Roadha Mihaaru
ސަސްޕެންޑްކުރި ގާޒީ ހައިލަމް އިސްތިއުފާ ދެއްވައިފި

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ހައިލަމް އިސްތިއުފާ ދެއްވައިފި

03 ޑިސެމްބަރ 2019

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ ޒުވާން ގާޒީންގެ ތެރޭގައި ހިމެނޭ ހައިލަމް މި އިސްތިއުފާ ދެއްވީ، ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

އެ އަމަލާ ގުޅިގެންޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަ ބަލަން ފަށައި، ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، އެކަން ވަނީ މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނީ، ޖޭއެސްސީގެ އިޖުރާއަތުތައް ރަނގަޅު ކަމަށެވެ. އޭގެ މާނައަކީ ގާޒީކަމުން ހައިލަމް ވަކިކުރަން، މި ހަފުތާގައި މަޖިލިހުގެ ތަޅުމަށް ފޮނުވާނެ ކަމެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިހާތަނަށް ފޮނުވި، ފަނޑިޔާރުންގެ ހުރިހާ މައްސަލައެއް ނިންމާފައި ވަނީ، ޖޭއެސްސީން ހުށައެޅި ގޮތަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ ޝަރީއަތް ހިންގެވީ ހައިލަމް އެވެ. އެކަމަކު އޭނާ ސަސްޕެންޑްކޮށް، އޭގެ ފަހުން ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތް ނިންމައި، ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވައިފަ އެވެ.

ހައިލަމް އޭނާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

ހައިލަމް ވަނީ ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވައި، ތުހުމަތުތަކާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި އެއީ ޖޭއެސްސީ އަށް ދެއްވަން ހުރި މައުލޫމާތު ކަމަށް ވިދާޅުވެފަ އެވެ.

"...އަޅުގަނޑު ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ކަމަށް ވީހިނދު، ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޅުގަނޑާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަން ފާހަގަކުރަމެވެ." ހައިލަމް ލިޔުއްވާފައިވެ އެވެ.

އޭނާ ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރާށެވެ.

ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އަދި މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ހައިލަމް ވަނީ ވިދާޅުވެފަ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި" ކަމަށް ވިދާޅުވެ ހައިލަމްގެ އިސްތިއުފާގެ ސިޓީ ނިންމަވާލައްވާފަ ވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ހައިލަމް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އިސް ގާޒީ ކަމުގެ މަގާމަށް ހައިލަމް ހަމަޖެއްސީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.