަދި އިންޑިޕެންޑެންޓް ދެ މެންބަރުންނެވެ. އެ ދެ މެންބަރުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި ސެނެޓުގެ 100 މެންބަރުން ވޯޓުލާ ނަމަ، ޑިމޮކްރެޓިކް ހުރިހާ މެންބަރުންނާއި އިންޑިޕެންޑެންޓް ދެ މެންބަރުންގެ އިތުރުން ރިޕަބްލިކަން 20 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.