Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް

މިދިޔަ 15 އަހަރު ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް

21 އޮކްޓޯބަރ 2019

ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު "މިހާރު" އަށް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް ބަލަން ކޮމިޓީން ބޭނުންވީ ދާދި ފަހުން ފެންމަތިވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ، ގިނަ އަދަދެއްގެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުލަތުން މީހެއްގެ މައްޗަށް ދައުވާކޮށް، 13 އަހަރު ފަހުން އެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރި މައްސަލަ އެވެ.

އެ މައްސަލަ ސާބިތު ނުވީ ކުރީގެ ގާނޫނުތަކުގެ ދަށުން ދައުވާ ކޮށްފައި ވުމާ އެކު، ޖިންސީ ގޯނާކުރި ކަމަށް ކުދިން ތަހުގީގަށް ދީފައިވާ ބަޔާނަކީ ކާފީ ހެއްކަކަށް ނުވުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

ޖީހާން ވިދާޅުވި ގޮތުގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރެ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އިންސާފު ނުލިބި އެތައް ބަޔަކު ތިބޭނެ ކަމަށް ދާދި ފަހުން ފެންމަތިވި މައްސަލަ އިން އެނގޭ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީން އިންކުއަރީއެއް ލޯންޗްކުރަން ނިންމީ އެފަދަ ފަރާތްތަކަށް އިންސާފު ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި 2007 ގައި ކޮށްފައިވާ ގެވެށި ދިރިއުޅުމުގެ ދިރާސާއަކުން އެނގޭ ގޮތުން ކޮންމެ ތިން އަންހެނަކުން އެކަކު ގެންދަނީ ކޮންމެވެސް ކަހަލަ ޖިންސީ އަނިޔާއެއް ތަހައްމަލް ކުރަމުންނެވެ. ރަސްމީ މި ހިސާބުތުގެ ކަންބޮޑުވުމާ އެކު މައްސަލަތަކުގައި އިންސާފަށް ވާސިލްވާން ހުރި ހުރަސްތަކަކީ ކޮބައިތޯ ކޮމިޓީން ބަލާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނަން، މައުލޫމާތު އެއްކުރާނަން ފުލުހުންނާއި ޖެންޑާ އަށް އަދި ކޯޓުތަކަށް ހުށަހަޅާފައިވާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކަންވެފައި ހުރި ގޮތް،" ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތަކުގެ ހައްލު ހޯދައި އިންސާފަށް ވާސިލްވާން ބޭނުން ނަމަ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނެވެ. އެގޮތުން 2017 ގައި ކުޑަކުދިންނާ ގުޅުން ހުރި 1،372 މައްސަލަ ހުށަހަޅާފައިވާއިރު، ޖިންސީ ގޯނާގެ 418 މައްސަލަ ހިމެނެ އެވެ. އޭގެ އިތުރުން ވިޔަފާރި ފައިދާ ހޯދުމަށް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުގައިވެ އެވެ.