Roadha Mihaaru
ސުޕްރީމް ކޯޓުގެ ކަންކަން ދެން ދާނީ ރަނގަޅަށް: ނަޝީދު

ސުޕްރީމް ކޯޓުގެ ކަންކަން ދެން ހިނގާނީ ރަނގަޅަށް: ނަޝީދު

24 ނޮވެމްބަރ 2019

ޝަރުއީ ދާއިރާއަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ސުޕްރީމް ކޯޓުގެ ކަންކަން ދެން ހިނގާނީ ރަނގަޅަށް ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޝަރުއީ ދާއިރާއަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ސުޕްރީމް ކޯޓުގެ ކަންކަން ދެން ހިނގާނީ ރަނގަޅަށް ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ އަހަރު ދުވަހު ތެރޭގައި، ސުޕްރީމް ކޯޓުގެ ބާރުވެރިކަން އޮތީ ހައްދުން ނެއްޓި، އިމުން ބޭރުވެފައި ކަމަށެވެ. އަދި ވެރިކަމުގެ ބާރުގެ ތެރެއަށް އެ ކޯޓުން ބާރުފޯރުވަމުން ދިޔައީ ފިތްކަނޑައިގެންދާ ވަރަށް ކަމަށާއި އެހެންވެ، ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރި ކަމަށް ވިދާޅުވި އެވެ.

"ވިސްނަވާ، ބައްލަވާ، ރާއްޖޭގައި ހިނގައި ދިޔަ ކޮންމެ ކަމެއްގެ ތެރެއަށް ސުޕްރީމް ކޯޓުން ދިޔައީ ނުފޫޒު ފޯރުވަމުން... ހިއުމަން ރައިޓްސް ކޮމިޝަން އުވާލާނެ، އެއިން ބައެއް އުނިކުރާނެ. އިންތިޚާބު ބާއްވާނެ ގޮތް ކިޔައިދޭނެ،" ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އިންނަވާ ނަޝީދު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ ޝަރުއީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވެ އެވެ. ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުން، ކޯޓު ހިންގުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއާ ވަނީ ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ވެސް ކޮށްފައިވެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނު، ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހުކޮށްފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ ބަދަލުތަކާ އެކު ދެން ކޯޓުތަކުގެ ކަންކަން ހިނގަމުން ދާނީ ރަނގަޅަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވަނީ ތަނަވަސް ކަމާއި އަރާމާއި ހިތްހަމަޖެހުމާ އެކު ދިރިއުޅެން ކަމަށެވެ. އަދި އެމްޑީޕީގެ އަބަދުވެސް އަމާޒަކީ އެ ދިރިއުޅުން ކަށަވަރު ކޮށްދިނުން ކަމަށާއި އެ ދިރިއުޅުން ހޯދައިދެވޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލައި، ތަންފީޒު ކުރުން ކަމުގައި ވިދާޅުވި އެވެ.