Roadha Mihaaru
ޖޭއެސްސީގެ މެންޑޭޓް އެކަނި ބަދަލުކޮށްގެން ހައްލެއް ނެތް

ޖޭއެސްސީގެ މެންޑޭޓް އެކަނި ބަދަލުކޮށްގެން ހައްލެއް ނެތް: ނަޝީދު

30 ޖޫން 2019

ޝަރުއީ ދާއިރާ އެކިއެކި ނުފޫޒުތަކުން އެއްކިބާކޮށް އިންސާފުވެރި ތަނަކަށް ހެދޭނީ ހަމައެކަނި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮންނަ ގޮތް ބަދަލުކޮށްގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޝަރުއީ ދާއިރާ އެކިއެކި ނުފޫޒުތަކުން އެއްކިބާކޮށް އިންސާފުވެރި ތަނަކަށް ހެދޭނީ ހަމައެކަނި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮންނަ ގޮތް ބަދަލުކޮށްގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރެވެން އޮތީ ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. އެކަމަކު، މަޖިލިހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް ކަމަކު، ކުއްލިއަކަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ފަސޭހަ އިން ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖޭއެސްސީ އަށް 10 އަހަރުވެފައިވާ އިރު، ފަނޑިޔާރުން ޒިންމާދާރުކޮށް، ފިޔަވަޅު ނޭޅެނީ މައިގަނޑު ތިން ސަބަބަކާ ހުރެ އެވެ. އެގޮތުން ނަޝީދު އެންމެ ފުރަތަމަ ބަހުގެ ހަމަލަތައް އަމާޒު ކުރެއްވީ ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނަށެވެ. ބައެއް ވިޔަފާރިވެރިންނަށް ހީވެފައި އޮތީ ކޯޓުތަކަކީ ވިޔަފާރިއަށް އެހީތެރިވެ، ފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ބައެއް ވިޔަފާރިވެރިންނާ ގާތް ގުޅުންތަކެއް އުފެދެން ފެށީ،" މަޖިލިހުގެ އާ އިމާރާތުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންތަކެއް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންތަކެއް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގާ މީހުން ދެކެން ފެށީ އެމީހުން ސަލާމަތަށް ރައްކާތެރިކަމަށް، ފަނޑިޔާރުންނާ ގާތް ގުޅުމެއް ބާއްވަން ޖެހޭނެ ކަމެވެ.

ސިޔާސީ ލީޑަރުން ބާރު ހޯދުމަށް ފަނޑިޔާރުންގެ ބޭނުން ކުރެވިދާނެ ކަމަށް ލީޑަރުން ދެކެވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މި ތިން ބާވަތުގެ މަސްލަހަތު މީގެ ތެރެއަށް ވަދެ، ފަނޑިޔާރުގެ އޮތީ ހަރާބުވެފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކުން ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ އިލްމުގެ ބޭފުޅުން ދެކޭ ގޮތުގައި މި ބަދަލުތައް ގެންނަން ވާނީ ބަހުސްކޮށްފައި، ރައްޔިތުންނާ ވާހަކަ ދައްކާފައި. ރައްޔިތުންގެ ހިޔާލު ހޯދައިގެން. އެއް ރޭ ފަތިހު ހޭލާފައި އަޅުގަނޑުމެން އަތުގައި ބައިވަރު ގޮނޑި ހުރީމަ ގާނޫނުއަސާސީ ބަދަލުކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީ ތަމްސީލް ކުރައްވާ ނަޝީދު މިއަދު ވެސް ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތުމަތު ނިއުޝާ ވާހަކަ ދައްކަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތުމަތު ނިއުޝާ ވާހަކަ ދައްކަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލިހުގެ އަމާޒަކީ ޝަރުއީ ނިޒާމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި އޮންނަ ބާވަތުގެ އަދުލު އިންސާފު ފުރިހަމަ އަށް ގާއިމު ކުރެވޭ ތަނަކަށް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީއާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި ކޮމިޝަން އޮތުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގެ ތެރެއަށް އެބޭފުޅުން ވަނުމުގެ ފުރުސަތު ލިބިގެން ކަމެވެ. އަދި ޖޭއެސްސީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް އެ ބޭފުޅުންގެ އަމާޒެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.