Roadha Mihaaru
މަޖިލިހުގެ ދައުރު ހޮނިހިރު ދުވަހާ ހަމައަށް ދިގުކޮށްފި

މަޖިލިހުގެ ފަހު ދައުރު ހޮނިހިރު ދުވަހާ ހަމައަށް ދިގުކޮށްފި

02 ޑިސެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި ވަނީ ފަހު ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ފާސްކޮށްފަ އެވެ. އެކަމަކު، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރުގެ ކުރަން ހުރި މަސައްކަތްތައް ނިންމުމަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ ޖޫން މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ މަސައްކަތް ކުރާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހު އެވެ.

އެކަމަކު، މަޖިލިހުގެ މިއަދުގެ ޖަލްސާ ގައި ނެގި ވޯޓުގައި ފާސްކުރީ މި މަހުގެ ފުރަތަމަ ހަފުތާ ނިމެންދެން މަސައްކަތް ކުރުމަށެވެ. އެގޮތަށް ފާސްކުރީ މަޖިލިހުގެ 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެކަމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ނަޝީދު މީގެކުރިން ވިދާޅުވީ މަޖިލިހުގައި މުހިންމު ބިލްތަކަކަށާއި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެހެންވެ، މަޖިލިހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ހުށަހެޅީ ރިޔާސަތުންނެވެ.

މަޖިލިހުގައި ހުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު، ފާސްނުކޮށް ބޮޑު ކަމަކަށް އޮތީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 37 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެވެ. ބަޖެޓު ދިރާސާ ކޮމިޓީން ބަޖެޓު ދިރާސާ ކުރުމަށް ފަހު މަޖިލިހުގެ ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު، މިއަދާ ހަމައަށް އައި އިރު، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާއެއް ނުކުރެ އެވެ.