Roadha Mihaaru
ޖަލުން ނެރުނު ޕުޖްޑެމޮން މަޝްވަރާ އަށް ގޮވާލައްވައިފި

ޖަލުން ނެރުނު ޕުޖްޑެމޮން މަޝްވަރާ އަށް ގޮވާލައްވައިފި

07 އެޕްރީލް 2018

ބާލިން (އެޕްރީލް 7) - ކަފާލާތުގެ ދަށުން ޖަރުމަނުގެ ޖަލަކުން އިއްޔެ ދޫކޮށްލި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން، މަޝްވަރާ އަށް ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (އެޕްރީލް 7) - ކަފާލާތުގެ ދަށުން ޖަރުމަނުގެ ޖަލަކުން އިއްޔެ ދޫކޮށްލި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން، މަޝްވަރާ އަށް ގޮވާލައްވައިފި އެވެ.

އޭނާ ވިދާޅުވީ ކެޓަލޯނިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ލީޑަރުންނަށް ސްޕޭނުން މިހާތަނަށް ލިބިފައި ވަނީ ވަރަށް ފިނި ޖަވާބެއް ކަމަށެވެ. ޕުޖްޑެމޮންގެ ވަކީލުން މިހާރު ވަނީ ސްޕޭނުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އިސްތިއުނާފް މަރުހަލާއަކަށް ދިއުމަށް ނިންމައިފަ އެވެ.

ޖަރުމަނުގެ އުތުރުގެ ސަރަހައްދަކުން ޕުޖްޑެމޮން ހައްޔަރު ކުރީ މިދިޔަ މަހު 25 ގަ އެވެ. އޭރު ސްޕޭނުން ވަނީ ޕުޖްޑެމޮން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރެފަ އެވެ. ޕުޖްޑެމޮން ޖަރުމަނުން ހައްޔަރު ކުރި އިރު އޭނާ ގެންދެވީ ބެލްޖިއަމަށް ވަޑައިގަތުމަށް އެއްގަމު މަގުން ދަތުރު ކުރައްވަމުންނެވެ.

ޝްލެސްވިގް-ހޯލްސްޓެއިން ކޯޓުން ބުނީ ޕުޖްޑެމޮން ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސްޕޭނުގެ ކޯޓުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ދޫކޮށްލީ 90،000 ޑޮލަރުގެ ކަފާލާތުގެ ދަށުންނެވެ.

ޖަލުން ނުކުމެވަޑައިގެން ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އޭނާގެ ސަޕޯޓަރުންނަށް ޕުޖްޑެމޮން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުރަމުން ދަނީ ޑިމޮކްރެސީގެ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ކެޓަލޯނިއާ މިނިވަން ކަމަށް މަސައްކަތް ކުރި ލީޑަރުންގެ ތެރޭން ސްޕޭނުގައި ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ވެސް ޕުޖްޑެމޮން ގޮވާލެއްވި އެވެ. އަދި އެއީ ސިޔާސީ ގައިދީން ކަމަށް ވިދާޅުވި އެވެ.