Roadha Mihaaru
ހިންމަފުށި ފަރަށް އެރި ބާޖް އަދި ފުނެއް ނުކުރެވޭ

ހިންމަފުށި ފަރަށް އެރި ބާޖް އަދި ފުނެއް ނުކުރެވޭ

09 ސެޕްޓެމްބަރ 2019

ކ. ހިންމަފުށީ ފަރަށް މިދިޔަ އަންގާރަދުވަހު އެރި ހިލަ ބާޖް އަދި ފުން ނުކުރެވޭ ކަމަށާއި ފުން ކުރުމަށްޓަކައި ބާޖުން ހިލަ ހުސްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކ. ހިންމަފުށީ ފަރަށް މިދިޔަ އަންގާރަދުވަހު އެރި ހިލަ ބާޖް އަދި ފުން ނުކުރެވޭ ކަމަށާއި ފުން ކުރުމަށްޓަކައި ބާޖުން ހިލަ ހުސްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ބާޖުން ހިލަ ހުސްކުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.

ހިންމަފުށީ ފަރަށް އެރި ބާޖް އޮތީ ގިލިލަންކަންފުށްޓާ ދިމާލުގަ އެވެ. އެ ބާޖްގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ކުރިން ބުނެފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ހިލަ ބަރުކޮށްގެން މާލެއަށް ދަތުރުކުރި އެ ބާޖް ފަރަށް އެރީ ކަފުޖަހައިގެން އައި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅުމުގެ ސަބަބުން ކަަމަށެވެ.

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ބާޖް ފަރަށް އެރިކަން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބާޖް ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި އިރުޝާދުތައް ދެމުން އަންނަ ކަަމަށެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބާޖް ފުން ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ބާޖްގެ ވެރިފަރާތާ އަޅުގަނޑުމެން ވާހަކަ ދައްކަމުން މި އަންނަނީ. ހިލަ ހުސްކޮށް ބާޖް ލުއިކޮށްލައިގެން ދެ ދުވަހެއްގެ ތެރޭގައި ފުން ކުރެވިދާނެ ކަމަށް އެ މީހުން ލަފާކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ބާޖް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ބެލޭނީ އެ އުޅަނދު ފުންކުރެވުމުން ކަމަށާއި ބާޖް އަރާފައި އޮތީ ވަރަށް ކުޑަކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކަމަކު ބާޖް ފުން ނުކުރެވި ގިނަ ދުވަސް ވާނަމަ ފަރަށް ލިބޭ ގެއްލުން ބޮޑުވާނެ. އެއީ ގިނަ ދުވަސް ވާ ވަރަކަށް ބޮޑަށް އަރައި، ގެއްލުންވާ ސަރަަހައްދު ބޮޑުވާނެތީ،" އޭނާ ވިދާޅުވި އެވެ.