Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

26 އޯގަސްޓް 2019

ޝާހްރުކް ހާނާއި ނެޓްފްލިކްސް ގުޅިގެން ހެދި ފުރަތަމަ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ހާނާއި ނެޓްފްލިކްސް ގުޅިގެން ހެދި ފުރަތަމަ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 27 އިން ފެށިގެން ސްޓްރީމްކުރަން ފަށާ މި ސީރީޒަކީ ލިޔުންތެރިޔާ ބިލާލް ސިއްދީގީ 2015 ގައި ނެރުނު ވާހަކަ "ބާޑް އޮފް ބްލަޑް" އަށް ބިނާކޮށް، ރިބޫ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ.

މީގެ ލީޑް ރޯލު ކުޅެނީ އިމްރާން ހާޝިމީ އެވެ. ސްޕައި ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ބާޑް އޮފް ބްލަޑް" ގައި އޭނާ ފެންނާނީ ކަބީރު އާނަންދު ކިޔާ ރޯ އެޖެންޓެއްގެ ރޯލުންނެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރަޖިތު ކަޕޫރް، އަމީރާ ދާސްތޫރް، ކިރިތީ ކުލްހާރީ، ވިނީތު ކުމާރު ސިންގް އަދި ޖެއިދީޕް އަހުލުވާތު ހިމެނެ އެވެ.

"ބާޑް އޮފް ބްލަޑް" ގައި ހިމެނޭނީ 8 އެޕިސޯޑެވެ.

ޝާހްރުކް އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން އިތުރު ދެ ސީރީޒެއް ވެސް ހަދަމުންނެވެ. އެއީ "ކްލާސް އޮފް 83" އާއި "ބެތާލް" އެވެ.

ރާޖީވްގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ދެހާސް ސަތާރައިގައި އަރްބާޒް ހާނާއި ސަނީ ލިއޯނީ ލީޑް ރޯލް ކުޅުނު ފިލްމު "ތެރާ އިންތިޒާރު" އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު ރާޖިވް ވާލިއާ އާ ފިލްމެއްގެ ހަދަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ ނަމަކީ "ދަޅުކޭ ދިލް ބާރު ބާރު" އެވެ. އެކަމަކު މި ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.

ރާޖިވް އެންމެ ފަހުން ގެނެސް ދިން "ތެރާ އިންތިޒާރު" އަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

"ބިގް ބޮސް 13" ގެ ޕްރޮމޯ

ކަލާޒް ޗެނެލުން ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

ސަލްމާން ހާން ހޯސްޓްކުރާ ޝޯގެ ފުރަތަމަ ޕްރޮމޯ އިން ފެންނަނީ އޭނާ ރޭލު އޮޕަރޭޓްކުރާ ތަނެއްގެ އެނައުންސަރެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެވެ. "ބިގް ބޮސް 13" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އަދި މި ފަހަރު ޝޯ އިން ފެންނާނެ ބައިވެރިންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން އަަންނަނީ ޝޯ އިން ފެންނާނެ ކަމަށް ބެލެވޭ ބައެއް ސެލެބްރިޓީންގެ ވާހަކަތައް ދައްކަމުންނެވެ.

"ބިގް ބޮސް" އަށް މި ފަހުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކުރިން މުޅިން ވެސް ސެލެބްރިޓީން ވާދަކުރާ ޝޯއިން، އާންމުންގެ ތެރެއިން ވެސް ކޮލިފައިވާ ބަޔަކަށް ފުރުސަތު ދިނުމެވެ.

މިދިޔަ އަހަރު ގެނެސް ދިން "ބިގް ބޮސް 12" ކާމިޔާބުކުރީ ޓީވީ ބަތަލާ ދިޕިކާ ކައްކަރެވެ.

"ޝޫޓްއައުޓް" ގެ އިތުރު ބައެއް ހަދަނީ

ގޭންގްސްޓާރުންގެ ވާހަކަ ކިޔައިދޭ ފިލްމުތައް ހަދަން މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމު "ޝޫޓްއައުޓް" ސީރީޒްގެ އިތުރު ބައެއް ހަދަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ފިލްމު ހަދާނީ ސަންޖޭ މިހާރު ޖޯން އަބްރަމް އާއި އިމްރާން ހާޝިމީއާ އެކު ބޮޑު ކާސްޓެއް ހިމަނައިގެން ހަދާ "މުމްބާއީ ސާގާ" ނިންމައިލުމަށް ފަހު އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ފިލްމެކެވެ.

އެކްތާ ކަޕޫރްގެ ބަލާޖީން ޕްރޮޑިއުސްކޮށް، "ޝޫޓްއައުޓް" ގެ ދެ ފިލްމެއް ކުރިން ވަނީ ގެނެސްދީފަ އެވެ. އެއީ 2007 ގެ "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި 2013 ގެ "ޝޫޓްއައުޓް އެޓް ވަޑާލާ" އެވެ.