Roadha Mihaaru
ބޮޑު ހިޔާނާތް ހަ ބިލިއަން ރުފިޔާއަށް އަރާނެ: އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތް ހަ ބިލިއަނަށް އަރާނެ: އިލްޔާސް

14 ނޮވެމްބަރ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ އަދަދު ފަހެއް ނޫނީ ހަ ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ އަދަދު ފަހެއް ނޫނީ ހަ ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ މި ބޮޑު ޖަރީމާ ހިންގެވި އިރު، ހިޔާނާތުގެ ފައިސާގެ ތެރެއިން 3.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަޖެޓު އިތުރު ކުރަމުން ދިޔަ އިރު، އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ހޯދާފައި ނުވާ ކަމަށެވެ. އަދި ސަރުކާރަށް އާމްދަނީއެއް ލިބިއްޖެ ނަމަ، އިގްތިސާދު ކުރިއެރުވުމުގެ ބަދަލުގައި ކުރީ "ވައްކަން" ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ އިތުރުވެފައި ނުވާ ކަމަށާއި އާމްދަނީ އިތުރު ކުރަން އެޅި ފިޔަވަޅެއް ވެސް ނެތް ކަމަށެވެ.

"ހުރިހާ ފައިސާއެއް ހަރަދު ކުރީ ކޮންކްރީޓަށް. އެ ފައިސާގެ ދެބައިކުޅަ އެއްބައިގެ އަގަށްވާ ވަރަށް ކޮންކްރީޓް އަޅާފައި ބާކީ ފައިސާ ވީ ނުވީ ތަނެއް ނޭނގޭ،" އިލްޔާސް ވިދާޅުވި އެވެ.

ހިޔާނާތުގެ ގޮތުގައި ގެއްލުނު ތިން ބިލިއަން ރުފިޔާ މިއަދު ފާހަގަވިޔަސް، އެ އަދަދު ފަހެއް ނޫނީ ހަ ބިލިއަން ރުފިޔާ އަށް އަރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި މި އަހަރު ނިމޭ އިރު، ދައުލަތުގެ ދަރަނި 67.9 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވެ އެވެ. އެއީ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 75.4 ޕަސަންޓު ކަމަށް އިލްޔާސް ވިދާޅުވި އެވެ. މިއީ މިއަދުގެ ސަރުކާރަށް ވާރުތަވެފައިވާ ދަރަންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ތައުރީފް ކުރައްވައި އިލްޔާސް ވިދާޅުވީ ޕީއެސްއައިޕީ ޕްރޮގްރާމްތަކުގެ ތެރޭގައި ހުރި ކަންކަން ފުރިހަމަވުމުން، އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށެވެ.

އަދި ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅާފައި އޮތީ މީގެކުރިން އެއްވެސް ބަޖެޓެއްގައި ހިމަނާފައި ނުވާ ވަރުގެ ބޮޑު އަދަދަކަށްވާތީ އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކޮންމެ ދާއިރާއެއްގައި ވެސް ގިނަ މަޝްރޫއުތަކެއް ހިންގަން ބަޖެޓުގައި ހިމަނާފައިވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.

ބަޖެޓަށް ތައުރީފް ކުރައްވައި އިލްޔާސް ވިދާޅުވީ ބަޖެޓުން ހިތްގައިމުކަމާއި އުފާވެރިކަން ފެންނަ ކަމަށެވެ.