14 އޮކްޓޯބަރ 2019
ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރެއްވުން ގިނަވާތީ، އެއީ "ބޮޑުވަރު" ކަމަށް ވިދާޅުވެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރެއްވުން ގިނަވާތީ، އެއީ "ބޮޑުވަރު" ކަމަށް ވިދާޅުވެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ކަރުދާހަކާ ގުޅިގެން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ބަހުސް ކުރައްވައި ހުސެއިން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ވޯކްޝޮޕެއް ބޭއްވިޔަސް، ކުންފުނިތަކުގެ ބައެއް ވެރިން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ އިރު، ޓެކްނިކަލް މީހުން ތިބެނީ ރާއްޖޭގައި ކަމަށެވެ.
މިސާލެއްގެ ގޮތުގައި ހުސެއިން ނެންގެވީ އިންޖީނަކަށް ގެނައި އަޕްގްރޭޑަކާ ބެހޭ ގޮތުން ބޭރުގެ އިންޖީނު ވިއްކާ ކުންފުންޏެއްގެ ހެޑް އޮފީހަކުން ބޭއްވި ސެމިނާއަކަށް ކުންފުންޏެއްގެ ވެރިން ވަޑައިގެންނެވި މައްސަލައަށެވެ. އެއީ ކޮން ކުންފުންޏެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުސެއިން އިޝާރާތް ކުރެއްވީ އެމްޓީސީސީގެ ވެރިންނަށެވެ.
"އެމްޑީ އާއި ސީއީއޯ ދަތުރުފުޅު ކުރައްވަނީ އިންޖީނެއް ގެނައި އަޕްގްރޭޑެއް ބަލަން. މިއީ ބޮޑުވަރު،" ވަކި ކުންފުންޏެއްގެ ނަން ނުގެންނަވައި ހުސެއިން މަޖިލިހުގައި ވިދާޅުވި އެވެ.
"ދަތުރެކޭ ބުނެފި ނަމަ ޓިކެޓު ހިފައިގެން، ޕާސްޕޯޓު ހިފައިގެން މިއިން ކޮންމެވެސް ބޭފުޅަކާ ދިމާވަނީ އެއާޕޯޓުން ނުވަތަ ފެރީއަކުން ނޫނީ އެހެން ތަނަކުން،" ---ހުސެއިން
ދެ ވަނަ މިސާލެއްގެ ގޮތުގައި ހުސެއިން ނެންގެވީ ނަރުދަމާގެ ކަންކަން ދެނެގަތުމަށް ކުންފުންޏެއްގެ ވެރިން ރާއްޖެ އިން ބޭރުގެ ގައުމެއްގައި މިހާރު ވެސް ތިއްބެވި މައްސަލައަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ވެރިން ވަޑައިގެންނެވީ ބޯޑުގެ ބައެއް މެމްބަރުންނާއި އަންހެން ހަތަރު ސެކްރެޓަރީން ވެސް ގޮވައިގެންނެވެ.
ހުސެއިންގެ ވާހަކައިގައި އެއީ ކޮން ކުންފުންޏެއްގެ ވެރިން ކަމެއް ވިދާޅުނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ އިޝާރާތް ކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ވެރިންނަށެވެ. ހުސެއިން ވިދާޅުވީ ކަމާ ގުޅޭ މީހުން ބައިތިއްބާފައި ވެރިން ތަންތަނަށް ވަޑައިގަތުމަކީ ވަރަށް ކަމުނުދާ ގޮތެއް ކަމަށެވެ.
"މިހިސާބަށް ދިޔައީމަ އަޅާ ނަރުދަމާ ބަލަހައްޓާނެ ބަޔަކު ނެތް. އެމްޑީ އިންނަވާނީ އޮފީސްކޮޅުގައި ކޮޓަރި ކޮޅުގައި. ނަރުދަމާ ބަލަހައްޓަން ތިބި ބަޔަކަށް މިތަނަށް ދެވުނިއްޔާތާ އެނގޭނީ ހަދަންވީ ގޮތެއް ވެސް. ދެން އަޅުގަނޑުމެން މިއަށް ކިޔަނީ ނަޖިސް ބޮޑުވަނީއޭ،" ހުސެއިން ވިދާޅުވި އެވެ.
"ދެން މިކިޔަނީ އެޅި ނަރުދަމާއަކުން ވެސް ފެނެއް ނުހިނދެއޭ. ނުހިނދޭނެތާ މި ހިސާބަށް ކަންކަން ގޮސްފައި ހުރީމަ. ހިނދޭކަށް ނުވެސް ނުޖެހޭ. އެއީ ކަމާ ބެހޭ މީހުން ތަނަކަށް ގޮސް އަނގައިން ބުނާނެ ފުރުސަތެއް ލިބި، އެއްޗެއް ފެނި ތަނެއް ދޮރެއް ދަސްވެ ކަމެއް އެނގިގެންތާ ކަމެއް ރަނގަޅަށް ކުރެވޭނީ."
