14 ނޮވެމްބަރ 2019
ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ވަނީ ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖައިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި އެފަދަ މީހުން ކުރަނީ ކުށެއް ކަމަށް ކަނޑައަޅައި އެ މީހުންނަށް އަދަބު ދެވޭނެ ގޮތަކަށް ރޮޒެއިނާގެ ބިލް ވަނީ ބައްޓަންކޮށްފަ އެވެ.
މި ބިލް މަޖިލިހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލްގައި ބުނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގުގެ ތެރޭގައި ދަރިމައިވުމުގެ ކުރިން ކުރަން ޖެހޭ ފަރުވާ އާއި މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ، އެ ކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށް ފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި ފަރުވާތައް ލިބިދެވޭނެ ގޮތަކަށް އޮވެއްޖެ ނަމަ، އެ ކުއްޖާ ދުނިޔެއަށް އައުމުގެ ކުރިން ވެސް ފައިދާހުރި ނިންމުން ނިންމޭނެ ކަމަށެވެ.
އެހެންވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ބަލިތަކުން ސަލާމަތްވުމަށް ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމާއި އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލްގައި ވަނީ ބުނެފަ އެވެ.
ބިލްގައި ވަނީ ކުޑަކުދިންނަށް ލިބޭ އުނގެނުމުގެ ހައްގުގެ ތެރެއަށް އިސްލާމީ އުސޫލުތަކާއި ދިމިގްރާތީ ހަމަތައް އުނގަންނައި ދިނުމަށް ބާރު އަޅާ ތައުލީމީ ނިޒާމެއް އެކުލަވާލަން ހިމެނުމަށާއި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، އެ ކުދިން ސްކޫލެއް ގެންދާނެ ނިޒާމެއް އެކުލަވާލުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
ކުޑަކުއްޖަކީ ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އެ ކުއްޖާގެ ހާލަތު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ބިލުން ވަނީ ލިބިދީފަ އެވެ.
އޭގެ އިތުރުން ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ވެދާނެ ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެތަނަށް ވަދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.
ކުއްޖާ ބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނާތު ދެމިގެންދާ ފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލްގައި ވަނީ އުމުރުން 18 އަހަރަށްވުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރުވުމުގެ ކުރިން ވެސް ކުއްޖަކު ކުރި ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ.
ކުއްޖާ ދިރިއުޅެމުންދާ ގޭތެރޭގައި އާއި ތައުލީމް ދޭ މަރުކަޒެއްގައި ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒެއްގައި ވިޔަސް ރަހުމު ކުޑަ އެއްވެސް ލާއިންސާނީ އަމަލެއް ކޮށްގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.
ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި ކުޑަކުދިންނަކީ ދައުލަތާއި އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލެއް މަޖިލިހުން ފާސްކުރި އިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލް ވެސް ވަނީ މަޖިލިހުން ފާސްކޮށްފަ އެވެ.
އޮމްބަޑްސްޕާސަނަށް 35،000ރ. ދޭން ފާސްކޮށްފި
ކުޑަކުދިންގެ މައްސަލަތަކުގައި ރައީސް ދެއްވީ ޔަގީންކަން
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި
ކުޑަކުދިންނަށް ހާއްސަ ފުލުހުން އުފައްދަން ބިލެއް
ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އިދާރާއެއް ހަދަނީ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
މި ކުދިންނާ މެދު ބަދަލުކުރަންވީ ވިސްނުން!
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