ފުރަތަމަ މިސްކިތުގައި، އޭގެ ފަހުން ގޭގައި އޭނާގެ ޖިންސީ ޝިކާރައަކަށް ވީ ކިތައް ކުދިން ކަމެއް ނޭނގެ އެވެ! ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކުދިންގެ ތެރެއިން ބައެއް ކުދިން (މިހާރު 18 އަހަރު ވެފައިވާ މީހުން) އަދިވެސް ތިބީ އަނގަ ބަންދުވެފަ އެވެ. ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ބައެއް މީހުންގެ ޖަޒުބާތު ފަޅައިގެން ދިޔައީ، އިންސާފުގެ ކޮޅެއް ނުފެނި މައްސަލަ ނިމުމުންނެވެ.
20 އޮކްޓޯބަރ 2019
ފުރަތަމަ މިސްކިތުގައި، އޭގެ ފަހުން ގޭގައި އޭނާގެ ޖިންސީ ޝިކާރައަކަށް ވީ ކިތައް ކުދިން ކަމެއް ނޭނގެ އެވެ! ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކުދިންގެ ތެރެއިން ބައެއް ކުދިން (މިހާރު 18 އަހަރު ވެފައިވާ މީހުން) އަދިވެސް ތިބީ އަނގަ ބަންދުވެފަ އެވެ. ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ބައެއް މީހުންގެ ޖަޒުބާތު ފަޅައިގެން ދިޔައީ، އިންސާފުގެ ކޮޅެއް ނުފެނި މައްސަލަ ނިމުމުންނެވެ.
ކޯޓުގައި މައްސަލަ އޮންނަތާ 10 އަހަރު ފަހުން މި މަހު 1 ގައި ކްރިމިނަލް ކޯޓުން ހުކުމް އައީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. މެދު ރާއްޖެ ތެރޭގެ ކުޑަ ރަށެއްގައި އެތައް ކުދިންނާ "ބެހުނު" އެ މީހާ ސަލާމަތްވީ އެވެ. ޖިންސީ އަނިޔާ ލިބުނު ކަމަށް އެ ކުދިން ތަހުގީގަށް ދިން ބަޔާނުގައި ބުނި ބުނުމަކީ މައްސަލަ ސާބިތުކުރަން ކާފީ ހެއްކަކަށް ނުވީ އެވެ!
މިއީ، އިންސާފުތޯ ޝަރުމާ އާދަމް (އަސްލު ނަމެއް ނޫން) 23، ސުވާލު ކުރެވުނީ އެތައް ދުވަހަކު ހިފަހައްޓައިގެން ހުރި ހިތްދަތިކަމާއި ބިރާއި ރުޅި އަދި މާޔޫސްކަން ކޮޅުންލައިގެން ދިއުމުންނެވެ. އުމުރުން އަށް އަހަރު ނުވަނީސް ޖިންސީ ޝިކާރައަކަށް ވެ މިހާ ދުވަހު އިންސާފަށް އުއްމީދުކޮށްގެން ހުއްޓާ ކޯޓުން މައްސަލަ ނިމުނު ގޮތުން ލިބުނީ އިތުރު ހިތްދަތި ކަމެކެވެ.
އުމުރުގެ ބޮޑު ބައި އޭނާ ހޭދަކުރީ އެ މީހާއާ ދިމާލަށް ނުބަލަ އެވެ. އޭނާގެ ވާހަކަ ދައްކާ ތަނެއްގައި ނުހުރެ އެވެ. އޮޅިގެން މީހަކު އޭނާގެ ނަން ކިޔާލިއަސް މުޅި ދުވަހު ޝަރުމާ އަށް މާޔޫސްކަމާ ކުރިމަތިލާން ޖެހެ އެވެ.
"ފުލުސް އޮފީހުގައި 2006 ގައި މައްސަލަ ޖެއްސީމަ ކުޑަ ދުވަސްކޮޅަކަށް އޭނާ ބަންދުކުރި، ފަހުން އޭނާ ދޫކޮށްލީ. މިހާ ދުވަހު އޭނާ އެ އުޅުނީ މިނިވަންކަމުގައި. ކޯޓު ހުކުމުން ވެސް އޭނާ މިނިވަންވުން އެއީ ވަރަށް ބޮޑު ދެރައެއް އެ ކުދިންނަށް ލިބުނު،" ޝަރުމާގެ މަންމަ "މިހާރު"އަށް ކިޔައިދިނެވެ.
ކުޑަކުދިންގެ ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނަކީ ކޮން ބައެއްކަމާއި ރަށް ވެސް ހާމައެއްނުކުރެ އެވެ.
