Roadha Mihaaru
ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި

ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި

22 އޮކްޓޯބަރ 2019

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯއާ އެކު އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯއާ އެކު އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

އެ މައުލޫމާތުތަކުގައި ވާ ގޮތުން ރާއްޖެ އަށް މި ފަހަރު ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވަނީ ތިން މީހެކެވެ.

އެއީ ސ.ހިތަދޫ، ކޯޒީ ކޯނާ، އަލީ އަންވަރު މުހައްމަދު 35، އާއި ކ. ދިއްފުށި މާތިލަ، އަހްމަދު ޝަކީބް 42، އަދި ލ. ގަން ތުނޑި މިލާނޯ، މުހައްމަދު ރިޝްފާން 23، އެވެ. މީގެ ތެރެއިން ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ، އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.

ރާއްޖެއަށް 70 ކިލޯގެ ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ މައުލޫމާތު ވެސް ފުލުހުން ހާމަކުރި އެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް 39، އާއި ލ. ގަން ތުނޑި، އީޓް ޖެހިގޭ މުހައްމަދު އިނާޝް 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު 24 އަދި ތުހުން 36، އެވެ.

މި މީހުންގެ ތެރެއިން ކުށުގެ ރެކޯޑް އޮތީ މުހައްމަދު އިނާޝްގެ އެވެ. އެއީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑެވެ.

އީރާނުގެ ބޯޓުގައި ތިބި އެންމެންނަކީ އެ ގައުމުގެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. ފަކީރު 50، އާއި އިސްމާއީލް އިބްރާހީމް 50، އާއި ސާޖިދު 50، އާއި ނަވިދު 30، އާއި އީސާ ސުލައިމާން 26 އަދި އަލީ ރާޖާ 19 އެވެ.

އީރާނުގެ ބޯޓުގައި ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ ތަހުގީގުކުރުމުގައި އިންޓަޕޯލްގެ ޓީމަކުން އަންނަނީ ފުލުހުންނަށް އެހީތެރިވަމުންނެވެ.

އީރާނުގެ ބޯޓާއި އެ ބޯޓު ކައިރި އަށް ދިޔަ ރާއްޖޭގެ މަސް ދޯނި އަތުލައިގަތީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ތިން ގޯންޏެއްގައި މަސްތުވާތަކެތި އަޅާފައި ހުއްޓާ އީރާނުގެ ބޯޓުން ފެނިފައިވާ ކަމަށެވެ. އެއީ 70 ޕެކެޓްގެ މަސްތުވާތަކެތި ކަމަށާއި އެތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެ އެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުން މި އޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ އެވެ.