Roadha Mihaaru
މަޖިލިހުގެ ދައުރު އަންނަ މަހުގެ ފަހަކަށް ދިގުކޮށްފި

މަޖިލިހުގެ މި ދައުރު އަންނަ މަހުގެ ފަހަކަށް ދިގުކޮށްފި

27 އޯގަސްޓް 2019

ރައްޔިތުންގެ މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، ދެ ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމުގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، ދެ ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމުގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ޖޫން މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ މަސައްކަތް ކުރާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހުގަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަމަ، އަންނަ ބުރާސްފަތި ދުވަހު މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު، 72 މެމްބަރުންގެ އިއްތިފާގުން ނިންމަވާފައި ވަނީ އެ ދުވަހު މެމްބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ބަދަލުގައި އިތުރު އެއް ހަފްތާ އަށް މަޖިލިހުގައި މަސައްކަތް ކުރެއްވުމަށެވެ. ރިޔާސަތުން އެގޮތަށް ހުށަހެޅީ މަޖިލިހުގައި މުހިންމު ބިލްތަކަކަށާއި މަސައްކަތްތަކެއް ކުރަން ހުރުމުންނެވެ.

ރިޔާސަތުގެ ހުށަހެޅުމަށް އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައެއް ނުވެ އެވެ.

މަޖިލިހަށް ހުށަހަޅާފައި ހުރި މުހިންމު ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމުގެ މައްސަލަ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމުގެ މައްސަލަ އާއި ގެދޮރުވެރިކަމާ ގުޅޭ ގިނަ ގަރާރުތަކަކާއި މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކީގައި ހިންގުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް ހިމެނެ އެވެ.

މީގެއިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ބަހުސް ވެސް މަޖިލިހުގައި ވަނީ ފަށައިފަ އެވެ.

ގަވައިދުގައި މިހާރު އޮންނަ ގޮތުން އަހަރެއްގެ މައްޗަށް ހަތަރު މަސް ޗުއްޓީގެ ގޮތުގައި މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ޖަލްސާތައް އާންމުކޮށް އޮންނާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެކަމަކު، މަޖިލިހުގައި ކުރަން ގިނަ ކަންކަން ހުރުމުން، އެހެން ދުވަސްތަކުގައި ވެސް ޖަލްސާ ބާއްވަ އެވެ.