Roadha Mihaaru
ރާއްޖޭގައި އަޑުފޮށީ ކެންސަރުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި

ރާއްޖޭގައި ފުރަތަމަ ކުރި އަޑުފޮށީގެ ކެންސަރުގެ އޮޕަރޭޝަން އައިޖީއެމްއެޗްގައި ކާމިޔާބު

09 އޮކްޓޯބަރ 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮއްޓާއި ނޭވާލާހޮޅީގެ ކެންސަރު އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އައިޖީއެމްއެޗްގައި ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮއްޓާއި ނޭވާލާހޮޅީގެ ކެންސަރު އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އައިޖީއެމްއެޗްގައި ކޮށްފި އެވެ.

އައިޖީއެމްއެޗްގައި މިދިޔަ ހަފުތާގައި ކުރި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ، ރާއްޖޭގައި ކެންސަރުގެ އޮޕަރޭޝަނަށް ހާއްސަވެފައި މި ވަގުތު ހުންނެވި ހަމައެކަނި ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާނެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އޮޕަރޭޝަންކުރި 50 އަހަރުގެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ. ވަރަށް ގަދައަށް ދުންފަތުގެ އިސްތިއުމާލުކުރާ އެ މީހާ ވެންޓިލޭޓަރުން ނަގައި މިހާރު އަމިއްލަ އަށް ނޭވާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝިފާން، އަޑުފޮށީގެ ކެންސަރުގެ އޮޕަރޭޝަން ކުރައްވަނީ.-- ފޮޓޯ: އައިޖީއެމްއެޗް

ޑރ. ޝިފާން، އަޑުފޮށީގެ ކެންސަރުގެ އޮޕަރޭޝަން ކުރައްވަނީ.-- ފޮޓޯ: އައިޖީއެމްއެޗް

ހަ ގަޑިއިރުގެ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 10 ވަރަކަށް މީހުން ބައިވެރިވި އެވެ.

"ވަރަށް ކޮމްޕްލިކޭޓެޑް ސާޖަރީއެއް މި ކުރީ. ތައިރޮޑާއި އަޑުފޮއްޓާއި ނޭވާލާ ހޮޅި އަދި ކާއެއްޗެހި ދައުރުވާ ހޮޅި ކެންސަރަށް ބަދަލުވެފައި ވަނީ. އޮޕަރޭޝަންކޮށް ކެންސަރު ޓިއުމާތައް ނަގައި މުޅިތަން އަލުން ރީ-ސްޓްރަކްޗާ ކުރަން ޖެހޭނީ،" މީގެ ކުރިން ވެސް ކެންސަރުގެ ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ކުރައްވާފައިވާ ޝިފާން ވިދާޅުވި އެވެ.

އޮޕަރޭޝަނަށް ފަހު ނޭވާލެއްވުމަށް އަންހެން މީހާގެ ކަރަށް ހޮޅިއެއް ގުޅާފައިވާއިރު މި ވަގުތު ކާންދެނީ ބަނޑަށް ލައްވާފައިވާ ހޮޅިއެއްގެ އެހީގަ އެވެ.

ހަށިގަނޑުގައި ހުރި ކެންސަރު ޓިއުމަރުތައް ނެގިކަމުގައި ވިއަސް، މައިކްރޮސްކޯޕްގެ އެހީގައި ކެންސަރު އިތުރަށް ފެތުރިފައި ހުރިތޯ ބަލާނެ އެވެ. ކީމޯތެރަޕީ ދޭން ފަށާނީ އޭގެ ފަހުންނެވެ.

ޑރ. ޝިފާން (ވ-2) އަދި އޮޕަރޭޝަންގައި އުޅުއްވި ބައެއް ބޭފުޅުން.- ފޮޓޯ: އައިޖީއެމްއެޗް

ޑރ. ޝިފާން (ވ-2) އަދި އޮޕަރޭޝަންގައި އުޅުއްވި ބައެއް ބޭފުޅުން.- ފޮޓޯ: އައިޖީއެމްއެޗް

ޝިފާން ވިދާޅުވީ ކެންސަރުގެ އޮޕަރޭޝަންތައް މިދިޔަ އަހަރު ފެށިއިރު މީހުންގެ އިތުބާރު އޭރު ނެތް ކަމަށެވެ. ނަމަވެސް އެ އިތުބާރު ލިބުމުން އޮޕަރޭޝަން ކުރަން މީހުން މިހާރު އައިޖީއެމްއެޗަށް ދާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ގިނައިން އުޅެނީ، ޝިފާން ވިދާޅުވިގޮތުގައި، އަނގަޔާއި އުރަމައްޗާއި ތައިރޮއިޑާއި އޯވަރީ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ.