Roadha Mihaaru
ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް

ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް

05 ނޮވެމްބަރ 2019

ފެމިލީ ހެލްތު ވޯކަރުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުން ރާއްޖެއަށް ފުރަތަމަ ތައާރަފްވި ދުވަސްވަރު އެއީ ވަރަށް މަސައްކަތް ބުރަ ބައެކެވެ. އޭރު ރަށްރަށުން ފުރައިގެން ހޮސްޕިޓަލަކަށް ދާނީ ހެލްތު ވޯކަރު އެގޮތަށް ލަފާ ދިނީމަ އެވެ. އެކަމަކު މިހާރު ގިނަ މީހުން އެންމެ ފުރަތަމަ ވެސް ދައްކަން ބޭނުންވަނީ ސްޕެޝަލިސްޓް ޑޮކްޓަރަކަށެވެ.

މުހައްމަދު ނަސީމް ޕެރެޑައިސް އައިލެންޑް ރިސޯޓުން މުހައްމަދު ނަސީމް

ފެމިލީ ހެލްތު ވޯކަރުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުން ރާއްޖެއަށް ފުރަތަމަ ތައާރަފްވި ދުވަސްވަރު އެއީ ވަރަށް މަސައްކަތް ބުރަ ބައެކެވެ. އޭރު ރަށްރަށުން ފުރައިގެން ހޮސްޕިޓަލަކަށް ދާނީ ހެލްތު ވޯކަރު އެގޮތަށް ލަފާ ދިނީމަ އެވެ. އެކަމަކު މިހާރު ގިނަ މީހުން އެންމެ ފުރަތަމަ ވެސް ދައްކަން ބޭނުންވަނީ ސްޕެޝަލިސްޓް ޑޮކްޓަރަކަށެވެ.

ހުމުގެ ރޯގާއެއް ފެތުރިގެން އުޅުނު ދުވަސްވަރެއްގައި ވެކްސިން ޖަހަން ބަޔަކު ކިއޫގައި: ކޮމިއުނިޓީ ހެލްތުކެއާ މުހިއްމު. ފައިލް ފޮޓޯ/މިހާރު

ހުމުގެ ރޯގާއެއް ފެތުރިގެން އުޅުނު ދުވަސްވަރެއްގައި ވެކްސިން ޖަހަން ބަޔަކު ކިއޫގައި: ކޮމިއުނިޓީ ހެލްތުކެއާ މުހިއްމު. ފައިލް ފޮޓޯ/މިހާރު

ދަމަނަވެށީގެ ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާގެ ވާހަކަ އަލުން ދައްކައި އެ ހިދުމަތް އަލުންބަލުން ބައްޓަން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ސިއްހީ ހިދުމަތާ ބެހޭ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ހޮސްޕިޓަލްތަކުން ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރަން ކަމަށް ވުމުން އިޖުތިމާއީ ފަރުވާ އޮތީ އަޅައިނުލެވި ދޫކޮށްލެވިފަ އެވެ. އޭނާ ވިދާޅުވީ ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ލިބެން ޖެހޭ ތަމްރީނުތަކާއި ވަސީލަތްތައް ނުލިބޭތީ އެމީހުން މިހާރު ތިބެނީ "އެއްފަރާތް ވެފައި" ކަމަށެވެ.

"ވަރަށް ގިނަ ފަހަރު އާއްމުންނަށް ވެސް ގަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ސިއްހީ މައްސަލައިގެ ހައްލަކީ ސްްޕެޝަލައިޒްޑް ކެއާއޭ. ޕްރައިމަރީ ހެލްތު ކެއާ އަލުން ބައްޓަން ކުރަން ޖެހެނީ، އެއީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާތީ. ކޮމިއުނިޓީ ހެލްތުކެއާ އަކީ އެއްވެސް އެއްޗެއް ނޫނޭ،" ޑރ. އަޒީޒް ވިދާޅުވި އެވެ.

ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމާ މެދު މަޝްވަރާކުރަން ހެލްތު މިނިސްޓްރީން އިއްޔެ ފެށި މަހާސިންތާގައި ވާހަކަ ދަައްކަވަމުން ޑރ. އަޒީޒް ވިދާޅުވީ ޕްރައިމަރީ ކޮމިއުނިޓީ ހެލްތު ކެއާގެ ހާލަތު ރާއްޖޭގައި ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ގިނަ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

ޕްރައިމަރީ ހެލްތުކެއާއަށް ހުރި ގޮންޖެހުންތައް

ކޮމިއުނިޓީ ހެލްތުކެއާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އޮތް ޕްރައިމަރީ ހެލްތުކެއާ ނިޒާމަށް މީހުން އިތުބާރު ނުކުރުމެވެ. އެގޮތުން އެއީ ފަގީރުންނަށް ދޭ އަދި ފެންވަރު ދަށް ހިދުމަތެއްގެ ގޮތުގައި މީހުން ގަބޫލުކުރާ ގަބޫލުކުރުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ލިބޭ އާމްދަނީ ކުޑަވުމާއި އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ނުލިބުމަކީ ވެސް ގޮންޖެހުމެކެވެ.

"ދެން ހަމަ އެގޮތަށް ޓްރެއިނިން އާއި ޑިވެލޮޕްމެންޓް ނެތީމާ ކޮންސިސްޓެންސީ އޮފް ކެއާއެއް ނީނދޭ،" ޑރ. އަޒީޒް ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތުކެއާއަށް ބޭނުންވާ ބޭހާއި އެހެނިހެން ވަސީލަތްތައް ނެތުމަކީ ވެސް އެ ދާއިރާ ހީނަރުވުމުގެ ސަބަބެކެވެ. އެހެންވީމާ ވާ ގޮތަކީ ކިތަންމެ ކުޑަ ކަމެއްގައި ވެސް ޕްރައިމަރީ ހެލްތުކެއާގެ ބޭނުން ނުކޮށް މީހުން ހޮސްޕިޓަލްތަކަށް ދާން ބޭނުންވުމެވެ.

ޕްރައިމަރީ ހެލްތުކެއާ އަލުން ޕްރޮމޯޓްކުރަން ޖެހޭ

އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ ފަށަން އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފްލާގައި (ކ-ވ) އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ހެލްތް މިނިސްޓަރު އަމީން، ނައިބު ރައީސް ފައިސަލް، ޖެންޑާ މިނިސްޓަރު ޝިދާތާ، އެންވާރޮމަންޓް މިނިސްޓަރު ހުސައިން ---.ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕްރައިމަރީ ހެލްތުކެއާގެ ވާހަކަ އަޑުނީވޭތާ އަހަރުތަކެއް ވުމަށް ފަހު އަލުން އެވާހަކަ ދައްކަން ޖެހުނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ، ހައްލުތަކެއް ހޯދަން މަޖުބޫރުވެފައި ވާތީ އެވެެ.

ޑރ. އަޒީޒް ވިދާޅުވީ އެ ހިދުމަތުގެ ފެންވަރު އަލުން ރަނގަޅުކޮށް، އެ ހިދުމަތަށް މީހުން އަހުލުވެރިކުރުވަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ފުރަތަމަ ސަބަބަކީ އެއީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ދާއިރާއަކަށް ވުމެވެ. ހަމަ އެގޮތަށް ޕްރައިމަރީ ހެލްތުކެއާގެ ގޮތުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ހަރަދު ވެސް ނުހަނު ކުޑަވުމެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަޝްވަރާ ކުރަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަޝްވަރާ ކުރަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އެއަށް ވުރެ ވެސް މުހިއްމު ސަބަބަކީ އެއީ ގައިންގަޔަށް އަރާ ބަލިތައް މަދުކުރަން ވަރަށް މުހިއްމު ހިދުމަތަކަށް ވުމެވެ. ރާއްޖޭގައި ކުރިން ގިނައިން އުޅުނު ގައިިންގަޔަށް އަރާ ބަލިތައް މަދުވުމުގެ އެއް ސަބަބަކީ އެ ހިދުމަތުގެ ބޭނުން އޭރު ފުރިހަމައަށް ހިފުމެވެ.

"މިސާލަކަށް އަޅުގަނޑުމެން ބަލަމާ ހިނގާ ވެކްސިން ފަރުވާ. ވެކްސިން ޕްރޮގްރާމް އަޅުގަނޑުމެން ހިންގަން ފެށީމާ ވެކްސިން މިދޭ ބަލިތައް މަދުވެގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތުކެއާ އަލުން ދިރުވައިގެން ކުރާނެ ވަރަށް މުހިއްމު މަސައްކަތެއް މިހާރު ވެސް އެބަ ހުއްޓެވެ. ރާއްޖޭގައި މިހާރު ގިނަވެގެން އުޅެނީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެއީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކެވެ. އެ ނުބައި އާދަތަކުން މީހުން ދުރުކުރުމަށް އެންމެ އިފެކްޓިވްކޮށް މަސައްކަތް ކުރެވޭނީ ކޮމިއުނިޓީ ހެލްތުކެއާ ހަރުދަނާކޮށްގެން، އެ ހިދުމަތުގެ ތެރެއިންނެވެ.

"ހަމަ އެގޮތަށް ގައުމެއްގެ ތަރައްގީއަށް ޕްރައިމަރީ ހެލްތުކެއާ އެބަ ކޮންޓްރިބިއުޓްކުރޭ،" ޑރ. އަޒީޒް ވިދާޅުވި އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަޝްވަރާ ކުރަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަޝްވަރާ ކުރަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޕްރައިމަރީ ހެލްތުކެއާގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން މިހާރު ވަނީ ރަނގަޅު ތަސައްވުރެއް އެކުލަވައިލާފަ އެވެެ. އަޒީޒް ވިދާޅުވީ ކޮމިއުނިޓީ ހެލްތުކެއާ ދިރުވައި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ މޮޑެލެއް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. އެ މޮޑެލްގައިވާ ގޮތުން މާލޭގައި ހުރި ދަމަނަވެއްޓަކީ އައިޖީއެމްއެޗްގެ އެހީގައި ހިންގާ ތަނަކަށް ވެގެންދާނެ އެވެ. އޭގެ އިތުރުން ކޮންމެ ޓާޝަރީ ހޮސްޕިޓަލެއްގައި ޕްރިވެންޓިވް ހެލްތުކެއާ ޔުނިޓެއް ގާއިމްކުރުން ވެސް އެ މޮޑެލުގައި ހިމެނެ އެވެ.

މާލޭގައި ހުރި ދަމަނަވެށި ފަދަ ޔުުނިޓްތައް ރާއްޖޭގެ އެހެން ބޮޑެތި އާބާދީތަކަށް ތައާރަފްކުރުމާއި އެނޫން ތަންތަނުގައި ޕްރިވެންޓިވް ހެލްތު ޔުނިޓްތައް ގާއިމްކުރަން ވެސް އާ މޮޑެލްގައި ހިމެނެ އެވެ.

ރަށްރަށުގައި ގާއިމްކުރާ ކޮމިއުނިޓީ ހެލްތު ޔުނިޓްތަކުގައި މަސަައްކަތްކުރާ މީހުންނަށް ތަމްރީނުދީ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުންނެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަންދޫބަކު ވާހަކަ ދައްކަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަންދޫބަކު ވާހަކަ ދައްކަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"އިތުރު ދަމަނަވެށިތަކެއް ތައާރަފްކުރުން ޕޮޕިއުލޭޝަން ރިޑިފައިން ކޮށްފައި. ކޮންމެ 10،000 އަކަށް ނޫނީ 5000 އަކަށްތޯ އަޅުގަނޑުމެން ދަމަނަވެށި ތައާރަފްކުރާނީ،" ނިންމިދާނެ ގޮތްތަކަކާ ބެހޭ ގޮތުން ޑރ. އަޒީޒް ވިދާޅުވި އެވެ.

ކޮމިއުނިޓީ ހެލްތުކެއާ މިގޮތަށް ހަރުދަނާ ކުރެވިއްޖެ ނަމަ ހޮސްޕިޓަލްތަކަށް ދާން ކުރާ ހަރަދާއި ދައުލަތުން ސިއްހީ ހިދުމަތަށް ކުރާ ހޭދަޔަށް ވެސް ބޮޑު ލުޔެއް ލިބޭނެ އެވެ. ހަމަ އެގޮތަށް ހޮސްޕިޓަލްތަކުގައި އޮންނަ ދިގު ކިއު ވެސް ކުޑަވާނެ ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ.