Roadha Mihaaru
އެމެރިކާއިން ކުރަންއުޅުނު ޕްރެޝަރު ފެއިލްވެއްޖެ: އީރާން

އެމެރިކާ އިން ކުރަން އުޅުނު ޕްރެޝަރު ފެއިލްވެއްޖެ: ރޫހާނީ

12 ސެޕްޓެމްބަރ 2019

ތެހެރާން (ސެޕްޓެމްބަރު 12) - ހަނގުރާމައެއްގެ ބިރުދައްކައިގެން އެމެރިކާ އިން އީރާނަށް ކުރަން އުޅުނު ޕްރެޝަރު ފެއިލްވެފައިވާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ސެޕްޓެމްބަރު 12) - ހަނގުރާމައެއްގެ ބިރުދައްކައިގެން އެމެރިކާ އިން އީރާނަށް ކުރަން އުޅުނު ޕްރެޝަރު ފެއިލްވެފައިވާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ރޫހާނީ އެ އިޝާރާތް ކުރައްވާފައި ވަނީ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަދި ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށްވާ ޖޯން ބޯލްޓަން މަގާމުން ދުރުކުރި މައްސަލައަށެވެ. އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް އެންމެ ޕްރެޝަރު ކުރި އެއް ފަރާތަކީ ބޯލްޓަން އެވެ.

ރޫހާނީ ވިދާޅުވީ ގައުމުތަކާ ދެކޮޅަށް ހަނގުރާމައިގެ ބިރު ދައްކަން އުޅުން އެމެރިކާ އިން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އެމެރިކާ އިން މިހާރު ގަބޫލް ކުރަން ޖެހޭ ހަނގުރާމައިގެ ބިރުދައްކަން އުޅޭ މީހުން އެކަން ކުރަނީ އެމެރިކާގެ ފައިދާއަށް ނޫންކަން. އެމެރިކާ އިން އެބަޖެހޭ ގައުމުތަކަށް ޕްރެޝަރު ކުރުން ހުއްޓާލަން ވެސް،" ގައުމީ ޓީވީން ވަގުތުން ދައްކަމުން ދިޔަ ތަގްރީރުގައި ރޫހާނީ ވިދާޅުވި އެވެ. "އީރާނަށް ޕްރެޝަރު ކުރުން ހުއްޓާނުލައިހާ ހިނދު އީރާނުގެ ސިޔާސަތު ވެސް ބަދަލެއް ނުކުރާނަން."

އީރާނަށް ޕްރެޝަރު ކުރަން އެމެރިކާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައި އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އީރާނުން ސިފަކޮށްފައި ވަނީ "އިގްތިސާދީ ޓެރަރިޒަމް"ގެ ގޮތުގަ އެވެ.

ބޯލްޓަން ބޭރުކުރުމުން އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ފެށުމުގެ ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ. ބޯލްޓަން ބޭރުކުރުމުން އެކަމަށް ތައުރީފް ކުރައްވައި އީރާނުގެ ރިޔާސީ މުޝީރެއް ކަމަށްވާ ހިސާމުއްދީން އަޝީނާ ވިދާޅުވީ "އެއީ އީރާނާ ދެކޮޅަށް އެމެރިކާ އިން ގެންގުޅުނު ޕްރެޝަރު ކުރުމުގެ ސިޔާސަތު ފެއިލްވުން" ކަމަށެވެ.