Roadha Mihaaru
ފެން ބޮޑުވެ ގެއްލުންވި އައްޑު އަށް މާރިޔާ ވަޑައިގެންފި

ފެން ބޮޑުވެ ގެއްލުންވި އައްޑު އަށް މާރިޔާ ވަޑައިގެންފި

13 އޮކްޓޯބަރ 2019

އައްޑު އަށް ކުރި ވިއްސާރައިގައި އެތައް ގެޔަކަށް ފެން ވަދެ ގެއްލުންވެފައި ވާތީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ރަށަށް މިއަދު ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައްޑު އަށް ކުރި ވިއްސާރައިގައި އެތައް ގެޔަކަށް ފެން ވަދެ ގެއްލުންވެފައި ވާތީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ރަށަށް މިއަދު ވަޑައިގެންފި އެވެ.

އައްޑު އަށް މާރިޔާ ވަޑައިގަތީ މިއަދު މެންދުރު ފަހު އެވެ. މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ އިސްވެރިން ވެސް ވަޑައިގެންނެވި އެވެ.

މާރިޔާ ވަނީ ގެއްލުން ލިބުނު ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިފަ އެވެ.

މިދިޔަ ހުކުރު ދުވަހާއި އިއްޔެ އައްޑު އަށް ކުރި ވިއްސާރައިގައި ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުތަކެއް ވެފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގަށް ފޯނުން ގުޅުއްވައި އައްޑޫގެ ރައްޔިތުންގެ މިހާރުގެ ހާލަތާއި، ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމާއި، އެކަމާ ގުޅިގެން ކުރިއަށްދާ މަސައްކަތްތައް އޮޅުން ފިލުއްވައިފަ އެވެ.

އައްޑު އަށް ކުރި ވިއްސާރައިގައި 60 ޕަސެންޓް ގެއަށް ފެނުގެ އަސަރުކޮށް ގެއްލުން ވަނީ ލިބިފަ އެވެ. މި ފަހަރު މި ކުރި ވިއްސާރައިގައި 100 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އަދި ނުވަ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރަން ވެސް ޖެހުނެވެ.

އައްޑޫގައި ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނާފައި އެބަ އޮތެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެ މަސައްކަތް އަވަަސްކޮށް ދެއްވުމަށް އޭނާ ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.