19 ނޮވެމްބަރ 2019
ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ މެދު އުފެދިގެން އުޅޭ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް މިއަދު ހާޒިރުކުރުމުން އެ ކައުންސިލަރުންގެ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.
ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ މެދު އުފެދިގެން އުޅޭ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް މިއަދު ހާޒިރުކުރުމުން އެ ކައުންސިލަރުންގެ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.
މާރުކޭޓުގެ ގޮޅި ދޫކުރުމާ ގުޅޭ ގޮތުން، މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުތަކެއް ކުރައްވައި މައްސަލައެއް ފެންމަތި ކުރެއްވީ މެމްބަރު މުހައްމަދު ފަޒީނެވެ.
އޭނާ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓްގައި 117 ގޮޅި ހަދަން ކައުންސިލުން ފާސްކޮށްފައި ވަނިކޮށް އެ އަދަދު 193 އަށް ބަދަލުކުރަން ޝިފާ ހުށަހެޅުއްވި ކަމަށެވެ. އެ ހުށަހެޅުއްވުން ކައުންސިލުން ފާސް ނުވުމުން ވެސް ޝިފާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތަށް ބަދަލު ކުރަން ކަމަށް ފަޒީން ކޮމިޓީ ގައި ތުހުމަތު ކުރެއްވި އެވެ.
މި މައްސަލައިގައި ކޮމިޓީ އަށް ހާޒިރުކޮށް، ދެ ގަޑި އިރުގެ ބަހުސެއް ދިޔައިރު، ކައުންސިލްގެ ގިނަ މެމްބަރުންގެ ހިޔާލު ޝިފާއާ ތަފާތެވެ.
ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް ގޮޅި ހަދައިފި ނަމަ ގޮޅިއެއްގެ ބޮޑުމިނަކީ ދިގު މިނުގައި، އަށް ފޫޓު، ފުޅާމިނުގައި 6.5 ފޫޓެވެ. ގޮޅީގެ އަދަދު 193 އަކަށް ބަދަލުކޮށްފި ނަމަ ގޮޅިއެއްގެ ކުރިމައްޗަށް ހުންނާނީ ހަތަރު ވަރަކަށް ފޫޓެވެ.
ޝިފާ ވިދާޅުވި ގޮތުގައި މާރުކޭޓްގެ ގޮޅިތަައް އިއުލާންކުރުން މިހާރު ވަނީ ލަސްވެފަ އެވެ. މާރުކޭޓު ބަންދުކުރުމާ ހަމައަށް 53 ޕަސެންޓް ވިޔަފާރި އޮތީ މުޅިން ވެސް ބިދޭސީންގެ އަތްމަތީގައި ކަމަށާއި އެ ކަންކަމަށް ހައްލު ހޯދޭނެ ރަނގަޅު ގޮތްތަކެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ، މާރުކޭޓް ގޮޅިތައް ދޫކުރުމާ ގުޅޭ ގޮތުން މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ދެމެދު 19 ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. ދެ ބައްދަލުވުމެއް ކޯރަމް ހަމަނުވެގެން ނުބާއްވަ އެވެ. ގިނަ ބައްދަލުވުން ބޭއްވީ އުސޫލު ފާސްކުރަން ކަމަށް ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި 117 ގޮޅިއަށް މަދުކުރުމުން ބައެއް ކައުންސިލަރުންގެ ކަންބޮޑުވުން އެބަހުއްޓެވެ. އެއީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް 174 ގޮޅި އެތަނުގައި ހުރިއިރު، އަލުން ގޮޅިތައް ބަހާލާއިރު ވެސް ގޮޅިތައް މަދުވެގެން ދިއުމަކީ ގޮންޖެހުން ދިމާވާނެ ކަމެއް ކަމަކަށް ވާތީ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން .-- ފޮޓޯ: މަޖިލިސް
މާރުކޭޓުގެ ގޮޅި މައްސަލައިގައި އާއްމުންނާ ބައްދަލުކުރުމަށް އިއުލާން ކުރުމުން 800 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއިި އެ މީހުން އެދުނީ ކުރިމަތިލާ އެންމެންގެ މެދުގައި ގުރުއަތުލައި ގޮޅި ހަވާލުކުރުމަށް ކަމަށް ޝިފާ ވިދާޅުވި އެވެ. ދެވަނަ ކަމަކަށް މާރުކޭޓު ގޮޅިތައް ކުޑަވުމުގެ ޝަކުވާ ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޮޅިތަކާ ގުޅޭ މައްސަލަ ލަސްވެގެންދާތީ ޕްލޭނިން މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
ފުރަތަމަ 56 ގޮޅި ބީލަމަށް ލައިގެން ޑިޒައިން ކުރިއިރު ފަހުން ކޮމިޓީން ނިންމާފައިވާ 117 ގޮޅިއަށް ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވެ އެވެ. ނަމަވެސް ގޮޅީގެ ސައިޒް ކުޑަނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
"މޭޔަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ހުރީ ކައުންސިލްގެ އެއް ނިންމުމާއި ޕްލޭނިން މިނިސްޓްރީގެ އިރުޝާދާ މެދުގައި ތާށިވެފައި،" ޝިފާ ވިދާޅުވި އެވެ.