ޤުރުއާން ކިޔަވައިދިނުމުގެ ނަމުގައި ކުދިން ގެންގޮސް މުދިންމީހާ އެ ކުދިންނަށް ޖިންސީ ގޯނާކުރަމުން ދިޔަ ކަން 2006 ގައި ފަޅާއެރީ، ކުދިންތަކެއް އެ ވާހަކަ ދެއްކުމުންނެވެ. މަންމަ އާއި ބައްޕަގެ ފަރާތުން ވެސް އާއިލީ ގާތްކަން އޮންނަ ބޭބެއަކު ޖިންސީ ގޯނާކުރަމުން ދިޔަ ކަން މަންމަ ގާތު ބުނަން ޝަރުމާއަކަށް ނުކެރުނެވެ. އެ އަނިޔާ ލިބެމުން ދިޔަ އޭނާގެ ކޮއްކޮ ވެސް ޖެހިލުންވީ އެވެ.
ބައެއް ކުދިންގެ ވާހަކަތަކުން އެނގޭ ގޮތުގައި މުދިމު ޖިންސީ ގޯނާކުރަން ފެށި ކަމަށް ތުހުމަތުކުރެވެނީ 2004 ގަ އެވެ.
"އޭނާގެ ގާތަށް ކިޔަވަން ދިޔަ އެހެން ކުދިންތަކެއް ބުނީ [ނަން ކަނޑާލާފައި] މިހެން ހަދަޔޭ. އެ ހިސާބުން އެނގިގެން ކުދިން ގާތު އަހައި އޮޅުންފިލުވުމުން އެނގުނީ އެތައް ކުދިންނަކާ ބެހުނު ކަން،" ޝަރުމާގެ މަންމަ ކިޔައިދިނެވެ.
އެ ކުދިން ވަނީ އެކި ދުވަސް މަތިން އޭނާ އެ ކުދިންނާ ދޭތެރޭގައި ހެދި ގޮތް ވެސް ފުލުހުންގެ ތަހުގީގަށް ކިޔައި ދީފަ އެވެ. މީގެ ތެރެއިން އެއް ދުވަހެއްގައި، ކުއްޖަކާ ބެހެނިކޮށް އޭނާގެ ފިރިހެން ދަރިފުޅަކު އެތަނަށް އައުމުން އެކަން ހުއްޓާލި ކަމަށް ވެސް ތަހުގީގަށް އެއް ކުއްޖަކު ކިޔައިދީފައިވާ ކަން ވެސް "މިހާރު"އަށް އެނގިފައިވެ އެވެ.
މައްސަލަ ފަޅާއަރައި އެއް ކުއްޖަކާ މަންމަ ސުވާލުކުރުމުން ރުއިން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ. އެ ކުއްޖާއަށް ހެދި ގޮތް ކިޔައިދެވުނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އެކަމަކު މުދިމާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ އެ އަމަލު ހިންގާފައިވާ ގޮތަށް ބަލާ އިރު ކުދިންގެ ބަޔާންތަކުން އެކަން އެއްގޮތް ވާތީ އާއި އެ އުމުރުގެ ކުދިންތަކަކަށް ރާވައިގެން، އެހާ ތަފްސީލުކޮށް ކިޔައިދޭން އެނގޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ދައުވާ އުފުލީ ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު)އާ ހަވާލާދީފަ އެވެ.
ގިނަ ކުދިންތަކެއް ޖިންސީ ޝިކާރައަކަށް ވި މި މައްސަލައިގައި ދައުވާ ލިބޭ މީހާގެ މައްޗަށް އެ ނޫން ދެ ދައުވާއެއް ވެސް ދައުލަތުން ހުށަހެޅި އެވެ. އެ ދެ ދައުވާ ވެސް މި މައްސަލައާ އެކު ކުރިއަށް ގެންދިޔައީ ތިން މައްސަލާގައި ހުށަހަޅާފައި ވަނީ އެއް ހެކިންނަށް ވާތީ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އެއާ އެކު ދައުވާ ކޯޓަށް ހުށަހަޅައި ޝަރީއަތް ހިންގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ. މައްސަލައިގައި އިބްތިދާއީ އަޑުއެހުމެއް ބޭއްވިފައި ނުވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު މީހާ އޮތީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި މައްސަލަ ޖެއްސި އެއް ކުޖަކަށް އަނިޔާވެފައިވާ ކަަމަށް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ނެތުން ވެސް، އޭނާ ސަލާމަތްވި ސަބަބުތަކުގެ ތެރޭގައި، ހިމެނެ އެވެ.
ހެކިންގެ ހެކި ބަހާއި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ބައެއް ކަންކަން ހުކުމުގައި ހިމަނާފައިވެ އެވެ.
- އަނިޔާ ލިބުނު ކުދިން ބުނާ ވާހަކަތަކާއި އެ ކުދިން އެހެން ކުދިންނާއި ބައެއް މީހުންނަށް ކިޔައިދިން ވާހަކަތައް އެކަނި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވުން.