ހުސެއިން ވިދާޅުވި ގޮތުގައި މި ނޫން ހާލަތަކަށް ރާއްޖެ ދާން ޖެހެ އެވެ. ރާއްޖެ ހަލާކު ވަނީ މިފަދަ ކަންކަމުން ރާއްޖެ އަރައިނުގަނެވިގެން އުޅޭތީ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
"ދަތުރެކޭ ބުނެފި ނަމަ ޓިކެޓު ހިފައިގެން، ޕާސްޕޯޓު ހިފައިގެން މިއިން ކޮންމެވެސް ބޭފުޅަކާ ދިމާވަނީ އެއާޕޯޓުން ނުވަތަ ފެރީއަކުން ނޫނީ އެހެން ތަނަކުން،" ހުސެއިން ވިދާޅުވި އެވެ.
މިފަދަ ހާލަތެއްގައި އެ ބޭފުޅުން މަސައްކަތް ކުރަންވެއްޖެ ނަމަ، "އަނދަގޮނޑި" މަޖިލިހުގައި ބެހެއްޓިޔަސް މިކަންކަން ރަނގަޅެއް ނުކުރެވޭނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި ޑޮލަރު މަދުވެގެން، ޑޮލަރު އާމްދަނީ ލިބޭ ކުންފުނިތަކުގައި ދިވެހި ފައިސާ ހުރީތީއޭ ކިއާފައި "ރައްޓެހި ބަޔަކަށް" ޑޮލަރު ގަންނަން ވެސް ފައިސާ ދީފައި ހުރި ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މުދަލާއި ފައިސާ ހިމާޔަތް ނުކުރެވޭ ނަމަ، މި ތަންތަނުގައި ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ހުސެއިން ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ހިނގި ބައެއް ކަންކަމަށް ވެސް ހުސެއިން ފާޑު ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކި ހިއްސާ އޮންނަ ކުންފުނިތަކުގެ އޮޑިޓަރުން ތިބީ "ދެ އަތް އުރާލައިގެން ގޭމް" ކުޅުމަށެވެ. ކުރީގެ ސަރުކާރުގައި އެއްވެސް ކުންފުންޏެއްގެ އޮޑިޓެއް ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި ފަސް އަހަރަށް ގައުމު ހިންގަން ހަވާލު ކުރީމަ، "ފެން ކޮޅަކާ ނުލައި ދިރުވާލައިގެން ގޮނޑީގައި" ބައިތިއްބަން ބޭނުން ނުވާ ކަމަށާއި އެމްޑީޕީ އައިސް އޮތީ އެކަންކަން ނިމުމަކަށް ގެންނަން ކަމަށް ވިދާޅުވި އެވެ.
މިކަންކަން ނިމުމަކަށް ނުގެންނަ ނަމަ، މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ވެސް ނުތިއްބަވައި ގެއަށް ވަޑައިގެންނެވުމަށް އަނދުން ހުސެއިން ވަނީ ގޮވާލައްވައިފަ އެވެ. އަދި މެމްބަރުން ފާރަވެރިވެ، ކުންފުނިތައް އޮޑިޓް ނުކުރާ ސަބަބުތައް އޭސީސީން ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޭފުޅުން އަދިވެސް މި ސަރުކާރުގައި އެބަތިއްބެވި ކަމަށެވެ. އެގޮތަށް ވަނީ ސަރުކާރު ބަދަލުވުމާ އެކު އެ ބޭފުޅުން ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި މައުމޫން ރިފޯމް މޫވްމަންޓްއާ ގުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަން ނުހުއްޓުވެނީ އެ ސަބަބާ ހުރެ ކަމަށާއި އިސްލާހަށް މަސައްކަތް ކުރި މީހުން އަދިވެސް ތިބެން ޖެހެނީ މަގުމަތީގައި ކަމަށް ގިނަ ދުވަސްތަކެއް ވަންދެން މެމްބަރު ކަން ކުރެއްވި އަފީފް ވިދާޅުވި އެވެ. އަދި އެ ވާހަކަ ނުދައްކާ ތިބެގެން ކަންކަން އިސްލާހު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ އޮފީހެއް ހަދައި ބާރުތަކެއް ދެނީ
ހާލުގައިޖެހޭ ތަން ބަލަން ތިބެވޭކަށް ނެތް: ހުސެއިން
ސަރުކާރު ހިންގުމުގެ ތެރެއަށް އެސްއޯއީ ވަންނަނީތަ؟
ނަޝީދުގެ އިންޒާރު: ދޮގު ހަދާ ނަމަ ފިޔަވަޅު އަޅާނަން!
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ބްރޯޑްކޮމަށް ނަން ފާސްކުރީ ލަފައާ ޚިލާފަށް: ހުސައިން
މަލީހާ މެދު ނިންމި ނިންމުން ތަންފީޒުކުރޭ: މީކާއީލް