Roadha Mihaaru
މިނިވަންކަމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ޕުޖްޑެމޮން

މިނިވަންކަމުގެ މަސައްކަތަށް ދޫނުދިނުމަށް ޕުޖްޑެމޮން ގޮވާލައްވައިފި

02 އެޕްރީލް 2018

ބާލިން (އެޕްރީލް 2) - މިނިވަންކަމުގެ މަސައްކަތަށް ކެޓަލޯނިއާގެ ރައްޔިތުން ކުޑަވެސް ދުލެއް ނުދިނުމަށް ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (އެޕްރީލް 2) - މިނިވަންކަމުގެ މަސައްކަތަށް ކެޓަލޯނިއާގެ ރައްޔިތުން ކުޑަވެސް ދުލެއް ނުދިނުމަށް ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ގޮވާލައްވައިފި އެވެ.

ޔޫރަޕިއަން އެރެސްޓް ވޮރެންޓެއްގެ ދަށުން ޖަރުމަނުގައި ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވަނީ ސްޕޭނުން ކަންތައް ކުރަނީ ވަރަށް ޚުދްމުޚްތާރު ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ޖަލަށް ޒިޔާރަތްކުރި ޖަރުމަނުގެ ޕާލަމެންޓް މެންބަރަކު ރެކޯޑްކުރި އޯޑިއޯ މެސެޖެއްގައި ޕުޖްޑެމޮން ވިދާޅުވީ ކެޓަލޯނިއާގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމުގައި ދެމިތިބެން ޖެހޭނެ ކަމަށެވެ. އަދި ކެޓަލޯނިއާގެ ރައްޔިތުންގެ ކުރިމަގު ކަނޑައެޅުމުގެ ހައްގު އެ މީހުންނަށް އޮންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކެޓަލޯނިއާގެ ރައްޔިތުން ކަންތައް ކުރަމުން ދަނީ ވަރަށް ތަހްޒީބު ގޮތަކަށް. އެކަން ވަނީ ދުނިޔެ އަށް ދައްކުވައިދީފައި،" ޕުޖްޑެމޮން ވިދާޅުވި އެވެ.

ކެޓަލޯނިއާގެ މިނިވަންކަން މިދިޔަ އޮކްޓޯބަރު މަހު އިއުލާންކުރި ފަހުން ޕުޖްޑެމޮން ދިރިއުޅެނީ ބެލްޖިއަމުން ހިމާޔަތް ހޯދައިގެން އެ ގައުމުގަ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ފިންލެންޑަށް ވަޑައިގަތުމަށް ފަހު ބެލްޖިއަމަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި ޑެންމާކް ހުރަސްކޮށް ޖަރުމަނުގެ ސަރަހައްދުގައި ދަތުރު ކުރައްވަނިކޮށެވެ. ސްޕޭނަށް ޕުޖްޑެމޮން ހަވާލު ކުރުމަށް ޖަރުމަނުގެ ފަނޑިޔާރުންނަށް 60 ދުވަހުގެ މުއްދަތު ލިބޭނެ އެވެ.

ޕުޖްޑެމޮންގެ މައްޗަށް ވަނީ ކެޓަލޯނިއާގައި އިންތިޚާބު ބޭއްވުމަށް ސަރުކާރުގެ ފައިސާ ބޭނުން ކުރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. ސްޕޭނުން ބުނެފައި ވަނީ ކެޓަލޯނިއާގައި ބޭއްވީ ބާތިލް އިންތިޚާބެއް ކަމަށެވެ. ޕުޖްޑެމޮންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.