- އެ ދައުވާ އުފުލީ ހެއްކާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ކަމަށް ވެފައި އެ މާއްދާގައި ބަޔާންވެގެން ވަނީ ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާ ކަމަށް ބަލައި އެ މައްޗަށް އަމަލުކުރަން ޖެހޭ މިންވަރަށް އެ ކަމެއް ހިނގާފައިވާ ކަމަށް ޝަރީއަަތަށް ބުރަވެވިއްޖެ ނަމަ އެފަދަ ހާއްސަ ހާލަތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެ ކަމެއްގެ ހަގީގަތް ސާބިތުވެއްޖެ ނަމަ ޝަރީއަތުން ނިންމިދާނެ ކަމަށް.
- އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުވާ ހުށަހަޅާފައި ވުން.
ގާނޫނުއަސާސީގެ 51 ވަނަ މާއްދާއާ ހަވާލާދީ ކޯޓުގެ ހުކުމުގައި ވަނީ ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް ބަޔާންކުރާ އެ މާއްދާގެ ދަށުން އެ މީހަކު ކުށެއް ކޮށްފި ކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ނުކުރެވޭ ނަމަ އެއީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ލިބިގެން ވެ އެވެ.
"ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ޖިނާއީ ކުށް ސާބިތުކުރާ މިންގަނޑަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންގަނޑު ކަމާއި ހެއްކާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނާ މިންގަނޑުން އޭގެ ފަހުން ޖިނާއީ މައްސަލަަތައް ސާބިތު ނުކުރެވޭނެ ކަމެވެ،" ހުކުމުގައިވެ އެވެ.
މީގެ އިތުރުން މި ހާދިސާ ހިނގީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ އޭރު އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުންތޯ ބެލި ނަމަވެސް އެ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ފަސް ކަމެއް މައްސަލައިގައި ނެތް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"މިގޮތުން، މި މައްސަލައިގައި ހެކީގެ ގޮތުގައި ހުރީ އަނިޔާ ލިބުނު ކުދިން ބުނާ ވާހަކަތަކާއި އެ ކުދިން އެހެން ކުދިންނާއި ބައެއް މީހުންނަށް ކިޔައިދިން ވާހަކަތައް ކަމާއި އެއަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް، ގަރީނާއެއް ނެތުމުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވެ އެވެ،" ހުކުމުގައިވެ އެވެ.
ކުށް ސާބިތު ނުވުމަކީ އޭނާ އެކަން ނުކުރުން ކަމަކަށް ޝަރުމާ އާއި އެ މީހާގެ ޖިންސީ ޝިކާރައަކަށް ވި އެހެން ކުދިން (މިހާރު މީހުން) ގަބޫލެއް ނުކުރެ އެވެ. އޭނާ ކުރި ކުށަށް އަދަބު ނުލިބި ދޫވެފައި ހުރުމަކީ އެ މީހުންނަށް އޮތް ނުރައްކަލެއް ކަމަށް އާއިލާތަކުން ވެސް ދެކެ އެވެ.
"އޭނާ މަގުމަތިން ފެނުނަސް މިހާރު ވެސް އަނބުރާލާފައި ގެއަށް ވަދެ ރޯން ފަށާނެ،" ޝަރުމާގެ މަންމަ ކިޔައިދިނެވެ.
ޝަރުމާގެ މަންމަ ކިޔައިދިން ގޮތުގައި ޖިންސީ ޝިކާރައަކަށް ވި ގިނަ ކުދިން މި ވާހަކަ ދައްކަން ފެށީ ވެސް މި ހުކުމާ ހިސާބުންނެވެ. އެކަމަކު މާޔޫސްކަމަކީ އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. އިންސާފު ލިބޭނީ ކޮން އިރަކުންތޯ އާއިލާ އަށް އެ މީހުން ކުރާ ސުވާލުގެ ޖަވާބު އޮތީ ސަރުކާރުގެ މުއައްސަސާތަކުގެ އަތްމަތީގައި ކަމަށް އޭނާ ދެކެ އެވެ.
"އަލުން މައްސަލަ ބަލާނެ ކަމުގެ އުއްމީދުގައި މިތިބީ،" މަންމަ ކިޔައިދިނެވެ.
ފެންމަތިވީ ޝަރުމާ އާއި އިތުރު ކުދިންތަކެއްގެ މައްސަލަ ނަމަވެސް މިއީ، ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކުގައި ވެސް ކުރިން ކަން ހިނގާފައިވާ ގޮތެވެ. މުޖުތަމައުގެ ލަދަށް، ކުދިންގެ އަނގަ ބަންދު ކުރުވައި އިތުރު އަނިޔާ ދެނީ އެވެ. އެކަމަކު މި މައްސަލައިން ފިޔަވަޅުތައް ވަރުގަދަ ކުރެވިދާނެ ކަމަށް ޝަރުމާ އާއި އޭނާގެ އާއިލާ އިން ދެކެ އެވެ.
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ހިޔާގެ ކުދިންގެ ބިޑިއެޅުވި ފުލުހުންގެ ޝަރީއަތް ކެންސަލް
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
އަނިޔާކުރި މަންމަގެ ބަންދަށް އިތުރު 10 ދުވަސް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