Roadha Mihaaru
ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!

ބެޑްމިންޓަން: ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!

20 ނޮވެމްބަރ 2019

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވާދަކުރަން ޖެހުނުއިރު، އަންހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ އާއި ނީލާ ނަޖީބު ވާދަކުރަންޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވާދަކުރަން ޖެހުނުއިރު، އަންހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ އާއި ނީލާ ނަޖީބު ވާދަކުރަންޖެހިއްޖެ އެވެ.

ފިރިހެން ސިންގަލްސް ބައިގައި އަނިޔާގެ ސަބަބުން ގައުމީ ޗެމްޕިއަން އަޖުފާން ރަޝީދު ނުކުޅެ އެވެ. އަޖުފާން އަތުން މިދިޔަ ދެ އަހަރު ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި ބަލިވި ޒުވާން ތަރި ނިބާލް މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުން މުހައްމަދު އާކިފް އަތުން 21-16، 22-20 އިން މޮޅުވެގެންނެވެ. ސިންގަލްސް ބައިން ގައުމީ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ޒަޔާން ފައިނަލުން ފުރުސަތު ހޯދީ އޭނާއާ އެކު ފިރިހެން ޑަބަލްސް އިވެންޓުގައި އެއް ޓީމަށް ކުޅޭ އަހުމަދު ތޯއިފް ބަލިކުރުމަށް ފަހު އެވެ. ތޯއިފްގެ މައްޗަށް ޒަޔާން ކުރިހޯދީ 21-10، 21-11 އިންނެވެ.

އަންހެން ސިންގަލްސް ސެމީގެ ފުރަތަމަ މެޗުން ނީލާ ވަނީ ފޯރިގަދަ މެޗަކަށް ފަހު އައިމިނަތު ނަބީހާ ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ސެޓު 21-16 އިން ނީލާ ގެންގޮސްފައިވަނިކޮށް ނަބީހާ ދެ ވަނަ ސެޓު ގެންދިޔައީ 11-21 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުން ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ މޮޅުވީ 21-17 އިންނެވެ. ދެ ވަނަ ސެމީގައި ނަބާހާ ވަނީ 21-13، 21-11 އިން އައިމިނަތު ޝަހުރުނާޒް މޫސާ ބަލިކޮށްފަ އެވެ.

ފިރިހެން ޑަބަލްސް އިން ތޯއިފް އާއި ޒަޔާންގެ ޕެއާ ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި 21-12، 21-03 އިން އައްފާން އަލީ އާއި އިބްރާހިމް ރާޝިހުގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ފައިނަލުގައި ޒަޔާން އާއި ތޯއިފްގެ ޕެއާ ކުޅޭނީ ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމްގެ ޕެއާއާ އެވެ. އަފްޝީން އާއި ހިޝާމްގެ ޕެއާ ވަނީ ސެމީގައި އަހުމަދު ވަސީމް އާއި ރިޝްވާން ޝިޔާމްގެ ޕެއާ ބަލިކޮށްފަ އެވެ.

އަންހެން ޑަބަލްސް ބައިން ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުގައި ބައްދަލުކުރާނީ އައިމިނަތު އަހުމަދު ދީދީ އާއި މާޝާ ރަޝީދުގެ ޕެއާއާ އެވެ. އަދި މިކްސް ޑަބަލްސް ބައިން ދާދި ފަހުން ޕާކިސްތާން މުބާރާތުން ރަން މެޑަލް ގެނެސްދިން ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ މި މުބާރާތުގެ ފައިނަލުގައި ކުޅޭނީ ނިބާލް އާއި މައިސާ ފަތުހުﷲގެ ޕެއާއާ އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ފަށާނީ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަނުން މި ފަހަރު މުޅިން އަލަށް ފެށި މުބާރާތެކެވެ.