Roadha Mihaaru
އަދަދު ގިނަވެ އެމްއައިބީން ބައެއް ހިއްސާ ރިފަންޑްކުރަނީ

ހިއްސާއަށް އެދި ހުށަހެޅި އަދަދު ގިނަވުމުން އެމްއައިބީން ރިފަންޑު ކުރަނީ

11 އޮކްޓޯބަރ 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން ހުށަހެޅި އަދަދު ގިނަވުމުން ބައެއް މީހުންނަށް ރިފަންޑް ދޭން އެ ބޭންކުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން ހުށަހެޅި އަދަދު ގިނަވުމުން ބައެއް މީހުންނަށް ރިފަންޑް ދޭން އެ ބޭންކުން ނިންމައިފި އެވެ.

އެމްއައިބީން ބުނީ ހިއްސާ ވިއްކަން ހުޅުވާލުމުން 17،713 ފޯމް ހުށަހެޅި ކަމަށެވެ. އެއީ ފައިސާގެ އަދަދުން ބަލާ ނަމަ 356 މިލިއަން ރުފިޔާ އެވެ. މިއީ ހިއްސާ ވިއްކަން ހުޅުވާލި އަދަދަށް ވުރެން 46 ޕަސެންޓް އިތުރު އަދަދެއް ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.

ހިއްސާ ގަންނަން އެދި ހުށަހެޅި މީހުންގެ އަދަދު ގިނަވުމުން، އެމްއައިބީން ވަނީ އެ ބޭންކުގެ ޕްރޮސްޕެކްޓަސްގައި ބަޔާންކޮށްފައިވާހެން ވަކިވަކި ފަރުދުންނަށް އިސްކަން ދީގެން ހިއްސާ ބަހައިފަ އެވެ. އެގޮތުން ވަކި ފަރުދުންނާއި މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 16،146 ފަރާތަކަށް ބޭންކުގެ ހިއްސާ ބެހި އެވެ.

އެ ބޭންކުން ބުނީ ބާކި ތިބި މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހެދި ހިއްސާ ނުލިބޭ ފަރާތްތަކާއި މާ ގިނައިން ހިއްސާ ގަންނަން ހުށަހެޅި ފަރާތްތަކަށް މި މަހުގެ 28 އިން ފެށިގެން ރިފަންޑު ކުރަން ފަށާނެ ކަމަށެވެ. އެ ފައިސާ ޖަމާ ކުރާނީ ހިއްސާ ގަތުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ބުނިގޮތުގައި ލިސްޓުކުރުމުގެ ގަވާއިދާ އެއްގޮތަށް ހިއްސާދާރުންގެ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 6 ގެ ފަހުން ހިއްސާދާރުންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.