ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލި، ބަހުސް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީގެ މެމްބަރުން، މި ވަގުތު ރިޔާސަަތު ބަލަހައްޓަވާ މެމްބަރު ހަސަން އަފީފަށް ތުހުމަތުތަކެއް ކުރައްވައި އޭނާ އަށް ފާޑުވިދާޅުވެއްޖެ އެވެ.
30 އޯގަސްޓް 2021
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލި، ބަހުސް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީގެ މެމްބަރުން، މި ވަގުތު ރިޔާސަަތު ބަލަހައްޓަވާ މެމްބަރު ހަސަން އަފީފަށް ތުހުމަތުތަކެއް ކުރައްވައި އޭނާ އަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު، އިތުރު ފަރުވާ އަށް ވަޑައިގެން އެ މަނިކުފާނު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެނގިފައިވާ ގޮޮތުގައި އީވާ ވެސް މިހާރު ރާއްޖޭގައި ވަޑައިގެން ނެތެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަމުން ގެންދަވަނީ އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން ވިލުފުށީ ދާއިރާގެ މެމްބަރު އަފީފެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސް ފެށުމާ އެކު، މަޖިލީހުގެ އިދިކޮޅު މެމްބަރުން ތެދުވެވަޑައިގެން އަޑުގަދަކުރައްވައި މަޖިލީހުގެ ނިޒާމު ގެއްލުވައިލި އެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަަހުމަދު ޝިޔާމެވެ.
އެ މެމްބަރުން އަޑުގަދަކުރައްވާތީ މަޖިލީހުގެ ނިޒާމު ގެއްލުމުން އެމްޑީޕީގެ ބައެއް މެމްބަރުން ނިޒާމާ ބެހޭ ނުކުތާ ނަންގަވައި، އަފީފަށް ފާޑުވިދާޅުވެ، މަޖިލީހުގެ ނިޒާމު ހިފަހައްޓަވަން ތަކުރާރުކޮށް ގޮވައިލެއްވި ނަމަވެސް ފެނުނީ އަފީފަށް އެ ކަން ނުރެއްވުނު ތަނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިދާރީ މޭޒުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވަނީ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތުކުރެއްވި ގޮތުގައި އަފީފް މިއަދު އުޅުއްވަަނީ އިދިކޮޅު މެމްބަރުންނާ ގުޅިވަޑައިގެން މަޖިލިސް ހަރާބުކުރެއްވުމުގަ އެވެ.
"މި ބޭފުޅުން [އިދިކޮޅު މެމްބަރުން] ނެރެންވީ، ނަން އިއްވަންވީ، އިއްޒަތްތެރި ރައީސް މި ބޭފުޅުންނާ ގުޅިގެން މިއަދު މަޖިލިސް ތިޔަ ހަރާބުކުރަނީ،" މަޖިލީހުގެ ޗެމްބަރުގެ އިދާރީ މޭޒު ކުރިމައްޗަށް އެއްވެ ތިއްބެވި އިިދކޮޅު މެމްބަރުންނާއި ރިޔާސަތުގައި އިންނެވި އަފީފަށް އިޝާރާތް ކުރައްވައި ހުސައިން ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދަށް އަފީފް ހުރުމަތްތެރިކޮށް ހިއްތަވަން ވެސް ހުސައިން ގޮވައިލެއްވި އެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް އަފީފް އޭނާއަކަށް ރައްދެއް ނުދެއްވަ އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރާއްޖޭގައި ނެތުމުން އަފީފު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާއިރު، އޭނާ އަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުމުގައި ނަޝީދުގެ ފަޅީގެ އިސް މެމްބަރެކެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން މިއަދުގެ ޖަލްސާގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުގެ ނިޒާމު ގެއްލިފައިވާ ކަމަށާއި ނިޒާމު ހިފެހެއްޓުމަކީ ރިޔާސަތުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުުގްނީ ވިދާޅުވީ މަޖިލީހުގެ މަސައްކަތް ރީއްޗަށް ކުރިއަށް ގެންދެވޭނެ ގޮތް އޮންނަ ކަމަށާއި ނިޒާމު ގެއްލުވާލާ މެމްބަރުންގެ ނަން އިއްވަވައި ތަޅުމުން ނެރެލެއްވީމާ އެކަން ނިމުނީ ކަމަށެވެ.
ނަމަވެސް އަފީފް އެއްވެސް މެމްބަރަކު ނެރުއްވާކަށް މަސައްކަތެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އޭނާ ދެއްވީ ހުސް ވަގުތުކޮޅެކެވެ. ހެނދުނު 10:30 އަށް އިންޓަވަލް އަށް މަޖިލިސް މެދުކަނޑައިލުމުގެ ކުރިން ވެސް އިދިކޮޅު މެމްބަރުންގެ ހަޅޭކާ ހެދި މަޖިލިސް ކުރިއަށް ނުގެންދެވިގެން 10 މިނިޓަށް ޖަލްސާ މެދުކަނޑާލެއްވި އެވެ. އެ 10 މިނިޓަށް ފަހު ޖަލްސާ އަލުން ފަށައި 10:30 އާ ހަމައަށް 30 މިނިޓަށް ޖަލްސާ މެދުކަނޑައިލުމާ ހިސާބަށް ވެސް އޮތީ އިދިކޮޅު މެމްބަރުންގެ އަޑުގަދަ ކުރެއްވުމާއި އިހުތިޖާޖެވެ.
މިއަދުގެ ޖަލްސާ 10:30 ގައި އިންޓަވަލަށް މެދުކަނޑާލުމާއެކު، އިދިކޮޅު މެމްބަރުން ވަޑައިގަތީ ލީކުވި އޯޑިއޯތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަކުވާ ހުށަހެޅުއްވުމަށް ރައީސް އޮފީހަށެވެ. މަޖިލިސް އޮމާންކަމާއެކު ކުރިއަށް ގެންދަން ފެށުނީ އޭގެ ފަހުންނެވެ.
މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވީ ފަނޑިޔާރުންގެ އޯޑިއޯ ލީކްވުމާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައަކަށް ފުރުސަތު ލިބިވަޑައި ނުގަތުމުންނެވެ. އާދަމް ޝަރީފަށް ފުރުސަތު ލިބިވަަޑައިނުގަތީ ކުއްލި މައްސަލަ ހުށަހަޅުއްވަން ދެ މެމްބަރުން ތިއްބެވުމުން ނެގި ގުރުއަތުން އޭނާ ހޮވިވަޑައިނުގަތުމުންނެވެ.
ހަޅޭކާއި އަވަގުރާނައިގެ ތެރޭގައި މަޖިލިސް ހުއްޓުވާލައިފި
ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
އިންޑިއާ އައުޓަށް އަމާޒުކޮށް ހަދާ ބިލުގައި ޖަލު އަދަބު
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"