Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 ސެޕްޓެމްބަރ 2019

އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅޭ ފިލްމު "ޙާޕީ ޕީލީ" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅޭ ފިލްމު "ޙާޕީ ޕީލީ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ "ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ. އޭނާ އާއި ޒީ ސްޓޫޑިއޯސްގެ އިތުރުން އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ "ޚާލީ ޕީލީ" އަކީ މަގުބޫލް ޚާން ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާއެކެވެ.

މި ވާނީ ބޮލީވުޑަށް އަދި ވަރަށް އާ ޒުވާން ދެ ތަރިން ކަމަށްވާ އިޝާނާއި އަނަޔްނާގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ. "ޚާލީ ޕީލީ" ގެ ވިލަންގެ ރޯލަށް ޖެއިދީޕް އަހުލްވާތު ވަނީ ސޮއިކޮށްފަ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން 12 ގަ އެވެ.

ނޯރާގެ އާ ވީޑިއޯ ލަވަ ދައްކާލައިފި

ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ އާ އައިޓަމް ލަވަ "ޕެޕީޓާ" ދައްކާލައިފި އެވެ.

އިންޑިއާ އިން ބޭރުގެ ފަންނާނުންތަކަކާ އެކު ނޯރާ ފެންނަ މި ލަވަ ކިޔާފައި ވަނީ ނޯރާ އާއި ޓެންޒޭނިއާގެ މިއުޒިޝަން ރެވެނީ އެވެ. ލަވައިގެ ވީޑިއޯ އިން ވެސް ނޯރާއާ އެކު އޭނާ ފެނެ އެވެ.

"ދިލްބަރު" ލަވައިން ބޮޑު މަޝްހޫރު ކަމެއް ހޯދި ނޯރާ އެންމެ ފަހުން ފެނިފައިވާ ވީޑިއޯ ލަވައަކީ ވިކީ ކޯޝަލްއާ އެކު ކުޅުނު "ޕަޗްތާއޯގޭ" އެވެ.

ވާންއުޅޭ ބަފާބެ އަށް އާލިއާގެ ކެއުމެއް

އަހަރެއްހާ ދުވަސްވަންދެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދުމަށް ފަހު، އަންގާރަ ދުވަހު މުމްބާއީ އަށް ދިޔަ އެކްޓަރު ރިޝީ ކަޕޫރަށް ހާއްސަ ކެއުމެއް ދޭން އޭނާގެ ވާންއުޅޭ ޅީދަރިފުޅު އާލިއާ ބަޓް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ރިޝީ އާއި އާއިލާ އަށް އާލިއާ އިންތިޒާމުކުރާ ހާއްސަ ކެއުމުގައި އޭނާގެ އާއިލާގެ މީހުން ވެސް ބައިވެރިވާނެ އެވެ.

ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެފައިވާ އާލިއާ، ރަންބީރާ އެކު ރިޝީގެ ހާލު ބަލަން ދެ ފަހަރެއްގެ މަތިން ނިއު ޔޯކަށް ވެސް ދިޔަ އެވެ. އަދި ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އާލިއާގެ ވާންއުޅޭ މައިދައިތަ ނީޓޫ ކަޕޫރް އިންސްޓަގްމާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ބެލެވޭ ގޮތުން އަންނަ އަހަރު އާލިއާ އާއި ރަންބީރު ވެސް ކައިވެނި ކުރާނެ އެވެ.

ހީނާ ހޮލީވުޑް ފިލްމެއްގައި

މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތްކުރަމުން އަންނަ މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު "ކަންޓްރީ އޮފް ބްލައިންޑް" ގައި އޭނާ ފެންނާނެ ގޮތުގެ ފޮޓޯތަކެއް ދައްކާލައިފި އެވެ.

ހީނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ގިނަ ފޮޓޯތަކުގައި އޭނާ ފެންނަނީ ދުނިދަނޑިއެއް ހިފައިގެން ޖަންގައްޔެގެ ތެރޭގައި ހުއްޓަ އެވެ.

އިންޑޯ-ހޮލީވުޑް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭ "ކަންޓްރީ އޮފް ބްލައިންޑް" އަކީ ހަމަ އެ ނަމުގައި ކުރީގެ ލިޔުންތެރިޔާ އެޗްޖީ ވެލްސް ލިޔެފައިވާ ވާހަކައަށް ބިނާކޮށް ރާހަތު ކަޒްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ހީނާ ކުޅޭނީ، ގޯޝާ ކިޔާ ލޯ އަނދިރި މީހެއްގެ ކެރެކްޓާއަ އެވެ.

ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ހީނާގެ އަތުގައި އޮތް ހިންދީ ދެ ފިލްމަކީ ހުސައިން ޚާންގެ "ލައިންސް" އާއި ވިކްރަމް ބަޓްގެ "ހެކްޑް" އެވެ.