Roadha Mihaaru
ފިންލެންޑް ސްކޫލް: ޓެސްޓަކާނުލައި ކިޔަވައިދޭ ތަނަކަށް

އިމްތިހާނަކާ ނުލައި ރާއްޖޭގައި ބޭސިކް އެޑިއުކޭޝަން ނިންމޭ ފުރަތަމަ ތަނަކަށް ފިންލެންޑް ސްކޫލް

24 އޮކްޓޯބަރ 2019

ބޮޑު އިމްތިހާނަކާ ނުލައި ރާއްޖޭގައި އަސާސީ ތައުލީމް ނުވަތަ ބޭސިކް އެޑިއުކޭޝަން ނިންމޭ ފުރަތަމަ ތަނަކަށް ފިންލެންޑް ސްކޫލް ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑު އިމްތިހާނަކާ ނުލައި ރާއްޖޭގައި އަސާސީ ތައުލީމް ނުވަތަ ބޭސިކް އެޑިއުކޭޝަން ނިންމޭ ފުރަތަމަ ތަނަކަށް ފިންލެންޑް ސްކޫލް ހަދައިފި އެވެ.

އެ ތަނުގެ "ހައި ސްކޫލް" ކޮންސެޕްޓް އިފްތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މިހާރު އެ ސްކޫލުގައި ކިޔަވައިދެމުން އަންނަ ގޮތާއި މުސްތަގުބަލުގައި ސްކޫލަށް ގެންނާނެ ބަދަލުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ގްރޭޑު 1-9 އަށް އެއްވެސް އިމްތިހާނެއް ނުދިނުން ހިމެނެ އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން މި އަހަރު އަލަށް ފެށި ފިންލެންޑު ސްކޫލު ހިންގަމުން އަންނަނީ މާލޭގައި ހުންނަ ޑްރީމް ކެމްޕަހުގަ އެވެ. އެ ސްކޫލުގައި މިހާރު ވެސް ގްރޭޑު 1-6 އަށް 200 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނައިރު، އެ ދަރިވަރުންނަށް ޓާމު ޓެސްޓެއް ނުދޭނެ އެވެ. ހަމައެކަނި ދެނީ އެސެސްމަންޓް ހެދުމަށެވެ. އެއީ ވެސް އެ ދަރިވަރެއްގެ ފެންވަރަށް ބެލުމަށްފަހުގަ އެވެ.

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. ރަޝީދު (ކ-2) އަދި އެ ގައުމުން މި ސަރަހައްދަށް ކަނޑައަޅާފައިވާ ސަފީރު ކަމަރައިނެން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. ރަޝީދު (ކ-2) އަދި އެ ގައުމުން މި ސަރަހައްދަށް ކަނޑައަޅާފައިވާ ސަފީރު ކަމަރައިނެން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލަންނެ ވިދާޅުވީ ފިންލެންޑު ސްކޫލުން ތައުލީމް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް، ފިންލެންޑުގެ ތައުލީމީ ނިޒާމާ އެއްގޮތަށް ފިނިޝް ބޭސިކް އެޑިއުކޭޝަން ސެޓިފިކެޓެއް ދޭނެ ކަމަށެވެ. އެ ސެޓިފިކެޓަކީ "ފިނިޝް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން" އިން ގަބޫލުކުރާ ސެޓްފިކެޓަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ފިންލެންޑު ހައި ސްކޫލްގެ މުގައްރަރަކީ "ފިނިޝް އެޑިއުކޭޝަން އޮތޯރިޓީ" އިން ގަބޫލުކުރާ މުގައްރަރެއް ކަމަށް ވިދާޅުވި އެވެ. އަސާސީ ތައުލީމަކީ ސްކޫލް ނިޒާމުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ލިބެން ޖެހޭނެ ހައްގެއް ކަމަށާއި އިމްތިހާނުތަކެއް ދިނުމަށްފަހު ހަމައެކަނި ގަދަ ދިހައެއް ފާހަގަކުރުމަކީ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިހާނުގެ ތެރެއިން ހުރިހާ ދަރިވަރުން ގަދަ 10ގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ލަނޑުދަނޑިއެއް ނޫންކަން ފާހަގަކުރައްވައި އެއްޔާ ވިދާޅުވީ ހުރިހާ ދަރިވަރުންނަކީ ތައުލީމީ ގާބިލްކަން އެއްވަރަކަށް ލިބިފައިވާ ކުދިންތަކެއް ނޫންކަމަށެވެ. އެއްވެސް ކުއްޖެއް ބާކީނުކުރާ އުސޫލުގެ ތެރެއިން ހުރިހާ ކުދިންގެ ހުނަރުތައް ވެސް ބަލައިގަނެ ފާހަގަކުރަންވާނެކަމަށް ވިދާޅުވި އެވެ.

