Roadha Mihaaru
ތޯމަސް ކުކްއިން އަންނަ މީހުންނަށް ހެލްޕް ޑެސްކެއް!

ތޯމަސް ކުކް އިން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހެލްޕް ޑެސްކެއް

24 ސެޕްޓެމްބަރ 2019

ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް އެޖެންޓް ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެއާޕޯޓުގައި ހާއްސަ ހެލްޕް ޑެސްކެއް ބަހައްޓައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް އެޖެންޓް ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެއާޕޯޓުގައި ހާއްސަ ހެލްޕް ޑެސްކެއް ބަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން ގިނަ ޓޫރިސްޓުންތަކަކަށް އޭގެ ގެއްލުން ކުރަމުންދާ އިރު މިކަމަށް އެހީވުމުގެ ގޮތުން އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ހެލްޕް ޑެކްސްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ ހޮޓްލައިނެއް ވެސް ހަދައިފަ އެވެ. އެގޮތުން 7223131 ނުވަތަ 9423131 އަށް ގުޅުމުން ޓޫރިސްޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިސްޓުންގެ ދަތުރުތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމުގައި އެ މިނިސްޓްރީން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާ ގުޅިގެން ޓޫރިސްޓުންނަށް އެހީތެރިކަން ބޭނުންވާ ފޯރުކޮށްދެމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ތޯމަސް ކުކް ބަނގުރޫޓުވެފައިވާ އިރު އެ ކުންފުނިން 200 މިލިއަން ޕައުންޑް އެކި ރިސޯޓުތަކާއި ހޮޓާތަކަށް ދައްކަން ޖެހިފައިވެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ މިހާރުން މިހާރަށް ކުރަންޖެހޭ ހަރަދުތައް ބަލަހައްޓައި ޓޫރިސްޓުން ގައުމުތަކަށް ފޮނުވަން 600 މިލިއަން ޕައުންޑް ބޭނުންވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ގުޅާ، ތޯމަސް ކުކް މެދުވެރިކޮށް ބުކިން ހައްދާފައިވާ ޓޫރިސްޓުންގެ އަދަދު ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ދަތިތައް ކުރިމަތިވެފައިވާ ޓޫރިސްޓުންނަށް ކެއުމުގެ ކަންކަމާއި ހުންނާނެ ތަންތަން ހަމަޖައްސައިދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ތޯމަސް ކުކް މެދުވެރިކޮށް ދަތުރުކުރާ އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އިރު ގިނަ ބައެއްގެ ދަތުރުތައް ވަނީ ކެންސަލް ވެފަ އެވެ. މި ޓުއާ އޮޕަރޭޓަރު މެދުވެރިކޮށް ރާއްޖެ އަށް ޔޫރަޕްގެ ގައުމުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން އާދެ އެވެ. އެހެންކަމުން އެ ކުންފުންޏަށް ލިބުނު ގެއްލުމާ އެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ.