Roadha Mihaaru
ކެޓަލޯނިއާގެ ލީޑަރުންނަށް ހުކުމް ކުރުމުން ހަމަނުޖެހުން

ކެޓަލޯނިއާގެ ލީޑަރުންނަށް ހުކުމް ކުރުމުން ހަމަނުޖެހުން

15 އޮކްޓޯބަރ 2019

ސްޕޭންގެ ބައެއް ކަމަށްވާ ކެޓަލޯނިއާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބައެއް ލީޑަރުންނަށް ސްޕޭންގެ ސުޕްރީމް ކޯޓުން އިއްޔެ ޖަލު ހުކުމްތައް އިއްވުމުން، އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

ސްޕޭންގެ ބައެއް ކަމަށްވާ ކެޓަލޯނިއާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބައެއް ލީޑަރުންނަށް ސްޕޭންގެ ސުޕްރީމް ކޯޓުން އިއްޔެ ޖަލު ހުކުމްތައް އިއްވުމުން، އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ ނުވަ ލީޑަރަކަށް ސުޕްރީމް ކޯޓުން އިއްވީ ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ހުކުމްތަކެވެ. މި ހުކުމްތައް އައީ 2017 ގައި ކެޓަލޯނިއާ މިނިވަންވާން ފެނޭތޯ ގާނޫނާ ހިލާފަށް ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެންނެވެ.

މި ހުކުމްތަކާ އެކު އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ ބާސެލޯނާގެ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގަ އެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

ސްޕޭންގެ އެންމެ މުއްސަނދި ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގެ މިނިވަންކަމަށް ސަޕޯޓްކުރާ މީހުން ވަނީ ބާސެލޯނާގެ އެހެން ހިސާބުތަކަށް ވެސް އެއްވެފަ އެވެ. އޭގެ ސަބަބުން މަގުތައް ބަންދުވެ، އެތައް އުނދަގޫތަކެއް އާންމު ދިރިއުޅުމަށް ފޯރި އެވެ.

މިނިވަންކަމުގެ ވޯޓު ނެގި އިރު ކެޓަލޯނިއާގެ ރައީސަކަށް ހުންނެވި ކާލްސް ޕުޖްޑެމޮން ހައްޔަރުކުރަން އަނެއްކާވެސް ސްޕޭނުން ވަނީ އަމުރު ނެރެފަ އެވެ. މިހާރު ގައުމުން ބޭރުގައި އުޅުއްވާ ޕުޖްޑެމޮން ވިދާޅުވީ ކެޓަލޯނިއާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަނީ ބަދަލުހިފުމުގެ އަމަލްތަކެއް ކަމަށެވެ.

ހުކުމް އިއްވި 12 ބޭފުޅުންގެ ތެރޭގައި، ކުރީގެ ކެޓަލޯނިއާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މިނިވަންކަމުގެ ހަރަކާތުގެ އެކްޓިވިސްޓުން ހިމެނެ އެވެ. ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ހަތަރު މަހަށް ކުރިއަށް ދިޔަ ޝަރީއަތުގައި އެ ބޭފުޅުން ވިދާޅުވީ ދައުވާ އުފުލައިފައި ވަނީ "ދޮގުގެ މައްޗަށް" ކަމަށެވެ.

އެންމެ ދިގު ހުކުމަކާ ކުރިމަތިވެވަޑައިގަތީ އޭރުގެ ނައިބު ރައީސް އޮރިއަލް ޝުންކޭރާއަށެވެ. ހަމަނުޖެހުން އުފެއްދުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގައި އޭނާގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

ދައުވާ އުފުލި އެންމެ އިސް ބޭފުޅަކަށް ވެސް އިންނެވީ ޝުންކޭރާ އެވެ. ދައުލަތުން މަސައްކަތްކުރަމުން ދިޔައީ 25 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް ލިބޭތޯ އެވެ.

ޕުޖްޑެމޮން ހައްޔަރުކުރަން އެތެރެ އާއި ބައިނަލްއަގުވާމީ އަމުރެއް ނެރުނީ، ހުކުމްތަކާ އެކު، ސްޕޭނަށް ލިބުނު ބާރުތަކުގެ ސަބަބުންނެވެ. އޭނާ ހައްޔަރުކުރަން ވެސް އުޅެނީ ގައުމުގައި ހަމަނުޖެހުން އުފެއްދުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތުގަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓަށް ފަހު ޕުޖްޑެމޮން ވަނީ ފިއްލަވައިގެން ބެލްޖިއަމަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ އުޅުއްވަނީ އެ ގައުމުގަ އެވެ.

"މިހާރު މި އޮތީ މީގެ ކުރިން މިކަމާ އުޅެފައި ނުވާ ވަރަށް ވުރެ ބޮޑަށް އުޅެން ޖެހިފައި،" ޕުޖްޑެމޮން ވިދާޅުވި އެވެ.

"އެއީ އަހަރެމެންގެ ދަރިންގެ ހައްގުގައި. ޑިމޮކްރަސީގެ ހައްގުގައި. ޔޫރަޕްގެ ހައްގުގައި. ކެޓަލޯނިއާގެ ހައްގުގައި."

ކެޓަލޯނިއާގެ އެންމެ މަޝްހޫރު ބްރޭންޑަކީ، ބާސެލޯނާ ފުޓްބޯޅަ ކްލަބެވެ. ބާސެލޯނާ އާއި ކެޓަލަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ އެ ހުކުމްތައް ކުށްވެރިކޮށްފަ އެވެ. އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހަައްލެއް ހޯދަން ވެސް އެދުނެވެ.

ހުކުމްތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ސަރަހައްދުގެ ހުރިހާ ފުޓްބޯޅަ މެޗުތަކެއް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އާބާދީގައި 7.5 މިލިއަން މީހުން ހިމެނޭ ކެޓަލޯނިއާއަކީ ސްޕޭންގެ އެންމެ މުއްސަނދި ސަރަހައްދެވެ. އެކަމަކު ކެޓަލޯނިއާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ސަރަހައްދުގެ މުއްސަނދިކަމުގެ ފައިދާ ލިބެނީ ސްޕޭންގެ ފަގީރު އެހެން ސްޓޭޓްތަކަށެވެ. ސަބަބަކީ ޓެކްސްގެ އާމްދަނީ ކޮންޓްރޯލްކުރަނީ ވެރިރަށް، މެޑްރިޑުން ކަމަށް ވުމެވެ.