Roadha Mihaaru
ނައިޖީރިއާ އަށް ނޫނެކޭ ބުނެ ޓެމީ އިންގްލެންޑަށް

ނައިޖީރިއާ އަށް ނޫނެކޭ ބުނެ ޓެމީ އަބްރަހަމް އިންގްލެންޑަށް

01 އޮކްޓޯބަރ 2019

ލަންޑަން (އޮކްޓޫބަރު 1) - ޗެލްސީގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ނައިޖީރިއާ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލައި އިންގްލެންޑަށް ކުޅެން ތައްޔާރަށް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 1) - ޗެލްސީގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ނައިޖީރިއާ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލައި އިންގްލެންޑަށް ކުޅެން ތައްޔާރަށް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނައިޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަމަޖޫ ޕިނިކް ވަނީ ޓެމީ ލައްވައި ނައިޖީރިއާ އަށް ކުޅުވަން އެތައް ގޮތަކުން މަސައްކަތްކޮށްފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފައިސާގެ އިނާމް ވެސް ހުށަހެޅިކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަބްރަހަމް ވަނީ އިންގްލެންޑްގެ ތިން އުމުރުފުރާގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އިންގްލެންޑްގެ ސީނިއާ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުތަކެއްގައި ސްކޮޑުގައި ހިމެނި އެއް މެޗުގައި ކުޅުނެވެ. އެކަމަކު ރަސްމީ މެޗެއްގައި އަދި އޭނާ ކުޅެފައިނުވާތީ އަދި ވަކި ގައުމީ ޓީމެއް އިހުތިޔާރުކުރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން ޓެމީ މިހާރު ވަނީ އިންގްލެންޑަށް ކުޅެން ތައްޔާރަށް ހުރިކަން އިނގިރޭސި އެފްއޭ އަށް އަންގައިފަ އެވެ. އެ ކަމަށް ބާރު ލިބެނީ ޓެމީގެ މެޑިކަލް ރެކޯޑްސްތައް ހުށަހަޅަން ޗެލްސީ އަށް އިނގިރޭސި އެފްއޭ އިން ސިޓީ ފޮނުވާފައިވުމެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ މި މަހު އޮތް ޔޫރޯ ކޮލިފައިން ދެ މެޗަށް ނަގާ އިންގްލެންޑްގެ ސްކޮޑުން ޓެމީ އަށް ފުރުސަތު ދޭން ނިންމައިފަ އެވެ. އިންގްލެންޑް ކުޅޭނީ ޗެކް ރިޕަބްލިކާއި ބަލްގޭރިއާއާ ދެކޮޅަށެވެ.

ޗެލްސީގެ ޔޫތު ޓީމުގައި މޮޅަށް ކުޅެމުން އައި އަބްރަހަމް މިދިޔަ އަހަރުތަކުގައި ލޯން އެއްބަސްވުމެއްގެ ދަށުން ގިނަ ޓީމުތަކަށް ވަނީ ކުޅެފަ އެވެ. އެއީ ބްރިސްޓޯލް ސިޓީ، ސްވަންސީ ސިޓީ އަދި އެސްޓަން ވިލާ އެވެ. ޗެލްސީ އަށް ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ކުޅުންތެރިޔަކު ނުގެނެވޭތީ އެ ޓީމުން ވަނީ ކުރިން ފުރުސަތު ނުލިބި ތިބި އަބްރަހަމް ފަދަ ކުޅުންތެރިންނަށް ޓީމުން ޖާގަދޭން ފަށައިފަ އެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ޓެމީ އަށް ގިނަ ފުރުސަތުތަކެއް ދޭއިރު، އޭނާ އަންނަނީ އޭގެ ބޭނުންހިފައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދަމުންނެވެ. އުމުރުން 22 އަހަރުގެ ޓެމީ އަކީ މުސްތަގުބަލުގައި ޗެލްސީ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅޭނެ ކުޅުންތެރިޔެއް ކަމަށާއި އޭނާ އިންގްލެންޑަށް ކުޅޭތަން ދެކެން ބޭނުންވާ ކަމަށް ލަމްޕާޑް ވެސް ވަނީ ބުނެފަ އެވެ.

ރަސްމީކޮށް މިހާތަނަށް ޓެމީގެ ނިންމުން މީޑިއާގައި ހިއްސާކޮށްފައިނުވި ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އިންގްލެންޑްގެ ސްކޮޑު އިއުލާނުކުރުމާ އެކު ޓެމީ އޭނާގެ ނިންމުމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.