ގޮޅިތަކަށް އިއުލާން ނުކުރެވި އުޅެނީ އޭނާއާ ހެދިކަމަށް ވިދާޅުވިއަސް ކަންކަން ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އެހާ ގިނަ ބަޔަކު ގޮޅި ބޭނުންވާއިރު ގޮޅި ބަދަލުކުރުމުގެ އެއްވެސް ސަބަބެއް ނެތް. ކައުންސިލްގެ ނިންމުމެއް އޮތުމުން އެކަމެއް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. ދެފެން ދޭތެރޭ ތާށިވެފައި މި އޮތީ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މާރުކޭޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަދާފައި އޮންނަ ހުރިހާ ވައިބަ ގްރޫޕެއްގައި އޭނާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއް ޝަރީފް އިންނަވާ ކަމަށެވެ. ނަމަވެސް އެއްވެސް ސަބަބެއް ނެތި އެ ދެ ބޭފުޅުން އެ ގްރޫޕްތަކުން ބޭރުކޮށްލާފައިވާ ކަމުގެ ޝަކުވާ ވެސް ޝިފާ ކުރެއްވި އެވެ.
"ކާނު ސާފު ކުރިކަމުގައި ވިއަސް، ރޯޑް މެނޭޖްމެންޓް ކަމުގައި ވިއަސް އަދި މަދިރި އަށް ބޭސްޖެހިކަމުގައި ވިއަސް މުޅި މާލޭގައި ހިނގާ ހުރިހާ މަސައްކަތެއްގައި ވެސް މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ހުރިހާ ކައުންސިލަރުން ވެސް ގާތްގަނޑަކަށް ހިމެނޭ ހުރިހާ ގްރޫޕުތަކަށް ވެސް އެނގޭނެ. ނަމަވެސް މާރުކޭޓާ ގުޅިގެން ހިނގާ ކަންތައްތަކުގައި އަޅުގަނޑުމެން ގްރޫޕްތަކުން ބޭރުކޮށްގެން ކަންކަން ކުރީމާ އަޅުގަނޑު ޒިންމާދަރުކަމާ އެކީ ރައްޔިތުންނަށް ފޭސްކޮށްފައި ޕަބްލިކަށް އެއްޗެހި ބުނަން ޖެހޭ މީހަކަށް ވަރަށް ދަތި ގޮތަކަށް މިއަދާ ހިސާބަށް ކޮމެޓީގެ މަސައްކަތްތައް ހުރީ،" މޭޔަރު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވައި ކައުންސިލް މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ ވައިބާ ގްރޫޕުން ޝިފާ ބޭރުކުރެއްވީ މަސްވެރިންގެ ޕާކުގައި ހުރި ގާޑިއާތައް ނެގުމުގައި ދިމާވި މައްސަލައެއްގައި ކަމަށެވެ. އެތަން ހުސްކުރުމަށް ނޯޓިސް ދިނުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެތަން ހުސްކުރުމަށް އަންގައި ކުއްލިއަކަށް އިއުލާނެއް ޝިފާ ކުރެއްވި ކަމަށް ފަޒީން ވިދާޅުވި އެވެ.
"އިއުލާނެއް މި ތަތްތަކުރަނީ މިވެނި ދުވަހެއް މިވެނި ވަގުތެއްގެ ފަހުން މިތާ ހުރި ގާޑިއާ ތަކަކީ ކުނީގެ ގޮތުގައި ބަލާ އުކާލެވޭނޭ. އެއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ފަޒީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު މާރުކޭޓް ބަންދުކުރީ ވެސް ކުއްލި ގޮތަކަށެވެ. އެތަން ބަންދުކުރުމުގެ ކުރިން، އިތުރު ތަނެއް ހޯދައިދިނުމަށް މަސައްކަތް ކުރި ކަމަށް ފަޒީން ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ކޮމިޓީގައި ކައުންސިލަރުން ކުރެއްވި ޒުވާބާ ގުޅިގެން، ސިޓީ ކައުންސިލްގައި އޮތީ "ކިތައް ސަރުކާރު"ތޯ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެއްސެވި އެވެ. މާރުކޭޓާ ގުޅޭގޮތުން ގޮތެއް ނުނިމި ދިގުލައިގެން ދިއުމަކީ މުޅި ކައުންސިލްގެ މައްސަލައެއް ކަމަށާއި އެކަމުގައި މޭޔަރު ޝިފާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ސިޓީ ކައުންސިލަށް ބާރުތައް ނުދިނީ ކީއްވެގެން މިހާރު އެނގޭނެ ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލްގައި ސަރުކާރުތަކެއް ނެތެވެ. އެކި ކަންކަމުގައި މެމްބަރުންގެ ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކަށް ބާރުދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންގެ ކުރިމަތީގައި ފެންނަނީ އެހެން ކަމެއް ކަމަށެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ތައްޔާރުކުރި ވީޑިއޯއަކަށް މީހަކު ދިން އިންޓަވިއުއެއްގައި ވެސް، މާރުކޭޓާ ގުޅުން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ އެކަން ވީހާ ވެސް ގާތުން ބަލައި ހައްލު ކޮށްދިނުމަށް އަލީ ނިޔާޒް އެދިވަޑައިގަތެވެ.
މިއަދުގެ ކޮމިޓީ ނިންމާލީ، މާރުކޭޓާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ބާއްވައި، އެ ބައްދަލުވުން ލާމަރުކަޒީ ކޮމިޓީން މޮނިޓާކުރާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް
ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
ސިޓީ ކައުންސިލަރުންގެ މުސާރަ އަލުން ބޮޑު ކުރަނީ
މާރުކޭޓް ގޮޅި ސިޔާސީ މީހުންނަށް ނުދީ: ވިޔަފާރިވެރިން
"ހިތްގައިމު ތަނަކަށް މާލެ ހަދަން މަސައްކަތް ކުރާނަން"
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބުކޮށްފި
އެމްޑީޕީގެ ވިސްނުމުގައިއުޅެނީ ކައުންސިލްތައް ސައިޒުކުރަން
މާލެއަށް އައީ ކީއްކުރަން؟
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް
ކައުންސިލަރުން ދެކެ ޝިފާ ހިތްހަމަނުޖެހިފައި!