Roadha Mihaaru
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި

އެމްއައިބީން ހިއްސާ ވިއްކަން ކަނޑައެޅި ވަރަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި

26 ސެޕްޓެމްބަރ 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހިއްސާ ގަންނަން އެދިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހިއްސާ ގަންނަން އެދިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އެމްއައިބީން ފުރަތަމަ ފަހަރަށް އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވާލި މި ފުރުސަތުގައި އެ ކުންފުނިން ވަނީ 6.98 މިލިއަން ހިއްސާ ވިއްކަން ހުޅުވާލައިފަ އެވެ. އެއީ ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ.

އެމްއައިބީން ނެރުނު ނޫސްބަޔާނުގައި ބުނީ ވިއްކަން ހަމަޖެހިފައިވާ މިންވަރަށް ވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހެޅުމާ ގުޅިގެން އެ ހިއްސާ އިންވެސްޓަރުންގެ މެދުގައި ބަހާލެވޭނެ އުސޫލު ބޭންކުގެ ބޯޑުން އެކުލަވާފައިވާ ކަމަށެވެ. މި އުސޫލަކީ އެ ބޭންކުގެ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުގެ މަތިން އާންމުންނަށް އިސްކަންދޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނި ގޮތުގައި އެ ބޭންކުގެ އައިޕީއޯ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އައިޕީއޯ އެވެ. މިކަމުން ހާމަވަނީ ބޭންކަށް ދިވެހިން ކުރާ އިތުބާރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ 8 އަހަރު ކުރިން ރާއްޖޭގައި ހިދުމަތްދޭން ފެށި މި ބޭންކުން އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.