Roadha Mihaaru
ކުދިންގެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި ފޯނު އަތުލައިފި

ކުޑަ ދެ ކުދިންގެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި ފޯނު އަތުލައިފި

13 ފެބުރުއަރީ 2020

ކުޑަ ދެ ކުއްޖަކު ގައިގޯޅިކޮށް އުޅޭ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި، އެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކުޑަ ދެ ކުއްޖަކު ގައިގޯޅިކޮށް އުޅޭ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި، އެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވީޑިއޯ ރެކޯޑްކުރަން ބޭނުންކުރި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއްވެސް މީހަކު މި މައްސަލާގައި ހައްޔަރެއް ނުކުރެ އެވެ.

އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ތިބެނީ ހުޅުމާލޭ ފްލެޓެއްގެ ބެލްކަނީގަ އެވެ. އެ ކުދިންގެ މަންޒަރުތައް އާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި ވީޑިއޯގެ އާންމުވުމުން، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާއްމުކޮށް އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓްކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހެޔޮ ނުބައި ވަކިކުރަން ނޭނގޭ ވަރުގެ ކުޑަ ދެ ކުދިން އުޅުނު ގޮތްތައް މުޅި ދުނިޔެ އަށް އާންމުކޮށް ބޭޒާރުކުރި މީހާ ހޯދަން ފުލުހުން ތަހުގީގު ފެށީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އާއިލާ އާއި މުޖުތަމައުގެ ޒިންމާތަކެއް ވެސް ގާނޫނުގައި ކަނޑައަޅާފައި ވާއިރު އެ ޒިންމާ އަދާކޮށްފައި ނުވާތީ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން ގާނޫނުން މުޖުތަމައު އަށް ލާޒިމްކުރެ އެވެ. އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރަން ވެސް ގާނޫނުގައި ލާޒިމްކޮށްފައި އޮވެ އެވެ. މި ޒިންމާ އަދާނުކޮށް އެ ކުދިން ބޭޒާރުކޮށްލުމަކީ ގާނޫނުގައި ބުނާ ގޮތުން ވެވޭ އިހުމާލެކެވެ.