Roadha Mihaaru
ޖޭމްސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

ޖޭމްސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

16 އޮކްޓޯބަރ 2022

ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި އޭސީ މިލާން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާ ފުރަތަމަ ބެލެވުނީ ސީރިއަސް ނޫން ކަމަށެވެ.

އެކަމަކު ސްޕެޝަލިސްޓަކަށް ދެއްކުމަށް ފަހު ދިން ލަފާއަށް ބަލައި ޗެލްސީން މިއަދު ބުނީ ޖޭމްސް ކުޅުމާ ދުރުގައި އަށް ހަފުތާ ހުންނަން ޖެހޭނެ ކަމަށެވެ. މާނައަކީ އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި ނަމަ އެ ހިސާބަށެވެ.

އެކަމަކު އަނިޔާގެ ސަބަބުން މުބާރާތުގެ ބޮޑުބައި ގެއްލޭނެކަން ޔަގީން ކުޅުންތެރިއަކަށް އިނގިރޭސި ސްކޮޑުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ.

ވޯލްޑް ކަޕުގެ ކުރިން ޗެލްސީ ކުޅެން އޮތް ނުވަ މެޗު ވެސް ޖޭމްސް އަށް ގެއްލޭނެ އެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އެންމެ އިތުބާރުކުރާ ކަނާތު ބެކަށް އަނިޔާވުމަކީ ވޯލްޑް ކަޕުގައި ވާދަކުރާއިރު އެ ޓީމަށް ލިބޭނެ ބަލިކަށިކަމެކެވެ. އަނެއްކޮޅުން އެ މަގާމަށް ދެން ކުޅެން ހުރި މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ ވެސް ހުރީ އަނިޔާގަ އެވެ. އަދި ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވެސް ހުރީ ފޯމު ދަށްވެފަ އެވެ.

ޖޭމްސް އާއި ވޯކާ އަކީ ތިން ޑިފެންޑަރުން ލައިގެން ކުޅޭއިރު، ޑިފެންސްގެ ކަނާތަށް ވެސް ކުޅެވޭ އަދި ފަސް ޑިފެންޑަރުން ލައިގެން ކުޅޭއިރު ކަނާތު ވިންގް ބެކަށް ވެސް ކުޅެވޭ ކުޅުންތެރިންނަށް ވާތީ، މި ދެ ކުޅުންތެރިން ނެތުން ވާނީ ސައުތުގޭޓަށް ޓެކްޓިކަލީ ކުރިމަތިވާނެ މައްސަލައެއް ވެސް މެ އެވެ.

ވޯލްޑް ކަޕުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ އީރާނާ އެވެ.