Roadha Mihaaru
20 ބިލެއްގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީ އަށް

20 ބިލެއްގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީ އަށް

29 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމައި، މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމައި، މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.

މިއަދު ބޭއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހުލާސާގައި ވިދާޅުވީ، މި ދައުރުގައި 44 ޖަލްސާއަކާއި 320 ކޮމިޓީ ބައްދަލުވުން ބާއްވައިފައިވާ ކަމަށެވެ.

މި ދައުރަށް ހުށަހެޅި ނުވަ ބިލާއި ކުރީގެ ދައުރުގެ 32 ބިލާ އެކު، 41 ބިލުގެ ތެރެއިން 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވާތީ މެމްބަރުންނަށް ނަޝީދު މަރުހަބާ ދެންނެވި އެވެ.

މަޖިލީހުގެ ފާސްކުރި ބިލުތަކުގެ ތެރެއިން މިއަދު މަސައްކަތް ނިންމައިލި މަދަނީ އިޖުރާތުގެ ބިލަކީ ވެސް ވަރަށް ފާހަގަކުރެވޭ، މެމްބަރުން ކުރެއްވި ބުރަ މަސައްކަތެއް ކަމަށާއި ހަމަ އެހެންމެ، ރާއްޖެ އާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ކޮމިޓީން ނިންމި ރިޕޯޓް ފާސްވުމަކީ ވެސް ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތަކުގެ ތަފުސީލު.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތަކުގެ ތަފުސީލު.

"އެ ރިޕޯޓުން ވަރަށް ސާފުކޮށް އެނގެނީ ސިޔާދަތަކަށް ވެސް އަދި މިނިވަން ކަމަކަށް ވެސް އެގްރީމެންޓްތަކުގެ ސަބަބުން ކުޑަ ވެސް އަސަރެއް ލޮޅުމެއް ނުކުރާކަން،" ނަޝީދު ވިދާޅުވި އެވެ.

މުހިއްމު ބައެއް މަސައްކަތްތައް

- ޓެރަރިޒަމްގެ ތަހުގީގަށް އިތުރު ވަގުތު ލިބޭ ބިލު ފާސްކުރުން

- ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާ ބިލު ފާސްކުރުން

- ނަފުރަތުގެ ބިލު ފާސްކުރުން

- ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް ނިންމުން

- ޓްރާސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކުރުން

- ހުއްދަ ނެތި ގެދޮރު ކުއްޔަށް ނުދެވޭ ބިލު ފާސްކުރުން

- ހަކަތައިގެ ބިލު ފާސްކުރުން

މި ބިލުތަކުގެ އިތުރުން، ކުރީގެ ދައުރުގައި ނުނިމި ހުރި ގަރާރުތަކާ އެކު 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގައި ނިންމި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މި ދައުރުގައި މަޖިލީހުން ކުރި ޖުމުލަ މަސައްކަތްތަކަށް ބަލާއިރު، 65.5 ޕަސަންޓް މަސައްކަތް ވަނީ ނިންމިފަ އެވެ.

މި ނިމުނު ދައުރުގެ މަސައްކަތްތައް ރަނގަޅު ވިޔަސް، ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް ނަޝީދު މެމްބަރުންނަށް ދެންނެވި އެވެ.

ޗުއްޓީ އަށް ފަހު މަޖިލިސް ދެން ފަށާނީ އަންނަ އަހަރު ފެބްރުއަރީގަ އެވެ.