Roadha Mihaaru
ލާދީނީ ކަންކަމާ ދެކޮޅަށް ދުއާކޮށްފި

ލާދީނީ ކަންކަން ފަތުރަން ކުރާ މަސައްކަތާ ދެކޮޅަށް ހުކުރު ނަމާދަށް ފަހު ދުއާކޮށްފި

01 ނޮވެމްބަރ 2019

އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާ ޚިލާފް ކަންކަން ރާއްޖޭގައި ފަތުރަން ކުރާ މަސައްކަތާ ދެކޮޅަށް މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ދުއާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާ ޚިލާފް ކަންކަން ރާއްޖޭގައި ފަތުރަން ކުރާ މަސައްކަތާ ދެކޮޅަށް މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ދުއާކޮށްފި އެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި އެ ޖަމްއިއްޔާ ސަސްޕެންޑްކޮށް، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ރާއްޖޭގައި ލާދީނީ ކަންކަން ފަތުރަން ކުރާ މަސައްކަތް ނާކާމިޔާބުމަށް އެދި ދުއާކުރީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގަ އެވެ. އެ ދުއާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. މި ދުއާގައި އިސްވެ ބައިވެރިވީ، ސަރުކާރާ އިދިކޮޅު ފަރާތްތަކެވެ. އިސްވެ ދުއާ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ މުހައްމަދެވެ.

މި ދުއާ ގައި ވަނީ ލާދީނީ ކަންކަން ފެތުރުމުން ދިވެހި މުޖުތަމައު ސަލާމަތް ކޮށްދެއްވުމަށާއި އެކަމާ ދެކޮޅަޢް ކުރާ މަސައްކަތްތަކުގައި ނަސްރު ދެއްވުމަށް އެދިފަ އެވެ. އަދި ﷲ އާއި ރަސޫލާ އަށް ފުރައްސާރަ ކުރާ މީހުން ބަލިކަށި ކޮށްދެއްވުމަށް އެދި ދުއާ ދެންނެވި އެވެ.

"އެބައި މީހުންނަށް އެހީތެރިވާ މީހުން ނިކަމެތި ކުރައްވާފާނދޭވެ. އެ މީހުންނަށް ވާގިވެރިވާ މީހުން ބަލިކަށި ކޮށްދެއްވާނދޭވެ. އެފަދަ މީހުންނަކީ ގައުމުގެ ވެރިން ކަމުގައި ވާ ނަމަ އެބައި މީހުންނަށް ތެދުމަގު ދައްކަވާނދޭވެ. އަދި އެބައި މީހުންނަށް ތެދުމަގު ދެއްކެވުން ނެތް ކަމުގައި ވާ ނަމަ އެބައި މީހުން ބަލިކަށި ކުރައްވައި ނިކަމެތި ކުރައްވާނދޭވެ. އެބައި މީހުން ފަލީހަތް ކުރައްވާނދޭވެ،" ދުއާ ގައި ވެ އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހުރި ކަމަށް ފުލުހުން ވެސް ވަނީ ނިންމައި، އެކަން ޔޫތު މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ. އެ ޖަމްއިއްޔާ އުވާލަން އަތޮޅު ތެރޭގައި މުޒާހަރާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އެކަމުގައި ސަރުކާރުން ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ދުއާކޮށްފަ އެވެ.