Roadha Mihaaru
އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށް

ފިލަން އުޅުނު މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

19 ސެޕްޓެމްބަރ 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު ފުރުން މަނާކޮށްފައި ވަނިކޮށް އަދީބު ވަނީ މިދިޔަ މަހުގެ ކުރީކޮޅު ޓަގެއްގައި ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވަނިކޮށް އިންޑިއާގެ ބަނދަރަކުން އޭނާ ހިފަހައްޓައި، ވަނީ ރާއްޖެ އަނބުރާ ގެނެސްފަ އެވެ. އެ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް ކުރީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ އަށް އޭނާ ވަނީ ކުރީގެ އަޑުއެހުމެއްގައި އެއްބަސްވެ ވަޑައިގެންފަ އެވެ.

އަވަސް ނިޔާ އިން އެ މައްސަލަ ނިންމުމަށްޓަކައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ކުރީގެ އަޑުއެހުމުގައި އަދީބު ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއްތޯ ކަށަވަރު ކުރެއްވުމަށް އޭނާއާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެއީ ތެދު ދައުވާއެއް ކަމަށާއި އެ ދައުވާއަށް އިއުތިރާފް ވެފައި ވާނެ ކަމަށެވެ.

"ކުށަށް އިއުތިރާފް ވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި، އަމިއްލަ އިހްތިޔާރުގައިތޯ؟" މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވި އެވެ.

"އާދެ" ޖަވާބުގައި އަދީބު ވިދާޅުވި އެވެ.

ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ އަދީބުގެ އިއުތިރާފުންގެ އެ ދައުވާ ސާބިތުވާ ކަމަށާއި އަދި އަދީބު ކުށަށް އިއުތިރާފް ވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށް ކުރަން ޖެހޭތީ އާއި އަދަބުގެ މިންވަރުގެ މަތިކުރަން ޖެހޭ ހާލަތެއް އެ މައްސަލާގައި ނެތުމުން ތިން މަހާއި 18 ދުވަހަށް އަދީބު ޖަލަށްލާން ހުކުމް ކުރައްވާ ކަމަށެވެ.

އަދީބު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ. އަދީބު ފިއްލަވަން މަސައްކަތް ކުރެއްވުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެކަމަކު ކަރެކްޝަންސް އިން މިހާރު ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.