Roadha Mihaaru
ޑްރަގް މައްސަލާގައި ދެމަފިރިންނާ ދެކޮޅު ހެކި ރަނގަޅު

ކޮޓަރިން ޑްރަގް ފެނިގެން ދެމަފިރިންގެ މައްޗަށް ދައުވާކުރަން ހެކި ހޯދީ ރަނގަޅަށް: ހައި ކޯޓް

30 ޖެނުއަރީ 2022

ދެމަފިރިއެއްގެ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހެކި ހޯދީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެމަފިރިއެއްގެ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހެކި ހޯދީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ތުހުމަތަކާ ގުޅިގެން، 2019 ވަނަ އަހަރު ހުޅުމާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް ފާސް ކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި، އެ ކޮޓަރީގައި އުޅޭ ދެމަފިރިންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އޮތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލައިފަ އެވެ. އެ މައްސަލާގައި ހޯދި ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ އެ ދެ މީހުންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ އެޕާޓްމެންޓް ފާސްކުރުމުގެ އަމުރު ބާތިލް ކަމަށް ބުނެ އެވެ.

އެޕާޓްމެންޓް ފާސްކުރަން ހުޅުމާލޭ ކޯޓުން އަމުރު ދިން އިރު އެ ކޯޓަކީ އެފަދަ އަމުރުތައް ނެރުމުގެ އިހްތިސާސް އޮތް ކޯޓެއް ނޫނެވެ. އޭރު އެފަދަ އެހެން މައްސަލަތަކުގައި ނެރެދިން އަމުރުތައް ހައި ކޯޓުން ފަހުން ބާތިލް ވެސް ކުރި އެވެ. އެހެންވެ، އެދެމަފިރިންގެ ފަރާތުން އެދުނީ ހުޅުމާލޭ ކޯޓުގެ އަމުރުގެ ދަށުން ހޯދި ހެކިތަކަކީ ވެސް ގާނޫނާ ޚިލާފަށް ހޯދި ހެކިތަކެއް ކަމަށް ނިންމައި ދިނުމަށެވެ. އެކަމަކު ދެމަފިރިންގެ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރު ހައި ކޯޓުން އޭރު ބާތިލްކޮށްފައެއް ނުވެ އެވެ.

ހުޅުމާލޭ ކޯޓުން ނިންމާފައި އޮތީ އެޕާޓްމެންޓް ފާސްކުރުމުގެ އަމުރު ހައި ކޯޓުން ބާތިލް ކޮށްފައި ނުވާތީ އެ އަމުރުގެ ދަށުން ހޯދި ހެކިތަކަކީ ގާނޫނާ ޚިލާފް ހެކިތަކެއް ކަމަށް ނުނިންމޭނެ ކަމަށެވެ. އެ ނިންމުން އެ ދެމަފިރިންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އަމުރެއް ބާތިލް ނުކުރާހާ ހިނދަކު އެ އަމުރެއްގެ ބާރު ދެމި އޮންނާނެ ކަމަށެވެ. އަދި އެފަދަ އަމުރެއްގެ ދަށުން ހޯދި ހެކިތައް ގޯސްވާން ޖެހޭ ސަބަބެއް އެ މީހުންނަށް ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހުޅުމާލޭ ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ. އަދި އެޕާޓްމެންޓް ފާސްކުރަން ދިން އަމުރުގެ ސައްހަކަމާ މެދު މިހާރު ހައި ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.