Roadha Mihaaru
ޗެމްޕިއަންސް ލީގު: މިރޭގެ މެޗަށް މެސީ ފިޓްވެއްޖެ

ޗެމްޕިއަންސް ލީގު: މިރޭގެ މެޗަށް މެސީ ފިޓްވެއްޖެ

17 ސެޕްޓެމްބަރ 2019

ބާސެލޯނާ (ސެޕްޓެމްބަރު 16) - މި ސީޒަނުގައި މިހާތަނަށް އަނިޔާގެ ސަބަބުން ފެނިފައިނުވާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ޗެމްޕިއަންސް ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ސެޕްޓެމްބަރު 16) - މި ސީޒަނުގައި މިހާތަނަށް އަނިޔާގެ ސަބަބުން ފެނިފައިނުވާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ޗެމްޕިއަންސް ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވެއްޖެ އެވެ.

މިދިޔަ ޖޫން މަހު އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު ޗުއްޓީ ހޭދަކުރުމަށް ގޮސް އެނބުރި ބާސެލޯނާގެ ޕްރީ ސީޒަނަށް އައި ފަހުން މެސީގެ ފަޔަށް އަނިޔާވުމުން ސީޒަނުގެ ފުރަތަމަ މެޗުތައް އޭނާ އަށް ގެއްލޭނެ ކަމަށް ބާސެލޯނާ އިން އިއުލާނުކުރި އެވެ. ކުރިން ބެލެވިފައި އޮތީ މެސީ އެނބުރި އަންނާނީ މިދިޔަ މަހު 25 ވަނަ ދުވަހު ރެއާލް ބެޓިސްއާ ބާސެލޯނާ ބައްދަލުކުރާ މެޗަށް ކަމަށެވެ. އެކަމަކު ރިކަވަރީގެ ކަންތައްތައް ދިގުލައިގެން ދިއުމުން މެސީ އަށް އަރާމްކުރަން އިތުރު ފުރުސަތު ދިނީ އެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް ޑޯޓްމަންޑާ ދެކޮޅަށް ކުޅެވޭނެކަން ޔަގީންވުމަކީ ބާސެލޯނާ އަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. އެއީ މި ގްރޫޕަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފޯރިގަދަވާނެ އެއް ގްރޫޕް ކަމަށް ވުމެވެ. ބާސެލޯނާ އާއި ޑޯޓްމަންޑްގެ އިތުރުން ނޮކައުޓް ބުރުގެ ދެ ޖާގަ އަށް ވާދަކުރާނެ އަނެއް ޓީމަކީ އިންޓަ މިލާން އެވެ. މި ތިން ޓީމުގެ މެދުގައި ކުޅެވޭ މެޗުތަކުން ރަނގަޅު ނަތީޖާތައް ނެރެވިގެން ނޫނީ ދެ ވަނަ ބުރަށް ދާން ފަސޭހަނުވާނެ އެވެ. މި ގްރޫޕްގައި ދެން އޮތީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އެވެ.

ޑޯޓްމަންޑްގެ ތަރި މާކޯ ރެއުސް ބުނީ މި މެޗުގައި މެސީ ކުޅުނު ކަމުގައި ވިޔަސް ޑޯޓްމަންޑްގެ ކިބައިގައި ބާސެލޯނާ ބަލިކުރުމުގެ ފެންވަރު އެބަހުރި ކަމަށެވެ.

"އަހަރެމެން ވިސްނަން ޖެހޭނީ އަމިއްލަ ޓީމާ މެދު. އަހަރެމެން މި ކުޅެނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި. މި ދަނޑުގައި އަހަރެމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ. އެ ފެންވަރު އެބަހުރި،" މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރެއުސް ބުންޏެވެ.

"އަހަރެން އެދެނީ މި މެޗުގައި މެސީ ކުޅުން. އެއީ މެޗެއް ފުރިހަމަވާނީ ދެ ޓީމުގައި ވެސް ހިމެނޭ މޮޅެތި ކުޅުންތެރިންތަކެއް ކުޅެގެން. މެސީ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އޭނާ ކިބައިގައި އެހެން ކުޅުންތެރިންގެ ނެތް އެތައް ހުނަރެއް އެބަހުރި."

ޑޯޓްމަންޑްގެ ކޯޗު ލޫޝިއަން ފާވްރޭ ބުނީ ޑޯޓްމަންޑުން މެޗަށް ތައްޔާރުވާނީ ވަކި ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ނޫން ކަމަށާއި އަމާޒަކީ ބާސެލޯނާ ބަލިކުރުން ކަމަށެވެ. މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.