Roadha Mihaaru
ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ފަސްކުރަން އަމުރުކޮށްފި

ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

13 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފަނޑިޔާރު އަބްދުﷲ ސަސްޕެންޑް ކުރަން ޖޭއެސްސީން އިއްޔެ ނިންމީ އެމަނިކުފާނަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އާއި އެކަމާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ނެރުނީ ޖޭއެސްސީގެ އެ ނިިންމުން ބާތިލްކޮށް ދިނުމަށް އެދި ފަނޑިޔާރު އަބްދުﷲ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އެ މައްސަލައިގައި އެދިފައިވާ ކަންތައްތަކާއި ގާނޫނުއަސާސީ އާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ފަހު، އެ މައްސަލަ ބަލައި ނިމެންދެން، ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ތަންފީޒު ފަސްކުރަން ޖޭއެސްސީ އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށެވެ. އަދި ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އެއްވެސް އިޖްރާއާތެއް ނުހިންގުމަށާއި އިތުރު ފިޔަވަޅެއް އެ މައްސަލައާ ގުޅިގެން ނޭޅުމަށް އަންގާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރު

ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެވެ. އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި، ފަނޑިޔާރު ޑީޑީ ވިދާޅުވެފައިވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނުގެ އަދި އެމަނިކުފާނާ ގުޅުން ހުރި އެކައުންޓެއްގައި ވެސް ނުހުންނާނެ ކަމަށެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ޑީޑީ އަކީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.