Roadha Mihaaru
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު

ކައުންސިލްތަކުން އަންހެނުން ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު: ގާސިމް

04 ޑިސެމްބަރ 2019

ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި އޮތް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރަށްރަށާއި ސިޓީތައް ހިނގާނީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރެވި، އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން ކަށަވަރު ކުރުމަށް ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ. ބިލްގައިވާ ގޮތުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުންގެ ތެރެއިން 33 ޕަސަންޓު ހާއްސަ ކުރަންވާނީ އަންހެނުންނަށެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަން ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުއަސާސީގައި އޮންނަ އަސާސީ ހައްގުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"ގާނޫނުއަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލައަކުން، ވަކި ނަސަބަކުން، ހަސަބަކުން އައީމަ ތަފާތެއް ނުކުރެވޭނެ ކަމަށް،" ވިލާ ގްރޫޕްގެ ޗެއާމަންކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް އިޝާރާތްކުރެއްވި މާއްދާގައި އޮންނަނީ ...ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަށް، ނުވަަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ، ޖިންސަށް، ނުވަތަ، އުމުރަށް، ނުވަނަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަނަ އެ ނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއލާ އަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ" ކަމަށެވެ.

ގާސިމް ވަނީ ހަމައެކަނި ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ހާއްސަކޮށްފައި، ރައްޔިތުންގެ މަޖިލިސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު ހޮވާ އިރު، އެގޮތަށް ނޯންނަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ފިރިހެން ބޭފުޅަކު ރައީސްކަން ދެ ދައުރު ފުރިހަމަ ކުރައްވައިފި ނަމަ، އަންހެން ބޭފުޅަކަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދޭން ނުޖެހޭތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

"އެހެންވީމަ ކުރާ ކަންތަކާއި ބުނާ ވާހަކަތަކާ ދެކޮޅު ޖެހެން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ލޯކަލް ހުރިހާ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިހުގައި 100 ޕަސެންޓު އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރު މިހާރު ވެސް އެބައޮތެވެ. އެކަމަކު، އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް އަންހެނުންނަށް "އޯވާރައިޑް" ކުރެވޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވޯޓުލައިގެން އެންމެ މަތީ ނަތީޖާ ލިބޭ މީހުންނަށް ގޮނޑިތަކަށް އާދެވޭ ކަމަށްވާ ނަމަ، އަންހެން ބޭފުޅުންވެސް ނުކުމެ މަސައްކަތްކުރަންވީ ކަމަށެވެ. އަދި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅީމާ، އެކަމުގެ ނިކަމެތިކަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ނަން ވިދާޅުވެ މިސާލެއްގެ ގޮތުގައި ގާސިމް ވިދާޅުވީ އެ ބޭފުޅުން ވެސް މަގާމުތަކަށް ވަޑައިގެންނެވީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ކަމަށާއި އެއީ ބަޔަކު މަޖުބޫރުވެގެން ވަޑައިގެން ބޭފުޅުން ނޫން ކަމަށެވެ.

އެހެންވެ، ގާސިމް ވިދާޅުވި ގޮތުގައި ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ ގާނޫނުއަސާސީ އަށް އެޅޭ ހުރަހެކެވެ. އަދި މިނިވަން ކަމުގެ ބޭންޑް އަޅުވައިގެން "މުނާފިގު" ކަންކަން ނުކުރެއްވުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ. ކައުންސިލްތަކުން އަންހެނުންނަށް ކޯޓާ ކަނޑައެޅުން ގާސިމް ސިފަކުރެއްވީ" ވަރަށް ބޮޑު ގޯހެއް" ގެ ގޮތުގަ އެވެ.