Roadha Mihaaru
ސިމްޑީން ރެސްޓޯރެންޓް ވިޔަފާރިއަށް

ސިމްޑީން ރެސްޓޯރެންޓް ވިޔަފާރިއަށް

08 ޑިސެމްބަރ 2019

ރާއްޖެ އަށް ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ސިމްޑީން ހުޅުމާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ސިމްޑީން ހުޅުމާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

"ލީވޯ" ގެނަމުގައި ހުޅުވި މި ރެސްޓޯރެންޓަކީ އެ ކުންފުނީގެ ފުރަތަމަ ރެސްޓޯރެންޓެވެ. މި ރެސްޓޯރެންޓުގައި މަސައްކަތް ކުރަނީ މުޅިން އަންހެން މުވައްޒަފުންނެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން މުވައްޒަފުންނާ އެކު ހިންގާ ރެސްޓޯރެންޓެވެ.

ލީވޯގެ މުވައްޒަފުން: އެ ރެސްޓޯރެންޓަކީ ހުސް އަންހެން މުވައްޒަފުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް-- ފޮޓޯ: ސިމްޑީ

ލީވޯގެ މުވައްޒަފުން: އެ ރެސްޓޯރެންޓަކީ ހުސް އަންހެން މުވައްޒަފުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް-- ފޮޓޯ: ސިމްޑީ

ހުޅުމާލެ ޝެލްބީންސް ކައިރީގައި ހުޅުވި މި ރެސްޓޯރެންޓަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ކާނާ ލިބޭ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުން ތައްޔާރު ކުރާ ކާނާގެ ހުރިހާ ބާވަތަކީ ވެސް ތަފާތު، އަމިއްލަ ބާވަތްތަކެއް ކަމަށް ސިމްޑީން ބުންޏެވެ. މި ރެސްޓޯރެންޓުން ވަނީ ހެނދުނުގެ ނާސްތާއަށާއި މެންދުރުގެ ކެއުމަށާއި ރޭގަނޑުގެ ކެއުމަށް ހާއްސަ މެނޫތަކެއް ހަދައިފަ އެވެ. އަދި ޕިއްޒާ އާއި ފޮނި އެއްޗެހީގެ އިތުރުން ބުއިންތަކަށް ހާއްސަ މެނޫއެއް ވެސް ލީވޯއިން ވަނީ ހަދައިފަ އެވެ.

ސިމްޑީގެ މި ރެސްޓޯރެންޓުގައި ކާނާ ތައްޔާރު ކުރުމަށް ބޭނުން ކުރާ ގިނަ ބާވަތްތަކަކީ އެ ކުންފުނިން ރާއްޖޭގައި ހޯލްސޭލް ކުރާ އުފެއްދުންތަކެވެ. މީގެ ތެރޭގައި "ދުނާރު ބާސްމަތީ" އާއި "ސަންޓަން" އަދި "ގެރޮފަލޯ" ބްރޭންޑްގެ އުފެއްދުންތައް ހިމެނެ އެވެ.

ލީވޯއިން ތައްޔާރުކޮށްފައިވާ ސޫޝީ-- ފޮޓޯ: ސިމްޑީ

ލީވޯއިން ތައްޔާރުކޮށްފައިވާ ސޫޝީ-- ފޮޓޯ: ސިމްޑީ

އެއްފަހަރާ 28 މީހުންނަށް ކޭޓާ ކުރެވޭ ލީވޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. މި ރެސްޓޯރެންޓަކީ ކަސްޓަމަރުންނަށް ހިތް ހަމަޖެހުމާ އެކު ކެއުމުގެ ތަޖުރިބާ ކޮށްލެވޭނެ މާހައުލެއް އޮތް ރެސްޓޯރެންޓެއް ކަމަށް ސިމްޑީން ބުންޏެވެ. ސިމްޑީން އަންނަނީ މި ރެސްޓޯރެންޓާއެކު އެ އިމާރާތުގައި ހޮޓަލެއް ހުޅުވުުމަށް ވެސް ތައްޔާރުވަމުންނެވެ.

ސިމްޑީ އަކީ ސްރީލަންކާގެ "ދިލްމާ" ސައިފަތާއި "އިލީ" ކޮފީ އާއި "އައި ކެފޭ" ފަދަ މަޝްހޫރު އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރަމުން އަންނަ ކުންފުންޏެވެ. މީގެ އިތުރުން "އޯލޭ" އާއި "ޖިލެޓް" ބްރޭންޑުގެ ރީތިވާ ސާމާނު ވެސް ސިމްޑީން އެތެރެކޮށް ހޯލްސޭލްކުރެ އެވެ. މި ކުންފުނިން ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ރާއްޖެ އަށް އެތެރެކުރާތާ މިހާރު 18 އަހަރު ވެއްޖެ އެވެ.