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ އަސާސީ ތައުލީމްގެ ތެރޭގައި އެއްވެސް އިމްތިހާނެއް ނުދެވޭނެ. ނަމަވެސް ދަރިވަރުން އިމްތިހާން ކުރެވޭނީ އެ ކުއްޖަކަށް ލިބިފައިވާ ހުނަރަކާއި ކުރިއެރުމަށާއި ގާބިލިއްޔަތުކަމަށް ބެލުމަށްފަހު. އެ ކުއްޖަކަށް ލިބިފައިވާ ތައުލީމީ އަދި ވޮކޭޝަނަލް، ގާބިލިއްޔަތުކަމުގެ މައްޗަށް ބެލުމަށްފަހު ދެން އޮތް ހަރުފަތްތަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކުއްޖެއް،" އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެއްޔާ ވިދާޅުވި އެވެ.

ސްކޫލުގައި އިމްތިހާނެއް ނުދިން ނަމަވެސް އެ ދަރިވަރުން ތިބޭނީ އޯލެވެލް އިމްތިހާނަށް ފުރިހަމައަށް ތައްޔާރުކުރެވިފައި ކަމަށް ވިދާޅުވި އެވެ. އެހެންވެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް 10 އަހަރުގައި ކުރިމަތިލާ ފުރިހަމަ އިމްތިހާނަށް ސްކޫލުން ތައްޔާރު ކޮށްދޭނެ އެވެ.

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ (ކ-3) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންލެންޑް ސްކޫލުގެ "ހައި ސްކޫލް ކޮންސެޕްޓް" ތައާރަފްކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ (ކ-3) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބެލެނިވެރިން ބޭނުންވާނަމަ ފިންލެންޑު ސްކޫލުން ތައުލީމް ހާސިލްކުާ ދަރިވަރުންނަށް ދެ ސެޓްފިކެޓެއް ހާސިލްކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ފިނިޝް ބޭސިކް އެޑިއުކޭޝަންގެ އިތުރުން އޯ ލެވެލް ސެޓްފިކެޓެވެ.

ފިންލެންޑުގައި 50 ޕަސެންޓު ދަރިވަރުންނަކީ ވޮކޭޝަނަލް ޕާތް އިހުތިޔާރު ކުރާ ކުދިންނެވެ. އެ ކުދިންނަކީ އަމިއްލަ ހަޔާތާއި ވަޒީފާގައި ވަރަށް ރަނގަޅު ކާމިޔާބު ހޯދަމުން އަންނަ ކުދިންތަކެކެވެ. މިހާރު ރާއްޖޭގައި ވެސް "ވޮކޭޝަނަލް ޕާތު" އަކީ އެންމެ ދަށްގޮތްކަމުގައި ދެކުމުގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ހައި ސްކޫލު ޗެޕްޓާގެ ތެރެއިން، އެ ސްކޫލުގައި ގްރޭޑު ހަތެއް ތައާރަފްކުރާނީ އެތަނުގައި އާ އިމާރާތެއް އެޅުުމަށްފަހު 2021 ވަނަ އަހަރެވެ. އެއަށްފަހު ޖެހިގެން އަންނަ ކޮންމެ އަހަރަކު ވެސް އާ ގްރޭޑެއް ތައާރަފްކުރާނެ އެވެ.