Roadha Mihaaru
ހައި ކޯޓުން ވެސް ހުސައިން މަނިކު ސަލާމަތްވެއްޖެ

ޑްރަގްގެ ބޮޑެއް ކަމަށް ބުނާ ހުސައިން މަނިކުގެ މައްޗަށް ހައި ކޯޓުގައި ވެސް ކުށް ސާބިތުނުވި

26 ސެޕްޓެމްބަރ 2016

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށް ބުނެ ހުސައިން ހައްޔަރުކުރީ އޭޕްރީލް، 2009 ގައި އިންޑިއާ އިން ރާއްޖެ އައި މުސްކުޅި ދެމަފިރިއެއްގެ އަތަށް ދީގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.

ހުސައިން ހައްޔަރުކުރީ މުސްކުޅި ދެމަފިރިންގެ އަތަށް ދީގެން ބަޔަކު އެތެރެކުރި، މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން އޭނާ ދިޔުމުންނެވެ. އެ މައްސަލާގައި ހުސެއިންގެ މައްޗަށް އުފުލި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް 2010 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރުމުން، އެ އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

ހައި ކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ހުސައިންގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑާ ހަވާލުވާން ހުސައިން ދިޔައީ އެހެން މީހަކު ބުނެގެންތޯ ނުވަތަ އެއީ ހަގީގަތުގައި ވެސް ހުސައިންގެ ފޮށިގަނޑެއްތޯ ބެލިފައި ނެތް ކަމަށެވެ. އެހެންވެ، އެ ފޮށިގަނޑު ބަލައި އޭނާ ދިޔަ ކަމަށްޓަކައި އެކަމަށް އެކަނި ބިނާކޮށް އެ ފޮށިގަނޑަކީ އޭނާގެ އެއްޗެއް ކަން ސާބިތުނުވާނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެއީ ހުސައިން އަށް ލަނޑެއް ދިނުމުގެ ގޮތުން ބަޔަކު ކުރި ކަމެއް ކަމަށާއި އެ ފޮށިގަނޑާ އެކު އޭނާ ހައްޔަރުކުރި ވަގުތު ފޮށިގަނޑު ކަނޑައި، އެއިން މަސްތުވާތަކެތި ހޯދާފައިނުވާ ކަމަށާއި މަސްތުވާތަކެތި ފެނުނީ އޭނާ ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންދިޔަ ފަހުން ކަމަށް ހުސައިންގެ ފަރާތުން ބުނާއިރު، އެކަމަށް ދައުލަތުން ދެކޮޅު ނަހަދާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފޮށިގަނޑުން ހުސައިންގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މައްސަލަ ދައުލަތުން އިސްތިއުނާފް ކުރީ 2011 ގައި ނަމަވެސް އެކި ފަހަރު މަތިން ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމުން އެ މައްސަލަ ނިންމުން ލަސްވީ އެވެ. މިއަދު ހުކުމް ކުރިއިރު އެ މައްސަލަ ބެލި ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އެ ދައުވާތައް ސާބިތުވި ނަމަ 50 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ހުސައިންގެ މައްޗަށް އަންނާނެ އެވެ.

މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މީހެއް ކަމަށް ބުނެ 2009 ގައި ހައްޔަރުކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަކަށް ހުށައެއްނާޅަ އެވެ.