Roadha Mihaaru
މަގުމަތިން ފޮށުނު ދުވަސްވީ ފިރިހެނަކު ބޭޒާރުކޮށްލައިފި

މަގުމަތިން ފޮށުނު އުމުރުން ދުވަސްވީ މީހަކު މިފަހަރު ވީ ބޭޒާރު!

08 ނޮވެމްބަރ 2019

މާލޭގެ މަގުމަތިން އަންހެނުންނާ ފޮށެމުން ދިޔަ ކަމަށް ބުނާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާ މިއަދު ބޭޒާރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ މަގުމަތިން އަންހެނުންނާ ފޮށެމުން ދިޔަ ކަމަށް ބުނާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާ މިއަދު ބޭޒާރުކޮށްލައިފި އެވެ.

ޕާކިން ޒޯނެއްގައި ޕާކްކޮށްފައި އިން ސައިކަލެއްގެ މަތީގައި އިން އުމުރުން ދުވަސްވީ މީހާ ފުރަތަމަ އެދުނީ އަންހެން މީހާގެ ކައިރީގައި ސަލާން ކުރުމަށެވެ. އޭރުގައި އެ ވީޑިއޯ ކުރާ ކަމެއް ފިރިހެން މީހާ އަށް ނޭނގެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިހެން މީހާ ސަލާން ކުރަން އަތް ވެސް ދިއްކުރެ އެވެ.

ސަލާން ކުރަން ފިރިހެން މީހާ ތަކުރާރުކޮށް ދައުވަތު ދިނުމުން ޖަވާބުގައި އަންހެން މީހާ ވަނީ ސަލާން ބަލައިގެންފަ އެވެ. އެއާ އެކު، ފިރިހެން މީހާ އަތް ތިރިކޮށްލަ އެވެ. އޭގެ ފަހުގައި، އަނެއްކާ ވެސް ފިރިހެން މީހާ، އަންހެން މީހާ ކައިރީގައި ސުވާލުކޮށްލީ ހުސްކޮށް ހުރިތޯ އެވެ.

"އާން. ކިހިނެއްވީ؟" ހުސްކޮށްތޯ ހުރީ އެހުމުން ޖަވާބުގައި އަންހެން މީހާ ބުންޏެވެ. އެހެންވެ، ފިރިހެން މީހާ އެހީ "ޗާންސެއް" އެބައޮތްތޯ އެވެ. އެއާ އެކު، ކޮން ކަހަލަ ޗާންސެއްތޯ އަންހެން މީހާ އަހަ އެވެ.

"މިވަރުން ނޭނގުނިއްޔާ ދެން ނެތެއްނު މިކަން ވާކަށް،" ފިރިހެން މީހާ ހިނިތުންވެ ހުރެ ބުނެ އެވެ.

ބޭނުން ވަނީ ކޮން ކަހަލަ ޗާންސެއްތޯ ތަކުރާރުކޮށް، އެހުމުން ފިރިހެން މީހާ ދައުވަތު ދިނީ ބަދު އަހުލާގީ އަމަލު ހިންގުމަށެވެ. އެއާ އެކު، އަންހެން މީހާ އިތުރަށް ރުޅިގަދަވި އެވެ.

"ކަލޭ ހާދަ ހަޔާތް ކުޑައޭ ދޯ އަސްލުގައި؟" އެހެން ބުނުމާ އެކު، ފިރިހެން މީހާ ބޯ ޖަހާލަ އެވެ.

"ކަލޭ ކޮންމެ ދުވަހަކު މިތަނުގައި އިނދެގެން ދާހާ މީހަކާ ތިހެން ފޮށި ތި ހަދަނީ. މަށަށް ވަރަށް ފާހަގަ ކުރެވުނު ކިތަންމެ ދުވަހެއް މިހެން ލާފައި ސައިކަލެއްގައި ދިޔަޔަސް، ކަލޭ ނުފޮށޭ ދުވަހެއް ނުދޭ. އަތުންނާއި ލޮލުންނާއި ބޮލުންނާ. ކަލޭގެ އުމުރު އެނގޭތަ؟"

އެ ވާހަކަ އަންހެން މީހާ ދެއްކުމުން، އުމުރުން ދުވަސްވީ މީހާ ބުނީ މަގުމަތިން ދާ ކޮންމެ މީހަކާ ފޮށިފައި ނުވާނެ ކަމަށެވެ.

ފޮށުނު އުމުރުން ދުވަސްވީ މީހަކީ "ކާފަ ކިޔާ އުމުރުގެ މީހެއް ކަމަށް" އަންހެން މީހާ ބުނުމާ އެކު ޖަވާބުގައި އެމީހާ ސުވާލު ކުރީ އެއީ މައްސަލައެއްތޯ އެވެ. އަދި މީހަކު ބޭނުންވާ ކަމެއް އަހާލެވިދާނެ ކަމަށް ބުންޏެވެ.

އަންހެން މީހާ ވަނީ އެ މީހާ އުޅެނީ މީހަކާ އިނދެގެން އުޅޭތޯ ވެސް ސުވާލުކޮށްފަ އެވެ. ޖަވާބުގައި ފިރިހެން މީހާ ބުނީ އެއީ ކީއްކުރަން ބަލާ އެއްޗެއްތޯ އެވެ.

އަންހެން މީހާ ބުނި ގޮތުގައި ދުވަސްވީ މީހާއާ ސަލާމް ނުކުރީ ނިޔަތް ރަނގަޅު ނޫން ކަން އެނގޭތީ އެވެ.

އެ ވީޑިއޯ ބަލާފައި އެމީހާގެ ދަރިން ވަރަށް ލަދުގަންނާނެ ކަމަށް އަންހެން މީހާ ބުނުމާ އެކު، ފިރިހެން މީހާ ބުނީ "އޯކޭ ބާއީ" މިހެންނެވެ. ވީޑިއޯ ނިމޭ އިރު، އަންހެން މީހާ ވަނީ ވީޑިއޯ އާންމުކުރާނެ ކަމަށް ބުނެ އޭނާ އަށް އިންޒާރު ދީފަ އެވެ.

މަގުމަތިން މީހުންނާ ފޮށުމަކީ އާއްމު ކަމެކެވެ. އެކަން ހުއްޓުވުމަށް ދޭތެރެއަކުން ކެމްޕޭންތައް ވެސް ކުރިއަށް ގެންދެ އެވެ.