29 ސެޕްޓެމްބަރ 2016
ބޮޑެތި ބަލިތަކަށް އަމާޒުކޮށްގެން، ހާއްސަ މެޑިކަލް ޗެކަޕް ހެދޭ ޕެކޭޖްތަކެއް އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެވެ.
ބޮޑެތި ބަލިތަކަށް އަމާޒުކޮށްގެން، ހާއްސަ މެޑިކަލް ޗެކަޕް ހެދޭ ޕެކޭޖްތަކެއް އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ތައާރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި ކެންސަރާއި ކުޅިވަރުގެ މީހުންނަށް ހާއްސަ ޗެކަޕާއި ހަކުރު ބަލީގެ މީހުންނަށާއި ތެލެސީމިއާ އަދި އަންހެނުންނަށާއި ދުވަސްވީ މީހުންނަށް ހާއްސަ ޗެކަޕްތަކެއް ހިމެނެ އެވެ.
އޭޑީކޭއިން އަލަށް ތައާރަފްކުރި ހެލްތު ސްކްރީނިން ޕެކޭޖްތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ޗެކަޕް ހެދުމަށް ބޭނުންވާ މީހުންނަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހޯދުމަށް ހާއްސަ ނަމްބަރެއް ތައާރަފްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެޑިކަލް ޗެކަޕް ހަދަން ބޭނުންވާ ފަރާތްތަކަށް މިތަނުން ލޭޒަން (މަގު ދައްކައިދޭނެ) ހާއްސަ މީހުން ތިބޭނެ. މިތަނަށް އައިމަ ޗެކަޕް ހެދުމުގެ އިންތިޒާމް ހަމަޖައްސައިދީ އެކަން ވަގުތުން ކުރިޔަށް ގެންދެވޭނެ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ މީގެ ކުރިން އޭޑީކޭއިން ތައާރަފްކޮށްފައި ނުވާ ޓެސްޓްތަކެއް ވެސް ހިމެނޭ ޕެކޭޖްތަކެއް ކަމަށެވެ. އެގޮތުން އާ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކެންސަރުގެ ޕެކޭޖްގައި ބްރެސްޓް ކެންސަރާއި ސާވިކަލް ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރަށް ޓެސްޓްކުރުން ހިމެނެ އެވެ. އޭގެ އިތުރުން ހިތުގެ ޓެސްޓްތަކާއި އަޑުއިވޭ މިންވަރު ބެލުމާއި ކަށި ފީވުމުގެ މައްސަލަ ދެނެގަތުމަށް ހަދާ ޓެސްޓްތައް ވެސް ހިމެނެ އެވެ. އަދި ސީޓީ ސްކޭންތަކާއި އެމްއާރުއައި ސްކޭންތަކެއް ވެސް ބައެއް ޕެކޭޖްތަކުގައި ހިމަނާފައިވެ އެވެ.
އޭޑީކޭ އިން އަލަށް ތައާރަފްކުރި ޕެކޭޖްތަކުގެ އަގުތައް އުޅެނީ 3،000ރ. އިން ފެށިގެން 6،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ޕެކޭޖްތައް ޑިޒައިންކޮށްފައި ވަނީ މި ސަރަހައްދުގެ ގައުމުތަކުގެ ހޮސްޕިޓަލްތަކުން ވެސް ތައާރަފްކޮށްފައިވާ ޕެކޭޖްތައް ވެސް ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި އެއީ ރާއްޖެއިން އާއްމުކޮށް ފެންނަ ބަލިތަކަށް އަމާޒުކޮށްގެން ހަދާފައިވާ ޕެކޭޖްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން އަލަށް ތައާރަފްކުރި މެޑިކަލް ޗެކަޕް ޕެކޭޖްތަކާ ބެހޭ ގޮތުން، އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު
"އަޅުގަނޑުމެން މި ތައާރަފްކުރި ޕެކޭޖްތަކަކީ ދިވެހިންނަށް އެކަށީގެންވާ އަގުތަކެއްގައި ވަރަށް ގިނަ ޓެސްޓްތަކަށާއި ސްކޭންތަކެއް ހިމެނޭ ވަރަށް ފުރިހަމަ ޕެކޭޖްތަކެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މީގެ ސަބަބުން ދިވެހިން ބޭރަށް ގޮސް ހެލްތު ޗެކަޕްތައް ހެދުން މަދުވާނެ ކަމަށް،" ޑރ. ނިޔާފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ތައާރަފްކުރި ޕެކޭޖްތައް އާސަންދަ ފަދަ އިންޝުއަރެންސް އިން ނިޒާމެއްގެ ތެރެއިން ކަވަރު ކުރެވޭތޯ އެ ހޮސްޕިޓަލުން މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު އިންޝުއަރެންސް އިން ޕެކޭޖްތަކެއް ކަވަރުނުކުރާނެ ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ މެޑިކަލް ޗެކަޕްތަކުގެ ތެރޭގައި ހިމެނޭ ޓެސްޓްތަކާއި ސްކޭންތައް އެއް ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ސިއްހީ ދާއިރާގެ ކޯސްތަކުގެ އަމަލީ ބައިތައް އޭޑީކޭގައި
ފަރުވާއަށް ފައިސާ ބޭރުނުކޮށް ރަނގަޅުކުރަން ވިސްނަންޖެހޭ
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭގައި ކޮށްފި
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި