Roadha Mihaaru
ޕޮޒިޓިވް މީހުންނަށް ހާޓްއެޓޭކްގެ ނުރައްކާ ކުޑަ

ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭ މީހުންނަށް ހާޓްއެޓޭކްގެ ނުރައްކާ ކުޑަ

29 ސެޕްޓެމްބަރ 2019

ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޖަމާ އޯޕެން ނެޓްވޯކް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނިގޮތުގައި ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާ ދޭތެރޭ އަބަދުވެސް އީޖާބީ ނަޒަރިއްޔާތަކުން ދެކޭ މީހުންނަށް އެ ނޫން މީހުންނާ އަޅާބަލާ އިރު ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ތިން ގުނަ ކުޑަ އެވެ.

މި ދިރާސާ ހަދާފައި ވަނީ 14 އަހަރު ތެރޭ 230،000 މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު ކަމަކީ ކަންކަމާ ދޭތެރޭ ޕޮޒިޓިކްކޮށް ދެކޭ މީހުންނަށް ހާޓްއެޓޭކާއި ސްޓްރޯކް ޖެހުނު މިންވަރު ދަށްކަމާއި އެފަދަ މީހުންނަށް ހިތުގެ އެކި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވެސް 35 ޕަސެންޓަށް ދަށްވި ކަމެވެ. އަދި ހަމައެއާ އެކު އެފަދަ މީހުންނަށް ކެންސަރާއި ހަކުރު ބައްޔާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ގެ އިތުރުން ހިތަށް ދިމާވާ ސިއްހީ އެހެން މައްސަލަތައް ވެސް 14 ޕަސެންޓަށް ދަށްވެފައިވާކަން ފާހަގަވެފައިވެ އެވެ.

ދިރާސާ އިން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮޒިޓިވްކޮށް ވިސްނާ މީހުންނަކީ ކޮންމެ ކަހަލަ ކަމެއް ދިމާވިޔަސް، އެކަމެއް ހައްލުކުރާނެ މަގުތައް ހޯދައި، ކަންކަމާ ކުރިތިމަތިލާ މީހުންކަން އެނގުނެވެ.

"ހަގީގަތުގައި ވެސް ޕޮޒިޓިވް ނުވަތަ އޮޕްޓިމިސްޓިކް މީހުންނަކީ ސިއްހީ މައްސަލަތައް މަދު މީހުން،" ދިރާސާގައި ބައިވެރިވި އެމެރިކާގެ ނިއު ޔޯކްގެ މައުންޓް ސިނައީ އެސްޓީ ލޫކް ހޮސްޕިޓަލްގެ ކާޑިއޮލޮޖިސްޓް ޕްރިފެސަރު އެލަން ރޮޒާންސްކީ ވިދާޅުވި އެވެ. "މީހާގެ މައިންޑްސެޓާއި ހިތުގެ ބައްޔާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވޭ."

އޭނާ ވިދާޅުވި ގޮތުގައި އުންމީދާއި ހިތްވަރާއި އަޒުމާއެކީ ކެރިގެން ކަންކަމާ ކެރިގެން ކުރިމަތިލާ މީހުންނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ވަރަށް ތަރުތީބުކޮށް ކުރިއަށް ގެންދަން ބޭނުންވާ މީހުންނެވެ. އެގޮތުން ކަސްރަތުކުރުމާއި ބެލެންސް ޑައިޓެއް ގެންގުޅުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން ފަދަ ކަންކަމަކީ ޕޮޒިޓިވް މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަންކަން ކަމަށް ވިދާޅުވި އެވެ.

"މިކަންކަމާ ގުޅެނީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި." އެލަން ވިދާޅުވި އެވެ. "އޭގެ ނަތީޖާ ގުޅެނީ ސިއްހީ ބޮޑެތި މައްސަލަތަކާ މީހާ ދުރުކޮށް ދިނުން."