Roadha Mihaaru
ފުލުހުންނަށް އެހީވީ ލެމަނޭޑް ވިއްކައިގެން

ތިން އަހަރުގެ ކުއްޖަކު ފުލުހުންނަށް އެހީވީ ލެމަނޭޑް ވިއްކައިގެން

18 ސެޕްޓެމްބަރ 2019

އެމެރިކާގެ ޖާމަންޓައުންގެ ޕޮލިސް ޑިޕާޓްމަންޓްގެ ކޭ9 ޔުނިޓަކީ އާންމުންގެ އެހީއާ އެކު ހިންގާ ޔުނިޓެކެވެ. އެތަނުގައި މަސައްކަތްކުރާ ފުލުހުން ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރަނީ ރައްޔިތުން ދޭ ދީލަތި އެހިގައި ހޯދާ ވަސީލަތްތަކުންނެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން ވެސް ވަރަށް ބަދައްސެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޖާމަންޓައުންގެ ޕޮލިސް ޑިޕާޓްމަންޓްގެ ކޭ9 ޔުނިޓަކީ އާންމުންގެ އެހީއާ އެކު ހިންގާ ޔުނިޓެކެވެ. އެތަނުގައި މަސައްކަތްކުރާ ފުލުހުން ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރަނީ ރައްޔިތުން ދޭ ދީލަތި އެހިގައި ހޯދާ ވަސީލަތްތަކުންނެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން ވެސް ވަރަށް ބަދައްސެވެ.

މި ބަދަހި ގުޅުމުގެ ތެރެއިން ވިސްކަންސިން ކޮމިއުނިޓީގެ އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ ކޭ9 އަށް ފައިސާގެ އެހީއެއް ދީފަ އެވެ. އޭނާ މިކަންކުރީ މަންމަގެ އެހީއާ އެކު، ދިރިއުޅޭ ގެ ކައިރީގައި ލެމަނޭޑް ވިއްކައިގެންނެވެ. ގޭގެ ބޭރުގައި ކުޑަ މޭޒެއް ބަހައްޓައިގެން އެތަނުގައި އަމިއްލަ އަށް ތައްޔާރުކުރި ލެމަނޭޑް ވިއްކައިގެން ލެއިނީ ވަނީ ތިން ދުވަހުގެ ތެރޭގައި އެއްކުރި 700 ޑޮލަރު ޖާމަންޓައުންގެ ފޮލިސް ޑިޕާޓްމަންޓާ ހަވާލުކޮށްފަ އެވެ.

މިކަމަށް އެތަނުން ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށް، ލެއިނީ ވެދިން އެހީގެ އަގު ވަޒަންކޮށް، އެ ވާހަކަ ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން ކޭ9 ގެ ލެފްޓިނަންޓް ޓޮޑް ގްރެނިއާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެހީ އަކީ އަބަދު ވެސް ވަރަށް ހާއްސަ އެއްޗެކެވެ.

"ވަކިން ހާއްސަކޮށް ކުޑަކުދިން އަމިއްލަ އަށް ކުރާ މަސަސައްކަތުން ފައިސާއެއްކޮށްގެން ހަދިޔާކުރުމަކީ އަހަރެމެެންނަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޓޮޑް ވިދާޅުވި ގޮތުގައި ލެއިނީ ހަދިޔާކުރި 700 ޑޮލަރުން ވެސް ފުލުހުންގެ ވަސީލަތްތައް ރަނގަޅުކުރަން މަސައްކަތްތައް ކުރެވޭނެ އެވެ.

"މުޅި ޖާމަންޓައުންއަށް ބެލިޔަސް ވަރަށް ބަދަހި ކޮމިއުނިޓީއެއް މި ތަނުގައި ދިރިއުޅެނީ. އަދި އެންމެން ވެސް އެހާ ހިތްހެޔޮވެފައި އެހީތެރިކަމާއި އެއްބާރުލުން ދޭ،" އޭނާ ވިދާޅުވި އެވެ.

ލެއިނީ ބުނިގޮތުގައި ލެމަނޭޑް ވިއްކައިގެން ފުލުހުންނަށް އެހީވެވުމަކީ ވަރަށް އުފާވި ކަމެކެވެ.

"އެންމެ އުފާވީ އެކި ހިސާބުތަކުން މީހުން އައިސް ލެމަނޭޑް ގަތީމަ. ބައެއް މީހުން ލެމަނޭޑް ތައްޓަަށް ފަންސާސް ޑޮލަރު ވެސް ދިން،" އޭނާ ބުންޏެވެ. "އަހަރެން ވިއްކި ލެމަނޭޑް ވަރަށް މީރުވާނެ. އަދި އެއާއެކު މީރުމީރު ޕަޕީ ޗޯ ވެސް ދިނިން."

ލެއިނީގެ މަންމަ މޮލީ ސްޓީވެންސް ބުނިގޮތުގައި ދަރިފުޅަށް ލެމަނޭޑް ވިއްކަން ހިޔާލު ދިނީ ހުސްވަގުތު ކޮށްލާނެ ބޭނުންތެރި ކަމެއް ދަސްކޮށް ދިނުމުގެ ގޮތުންނެވެ. އެކަމަކު ލެމަނޭޑް ވިއްކައިގެން 700 ޑޮލަރު ލިބޭނެ ކަމަކަޑް އޭނާ ކުރިން ހިއެއް ނުކުރެ އެވެ. އުންމީދުކޮށްގެން ހުރީ 400 ވަރަކަށް ޑޮލަރު ލިބޭނެ ކަމަށެވެ.

"އެކަމަކު ހީކުރި ވަރަށްވުރެ މާ ބޮޑަށް ވެސް، ދަރިފުޅުގެ މަސައްކަތް ކާމިޔާބު." އޭނާ ބުންޏެވެ. "އެންމެ އުފާވީ ދަރިފުޅަށް މިކަމުގެ ތެރެއިން އެހީވުމުގެ މުހިއްމުކަން ދަސްކޮށް ދެވުނީމަ."