Roadha Mihaaru
އެންމެފަހުން އެމްޑީއެން އުވާލަން ނިންމައިފި

އެންމެފަހުން އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި

05 ނޮވެމްބަރ 2019

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމައިފި އެވެ.

މި ޖަމިއްޔާ އުވާލަން މި ނިންމީ، ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ. އެމްޑީއެންގެ ރިޕޯޓް އިލްމުވެރިންގެ ޓީމެއް ލައްވައި ފުލުހުން ވަނީ ދިރާސާކޮށްފަ އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވާ ކަމަށެވެ. އެހެންވެ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމާފައިވާ ކަން އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ.

މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓް.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އަދި ށ. އާ ހަވާލާދީ، އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި އެކަން އެ ޖަމިއްޔާ ވެސް އަންގާފައިވާ ކަމަށެވެ. ޖަމިއްޔާ އުވާލުމަށް، އެތަނުގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ގާނޫނުގައިވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑްކުރި އެވެ. އެކަމަކު އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. މި މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ބޭއްވި އެވެ.

ރިޕޯޓް ލިއުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގު ލަސްވެގެން ވެސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ފުލުހުން ބުނީ އެ ތަހުގީގު ކުރިއަށް އެބަދާ ކަމަށާއި ދަތިތަކެއް ކުރިމަތިވެފައި ވަނީ ރިޕޯޓް ލިއުނު މީހުން ރާއްޖޭގައި ނެތުމުން ކަމަށެވެ.

އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ތަހުގީގަށް ހާޒިރުވާން ދެ ހަފުތާގެ މުއްދަތެއް ދިނެވެ. އެކަމަކު ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ތަހުގީގަށް ހާޒިރުވާން އަޒްރާ ވަނީ ދެކޮޅު ހަދައިފަ އެވެ.

އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.