Roadha Mihaaru
ފަނޑިޔާރު ޑީޑީގެ އިތުރު ތިން މައްސަލައެއް ބަލަނީ

ފަނޑިޔާރު ޑީޑީގެ އިތުރު ތިން މައްސަލައެއް ބަލަން ފަށައިފި

18 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކޮށް ކުރިން ހުށަހަޅާފައިވާ ސުލޫކީ ދެ މައްސަލައިގެ އިތުރުން އާ ތިން މައްސަލައެއް މިހާރު ބަލަން ފަށާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކޮށް ކުރިން ހުށަހަޅާފައިވާ ސުލޫކީ ދެ މައްސަލައިގެ އިތުރުން އާ ތިން މައްސަލައެއް މިހާރު ބަލަން ފަށާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ޖޭއެސްސީން ބޭއްވި ނިއުސް ކޮންފަރެންސެއް ގައި އެ ކޮމިޝަނުގެ ޑިރެކްޓަރު މުއުމިނާ އުމަރު ވިދާޅުވީ، ފަނޑިޔާރު ޑީޑީގެ ސުލޫކީ އެހެން ތިން މައްސަލައެއް ބަލަން ނިންމީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެކަމަކު ފަނޑިޔާރު ޑީޑީއާ ދެކޮޅަށް ފަހުން ހުށަހެޅި ތިން މައްސަލައިގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

"ހަމަ މިއަދު ނިންމައިފި އެ ބޭފުޅާއާ ގުޅިގެން ހުށަހެޅިފައި ހުރި އިތުރު ތިން މައްސަލައެއް ހަމަ އެ ކޮމިޓީން ކުރިއަށް ގެންދާ ގޮތަށް. މި ހުރިހާ ކަމެއް ވެސް ނިމުނީ ހަމަ އިއްތިފާގުން މިއަދު ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ. އެހެންވީމާ މިހާރު ކޮމިޓީން ކުރިއަށް މިޗގެންދާ މައްސަލައިގެ އަދަދަކީ ޖުމްލަ ފަހެއް،" މުއުމިނާ ވިދާޅުވި އެވެ.

ޑީޑީއާ ބެހޭ ގޮތުން ޖޭއެސްސީ އަށް ކުރިން ހުށަހެޅި ދެ މައްސަލަ ބެލުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން މިގޮތަށް ނިންމީ ޑީޑީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރޭ އެ ކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރިން ބަލަން ނިންމީ އެމަނިކުފާނުގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާއިރު، އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ އާއި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަންނަވާތީ އެ މައްސަލަ ކަމަށެވެ.

މުއުމިނާ ވިދާޅުވީ، ފަނޑިޔާރު ޑީޑީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބަލަން އެކަމަށް އެކަށޭނަ ތަނެއް ހޯދަމުން އަންނަ ކަމަށެވެ. އެ މައްސަލަ ބަލަން ފަށާނީ ކޮން އިރަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ ތަނެއް ހަމަޖެހުނުހާ އަވަހަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ. އެކަމަކު އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލައިގައި ނާޅަން ސުޕްރީމް ކޯޓުން އަމުރުކޮށް، ޑީޑީ މަސައްކަތަށް ވެސް ނުކުމެވަޑައިތެވެ. ނަމަވެސް، އެ އަމުރު ބަލައިނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން ރޭ ބުނި ގޮތުގައި ބަލަމުން އަންނަނީ ޑީޑީއާ ގުޅޭ ގޮތުން ފުލުހުން ބަލާ މައްސަލައެއްގައި، އޭނާގެ ސުލޫކީ މައްސަލައެއް ހިމެނޭތޯ އާއި ސަސްޕެންޑްކޮށްފައި ވަނިކޮށް މަސައްކަތަށް ނުކުމެވަޑައިގަތް މައްސަލަ އެވެ.